މަސްތުވާތަކެތި

42 ކިލޯގެ ޑްރަގް: ތުހުމަތުކުރެވޭ ދެ މީހުން ދޫކޮށްލައިފި

Jun 2, 2022

ރާއްޖެއަށް 42 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންވެސް ދޫކޮށްލައިފި އެވެ.

މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އިދިކޮޅު ޕީއެންސީގެ ކުރީގެ ކައުންސިލް މެންބަރު ކ. މާލެ، ދަފްތަރު އަހްމަދު ހުސައިނާއި މއ. ނޫރުއް، އަބްދުﷲ ނަޝީދު އެވެ.

މި ދެ މީހުން ދޫކޮށްލާފައިވާ ކަން ފުލުހުން ޔަގީންކޮށްދެ އެވެ. ނަމަވެސް އިތުރު ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި މިމައްސަލައިގައި ހިމެނޭ އިސް މީހަކު އަހްމަދު ހުސައިން އެވެ. އޭނާ އަކީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިދިކޮޅު ޕީއެންސީގެ ޓިކެޓްގައި އަލިފުށި ދާއިރާ އަށް ވާދަކުރެއްވި ކެންޑިޑޭޓެކެވެ.

ނަޝީދަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 2006 ވަނަ އަހަރު އުމުރަށް ޖަލަށްލާފައިވާ މީހެކެވެ.

މަސްތުވާތެކެތީގެ ގާނޫނު ބުނާ ގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން 10 ގްރާމަށް ވުރެ ދަށުން މަސްތުވާތަކެތި ގެންގުޅެގެން ހުކުމް ކޮށްފައިވާ މީހުންނާއި، މަނާ ބޭސް ބޭނުންކުރުމުގެ ކުށުގައި ހުކުމް ކޮށްފައިވާ މީހެއް ނަމަ އެފަދަ މީހުންނަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކުރުމުން ޕެރޯލް ލިބޭނެ އެވެ. ފުލުހުން ބުނާ ގޮތުން ނަޝީދު މުޖުތަމައަށް ދޫވެފައި ހުރީ އެ އުސޫލުންނެވެ.

އަހްމަދު ހުސައިނާއި ނަޝީދަށް ތުހުމަތުކުރާ 42 ކިލޯގެ މަސްތުވާތަކެތި ވަޅުލާފައި ހުރީ މާފަންނުގައި އައިޖީއެމްއެޗް ކައިރީގައި ހުރި ގެއެއްގަ އެވެ. އެތަކެތި ފުލުހުން އަތުލައިގަތީ މިދިޔަ މާޗް މަހުގެ 24 ވަނަ ދުވަހުގެ ރެ އެވެ.