ޓޫރިޒަމް

ކްލިކް ކޮލެޖުން އިންޓަނޭޝަނަލް ޓުއަރިޒަމް ކޮންފެރެންސެއް ބާއްވަނީ

Jun 4, 2022

ރާއްޖެއަކީ ދުނިޔޭގެ ޓޫރިޒަމްގެ ބްރޭންޑް އެކެވެ. ވަން އައިލެންޑް މަންޒިލެއްގެ ގޮތުގައި މަގުބޫލުވެފައިވާ މަންޒިލަކެވެ. ލަގްޒަރީ ޓޫރިޒަމްގައި ދުނިޔޭގެ އެއްވަނަ އެވެ. އެހެންވެ ޓޫރިޒަމް ސިނާއަތުގެ މާހިރުންގެ ލޯ އަބަދު ވެސް ރާއްޖެ އަށް އަމާޒުވެ އެވެ. މިއީ ވެސް އެ ފަދަ ބޮޑު ކަމެކެވެ. ރާއްޖޭގެ ކްލީކް ކޮލެޖުގެ އިސްނެގުމަކާއެކު ކްލީކް ކޮލެޖުގެ ސޯޝަލް ރިސާޗް ސެންޓަރާއި އިނގިރިރޭސިވިލާތުގެ ނޮޓިންހަމް ޓްރެންޓް ޔުނިވާސިޓީ އާއި އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީއާ ގުޅިގެން ބޭރުގެ ޓޫރިޒަމް ކޮންފަރަންސްއެއް ބޭއްވުމަށް މިވަނީ ތައްޔާރުވެފަ އެވެ.

އިންޓަނޭޝަނަލް ކޮންފަރަންސް އޮން ޓުއަރިޒަމް އެންޑް ސޯޝަލް ރިސާރޗް ގެ ނަމުގައި ބާއްވާ ކޮންފަރެންސު މި އަހަރުގެ ތީމް އަކީ ރީތިންކިން ޓުއަރިޒަމް ހޮސްޕިޓޭލިޓީ އެންޑް އިވެންޓްސް ފޯ އަ ބެޓާ ފިއުޗާ އެވެ.

މި ދާއިރާގެ ޕޮލިސީގައި މަސައްކަތް ކުރާ ފަރާތްތަކާއި ރިސޯޓް މެނޭޖަރުންނަށް ހާއްސަކޮށްގެން ދިވެހި ރާއްޖޭގައި ބާއްވާ ކޮންފެރެންސްއެކެވެ. ކޮންފަރަންސް ގެ ޗެއާއަކީ ކްލީކް ކޮލެޖްގެ ޕްރެޒިޑެންޓް ޑރ. ނައުޝާދު މުހައްމަދު އެވެ. އަދި ކޯ ޗެއާއަކީ ކާޓިން ޔުނިވާރސިޓީގެ ޕްރޮފެސަރު ކްރިސްޓޯފް ފޯ އަދި ނޮޓިނގްހަމް ޓްރެންޓް ޔުނިވާރސިޓީގެ ޕްރޮފެސަރު ބަބަކް ތަހޭރީ އެވެ. މި ކޮންފަރަންސްވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އެންޑޯސް ކޮށްފަ އެވެ. މީގެ އިތުރުން އެމްއެމްޕީއާރްސީ، ޔޫއެންޑީޕީ އަދި ކޮންފެޑަރޭޝަންއޮފް ޓުއަރިޒަމް އެންޑް ހޮސްޕިޓޭލިޓީ އިން ވަނީ މި ކޮންފަރަންސްއަށް ސަޕޯޓް ދީފަ އެވެ.

ކޮންފަރަންސްގެ ކީ ނޯޓް ސްޕީކާސް ގެ ގޮތުގައި ހަތް ކީނޯޓް ސްޕީކާސް ބައިވެރިވާނެ އެވެ. ކީނޯޓް ސްޕީކާސް ގޮތުގައި ހަމަޖެހިފައިވަނީ ނޮޓިންހަމް ޓްރެންޓް ޔުނިވާރސިޓީގެ ޕްރޮފެސަރު ބަބަކް ތަހޭރީ އާއި ޔުނިވާސިޓީ އޮފް ސެންޓްރަލް ފްލޮރިޑާގެ ޕްރޮފެސަރު ފައިޒީ އުކުމަސް އާއި ކާޓިން ޔުނިވާސިޓީގެ ޕްރޮފެސަރު މައިކަލް ވޮލްގާ އަދި ގްރީސްގެ ޔުނިވާސިޓީ އޮފް ޕިރެއިސްގެ ޕްރޮފެސަރު މަރިއާނާ ސިގާލާއާއި ޔުނިވާރސިޓީ އޮފް ރީޑިން ގެ ޕްރޮފެސަރު ޖަސްޓިން ޕައުލް އާއި އެޑިންބަރާ ޔުނިވާރސިޓީގެ ޕްރޮފެސަރު ޖޭން އަލީ ނައިޓް އަދި ކުރީގެ ޓުއަރިޒަމް މިނިސްޓަރ ޑރ.މަރިޔަމް ޒުލްފާ އެވެ.

މި ކޮންފަރަންސްގައި ރިސާޗް ޕޭޕާތައް ހުށައެޅުމަށް ހަމަޖެހިފައިވެ އެވެ. މިހާތަނަށް ފަތުރުވެރިކަމާއި ފަތުރުވެރިކަމާ ގުޅުން ހުރި އެކި ދާއިރާ ތަކުން ޕޭޕާ ހުށައެޅުމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ކޮންފަރަންސް އޯގަނައިޒް ކުރުމާ ހަވާލުވެހުންނެވި ކޮންފެރެންސް ގެ ސެކްރެޓޭރިއޭޓް ލިއުޝާ ހަސަން ވިދާޅުވި އެވެ. އަދި ދިވެހިރާއްޖޭގައި ތިބި ރިސާޗް ހަދާ ފަރާތްތަކާއި ޕީއެޗްޑީ އަށް ކިޔަވާ ފަރާތްތަކަށް ޕޭޕާ ހުށައަޅަން ބޭނުންނަމަ އަދި އެ ފުރުސަތު އެބަ އޮތް ކަމަށް ލިއުޝާ ވިދާޅުވި އެވެ. މިހާތަނަށް 40 ޕޭޕަރެއް ހުށަހަޅާފައިވެ އެވެ.ހަ އިންޓަނޭޝަނަލް ޖާނަލް އަކުން ހުށައެޅޭ ޕޭޕާ ތަކަށް ކޮންފަރަންސް އަށް ސަޕޯޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮންފަރެންސް ސްޕޮންސާ ކުރަން ފުރުސަތު

މި ކޮންފަރަންސްގެ ސެޝަން ތަކުގެ ތެރޭގައި ފަތުރުވެރިޔާގެ ޓޫރިސްޓް އެކްސްޕީރިއަންސް އާއި ޓެކްނޮލޮޖީ އަދި އާރޓީފިޝަލް އިންޓެލިހެންސް އާއި ހިއުމަން ރިސޯރސް މެނޭޖްމެންޓް އާއި ކަލްޗަރަލް ޓުއަރިޒަމާއި އިޖްތިމާއީ ދާއިރާއާއި ތިމާވެއްޓާއި މާކެޓިން އަދި ގަވަނަންސް ހިމެނެ އެވެ.

ކޮންފަރަންސް ސެކްރެޓޭރިއަޓް ވިދާޅުވާ ގޮތުގައި ފަތުރުވެރިކަމާ ބެހޭ އިންޓަނޭޝަނަލް ކޮންފަރެންސް ކްލީކް ކޮލެޖަށް ޗެއާކޮށް ހޯސްޓް ކުރަން ލިބުމަކީ ކްލީކް ކޮލެޖަށް ވެސް އަދި ދިވެހިރާއްޖެ އަށް ވެސް ލިބޭ ވަރަށް ބޮޑު ފަހުރެކެވެ.

"މީ ރާއްޖޭގައި ފަތުރުވެރިކަމާއި މާކެޓިން އާއި ބިޒްނަސް އަދި އެޗްއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި މެނޭޖަރުންނާއި އަދި ރިސާރޗްހައްދަވާ ފަރާތްތަކާއި ދަރިވަރުންނަށް ހުރި ރަނުގެ ފުރުސަތެކެވެ. ސަބަބަކީ މިފެންވަރުގެ ކޮންފެރެންސް އާއްމުކޮށް ބާއްވަނީ ޔޫރަޕުގެ ގައުމުތަކުގައި،" ވިދާޅުވި އެވެ.


މި ކޮންފަރަންސް އަށް ސްޕޮންސާ ކުރުމަށް މިވަނީ މި ވަގުތު ހުޅުވާލެވިފަ އެވެ. ސްޕޮންސާ ކުރުމަށް ގޯލްޑް، ސިލްވަ އަދި ބްރޮންޒް ކެޓަގަރީއިން މިވަނީ ހުޅުވާލެވިފައެވެ. މި ކޮންފަރެންސް ކޮންފަރަންސް ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ކޮންފަރަންސް އާ ބެހޭ ހުރިހާ މައުލޫމާތެއް ކޮންފެރެންސް ގެ ވެބްސައިޓް އިން ލިބޭނެއެވެ.