އިލެކްޝަންސް ކޮމިޝަން

3000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ނޯޓިސް ދީފި

Jun 2, 2022
1

ސިޔާސީ ޕާޓީތަކުގެ ތެރެއިން 3،000 މެންބަރުން ހަމަނުވާ ޕާޓީތައް މިމަހު 14ގެ ފަހުން އުވާލާނެ ކަމަށް އެ އަދަދު ހަމަނުވާ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ނޯޓިސް ފޮނުވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 3،000 މެންބަރުން ހަމަވަނީ ހަތް ޕާޓީގަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވަނީ ރާއްޖޭގައި ދެވަނަ އުފެއްދި ޕާޓީ -- ޑީއާރްޕީއާއި، ސަރުކާރު ހިންގާ ކޯލިޝަންގައި އޮތް ރައީސް މައުމޫންގެ އެމްއާރްއެމްއާއި، ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އެމްޓީޑީގެ އިތުރުން މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) އެވެ.

އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު މިއަދު އަވަސް އަށް ވިދާޅުވީ ނޯޓިސް ފޮނުވި ޕާޓީ ތަކުގެ ތެރެއިން ބައެއް ޕާޓީ ތަކުން 3،000 މެންބަރުން ހަމަކުރަން އިތުރު ވަގުތު ދިނުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް ގާނޫނުގައި ވަކި މުއްދަތެއް ކަނޑައަޅާފައިވާތީ 3،000 މެންބަރުން ހަމަކުރަން އިތުރު ވަގުތު ދެވެން ނޯންނާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

"ހަގީގަތުގައި އަޅުގަނޑުމެން ވަކި ޕާޓީއެއް އުވާލާކަށް ވެސް އަދި އުވާނުލާކަށް ވެސް ނޫޅެން. އަޅުގަނޑުމެން މިއަމަލުކުރަނީ ގާނޫނާ އެއްގޮތަށް،" އޮފިޝަލް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައި ބުނާ 10،000 މެންބަރުން ތިބުމުން މިއަހަރު ދައުލަތުގެ ބަޖެޓުން ހަތަރު ޕާޓީ އަކަށް ފައިސާ ވެސް ދީފައިވެ އެވެ. އެއީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އިދިކޮޅު ޕީޕީއެމް އެވެ.