ބީއެމްއެލް ޒަމާނީ ކުރަން މުހިންމު ހިދުމަތްތަކެއް ކުރެއްވި ސީއީއޯ، ޓިމޮޓީ ސޯޔާ އެ މަގާމުން ވަކިވަޑައިގަންނަވަން ނިންމައިިފި އެވެ.
ބީއެމްއެލްގެ މުވައްޒަފުންނަށް މިއަދު ހެނދުނު އޭނާ ފޮނުވި ލިއުމެއްގައި ވިދާޅުވެފައިވާ ގޮތުން ތިން އަހަރުގެ މުއްދަތަކަށް ބޭންކްއާއެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރައްވަން ބޯޑާވެސް މިހާރު ވަނީ މަޝްވަރާ ކޮށްފަ އެވެ.
ޓިމްގެ އެއްބަސްވުމުގެ މުއްދަތު ހަމަވާމީ އަންނަ ޖުލައި މަހު އެވެ.
އޭނާގެ މެސެޖުގައި ބުނެފައިވާ ގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ބޭންކް އިން ދެކެފައިވަނީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ. އަދި ބޭންކްގައި ހޭދަކުރެއްވި ދުވަސްތަކަކީ ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށާ މުވައްޒަފުންނާއި ބޭންކް ހޯދި ކާމިޔާބުތަކަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
"ހާއްސަކޮށް ކޮވިޑްއާއެކު ދިމާވި ބޮޑު ގޮންޖެހުން ތަކެއް ކުރިމަތިވ. އެހެންނަމަވެސް އެ ދަތިތަކުން އަރައިގަނެ މިއަދު ބޭންކު މިއޮތީ ކުރިމަގުގައި ވެސް ކާމިޔާބު ހޯދޭނެ ވަރަށް ވެސް ރަނގަޅު ހާލަތެއްގައި،" ޓިމް ވިދާޅުވެފައިވެ އެވެ.
ބީއެމްއެލް އިން ވަނީ ކޮވިޑުގެ ހާލަތުން އަރައިގަނެ މާލީ ގޮތުންވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދަން ފަށާފަ އެވެ. އެގޮތުން މިދިޔަ އަހަރު ބޭންކުން ވަނީ 1.9 ބިލިއަން ރުފިޔާގެ ސާފު ފައިދާ ހޯދަފަ އެވެ.