ރިޒާވް

ޔޫޒަބަލް ރިޒާވް ދަށަށް ހިނގައްޖެ

ރާއްޖޭގެ ރަސްމީ ރިޒާވް މިއަހަރުގެ ޖޫން މަސް ނިމުނުއިރު އިތުރުވި ނަމަވެސް ޔޫޒަބަލް ރިރާވް ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖޫން މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 509.2 މިލިއަން ޑޮލަރެވެ.

މިއީ މި އަހަރުގެ މޭ މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރި 492.2 މިލިއަން ޑޮލަރަށްވުރެ 17 މިލިއަން ޑޮލަރު އިތުރުވުމެކެވެ.

ރަސްމީ ރިޒާވް އިތުރުވި ނަމަވެސް މޭ މަހާއި އަޅާބަލާއިރު ޖޫން މަހު ޔޫޒަބަލް ރިޒާވް ވަނީ ދަށަށް ގޮސްފަ އެވެ.

ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން ޖޫން މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 66.9 މިލިއަން ޑޮލަރެވެ. ޔޫޒަބަލް ރިޒާވްގެ ގޮތުގައި މޭ މަސް ނިމުނުއިރު ހުރީ 73.1 މިލިއަން ޑޮލަރެވެ.

ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑު އަދި ބޭސް ފަދަ އަސާސީ މުދާ އެތެރެކުރުމަށް މަހެއްގެ މައްޗަށް 70 މިލިއަނަށްވުރެ ގިނަ ޑޮލަރު ބޭނުންވެ އެވެ.