މި އަހަރުގެ މާޗް މަހާއި އެޕްރީލް މަސް އަޅާ ކިޔާނަމަ ރާއްޖޭގެ އޮފިޝަލް ރިޒާވް- ޖުމްލަ ރިޒާވް- އިން 36 މިލިއަން ޑޮލަރު މަދުވެއްޖެ އެވެ.
ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭ އިން ނެރުނު މެއި މަހުގެ އިކޮނޮމިކް އަޕްޑޭޓްގައިވާ ގޮތުން މާޗް މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި ހުރީ 865.2 މިލިއަން ޑޮލަރެވެ. ނަމަވެސް އެޕްރީލް މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވް ވަނީ 829 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. މިއީ ދެ މަސް އަޅާ ކިޔާނަމަ ގާތްގަނޑަކަށް 36 މިލިއަން ޑޮލަރު ނުވަތަ ހަތަރު ޕަސެންޓުގެ ދަށްވުމެކެވެ.
ރިޒާވްގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެޕްރީލް މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި ހުރީ 878 މިލިއަން ޑޮލަރެވެ. އެހެންވެ މިއީ މި އަހަރުގެ އެޕްރީލް މަހު ހުރި 829 މިލިއަން ޑޮލަރާ އަޅާ ކިޔާނަމަ ހަ ޕަސެންޓުގެ ދަަށްވުމެކެވެ.
މިހާރު ދުނިޔެ އަށް ކުރިމަތިވެފައިވާ އިގްތިސޯދީ އަސަރުގެ ސަބަބުން ރާއްޖެ ހިމެނޭ ގޮތަށް ހަ ގައުމެއްގެ ރިޒާވަށް ގޮންޖެހުންތަކެއް ކުރިމަތިވެ ދަށްވާނެ ކަމަށް ދުނިޔޭގެ މަޝްހޫރު ބޭންކް ޖޭޕީ މޯގަންގެ އިކޮނޮމިސްޓެއް ބޭރުގެ ނޫހަކަށް ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ރާއްޖޭގެ އިގްތިސޯދީ ކުރިއެރުން މިހާރު ހުރިގޮތަށް ބަލާއިރު ރިޒާވަށް އަސަރު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
މި އަހަރު ނިމޭއިރު ރާއްޖޭގެ ރިޒާވް ހުންނާނެ ކަމަށް މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވަނީ 657.3 މިލިއަން ޑޮލަރެވެ.