ރައީސް މުހައްމަދު ނަޝީދު

ގިނަ ކޮތަޅުތަކުގައި ކުނި ނޭރޭތީ ނަޝީދު ކަންބޮޑުވެއްޖެ

ކުނި ވަކިކޮށް ނެރޭއިރު ކަރުދާސް އަދި ޕްލާސްޓިކް ފަދަ ތަކެތި އިތުރު ކޮތަޅަކަށް އަޅާފައި ހުއްޓާ އެހެން ގައުމުތަކުން ފެނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނަޝީދު މިހެން ވިދާޅުވީ އުކާލަން ކުނި ނެރޭއިރު ކުނީގެ ބައިތައް ބައިބަޔަށް ވަކިކޮށްގެ ނެރުމަށް އެންގުމުން ކުނި ވަކިކޮށްފައި ނެރޭއިރު ވަކިވަކި ކޮތަޅުތަކުގައި ނެރެމުންދާތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވައެވެ.

ނަޝީދު ވިދާޅުވީ ކުނި ވަކިކޮށް ނެރޭއިރު ކަރުދާސް އަދި ޕްލާސްޓިކް ފަދަ ތަކެތި އިތުރު ކޮތަޅަކަށް އަޅާފައި ހުއްޓާ އެހެން ގައުމުތަކުން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި ގިނަ ގައުމުތަކުގައި ކޮތަލަށް އަޅަނީ ހަމައެކަނި ކުނިވާ ބާވަތްތަކުގެ ކުނި ކަމަށް ވިދާޅުވިއެވެ.

ގޭބިސީތަކުން އުކާލާ ކުނި ބައިބަޔަށް ވަކިކޮށްގެން ނެރެން އެންގީ އެންވަޔަރަންމަންޓް މިނިސްޓްރީން މިދިޔަ އޮގަސްޓް މަހު ގެޒެޓްކޮށްފައިވާ ކުނި މެނޭޖްކުރުމާ ބެހޭ ގަވައިދުގައި އެގޮތަށް ކުނީގެ ކަންކަމުގައި އަމަލުކުރަން އަންގާފައިވާތީ އެވެ. އެ އުސޫލަށް މިހާރު ވަނީ އަމަލު ކުރަން ފަށާފައެވެ. އެއީ އިއްޔެއިން ފެށިގެންނެވެ.

ގޭބީސީތަކުން ކުނި ނެރޭއިރު ހަތަރު ބަޔަކަށް ބަހާއިރު ކުނިތައް ވަކިވަކި ކޮތަޅުތަކުގައި ހުރުމުން ޕްލާސްޓިކަށް ކުރެވޭ ހޭދަ އިތުރުވާނެތީ އެކަމާ އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ފާޑުކިޔަމުންނެވެ. އަދި އެއީ ދެކޮޅު ޖެހޭ ކަމެއްތޯ ސުވާލުކުރެއެވެ. މީގެ އިތުރުން ކޮތަޅުތަކުގައި ކުނި ވަކިކުރި ނަމަވެސް ވެމްކޯއިން ހުރިހާ ކުންޏެއް އެކުގައި ނަގާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުކޮށް އުސޫލަށް އެ ކުންފުނިން އަމަލު ކުރޭތޯވެސް ސުވާލުކޮށްފައިވެއެވެ.

ވެމްކޯ އިން އަންގާފައިވާ ގޮތަށް ހަތަރު ބަޔަށް ކުނި ވަކިކޮށްފައި ނުހުންނަ ގޭބިސީތަކުން ނެރޭ ކުނި ބަލައިނުގަމުގެ އިޚްތިޔާރު ވެމްކޯއަށް ލިބިގެންވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.