ރައީސް މުހައްމަދު ނަޝީދު

ހުށަހެޅިފައިވަނީ ކޮތަޅު ފީގެ އިސްލާހެއް ނޫން: ނަޝީދު

ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުގައި ކޮތަޅު ފީ އިސްލާހު ނުހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު ހުށަހެޅުއްވި އިސްލާހުގެ އިބްތިދާއީ ބަހުސް ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިސްލާހާއި ގުޅޭ ގޮތުން ބައެއް މެންބަރުންނަށް އޮޅިވަޑައިގެންފައިވާ ކަމަށެވެ.

"ބައެއް އިއްޒަތްތެރި މެންބަރުންނަށް ހީވެލައްވާފައި އޮތީ ފުރަތަމަ ކިޔުމާއި އެކީގައި އަދި އެޖެންޑާ ކުރުމާ އެކީގައި މީގައި މިވަނީ މި ބިލްގެ 32ވަނަ މާއްދާގައި އެބުނާ އަގާއި ގުޅޭ މަސައްކަތެއް ކުރުމަށޭ، ފީއާއި ގުޅޭ މަސައްކަތެއް ކުރުމަށޭ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މިއަދު ބަހުސް ކުރެވެނީ ރާއްޖެއަށް ކުނި އެތެރެކުރުން މަނާކުރުމަށް ގާނޫނަށް ހުށަހެޅިފައިވާ އިސްލާހާއި ގުޅޭ ގޮތުންނެވެ.

ރައްޔިތުންގެ މަޖިލިސް މި ހަފުތާގައި ޗުއްޓީއަށް ދިއުމުގެ ކުރިން، ކޮތަޅު ޓެކުހުގެ މައްސަލަ ނިންމަން ބައެއް މެންބަރު އެދެމުންދާ ކަމަށާއި ނަމަވެސް އިސްލާހުގެ ފުރަތަމަ ކިޔުން ހުށަނޭޅޭކަން ނަޝީދު ފާހަގަކުރެއްވި އެވެ.

ކޮތަޅު ބޮނޑި އިސްތިސްނާ ނުކޮށް، ކުނި މެނޭޖު ކުރުމާބެހޭ ގާނޫނު މަޖިލީހުން ފާސްކުރީ ގަސްދުގައި ކަމަށާއި އެއީ އޮޅިގެން ކުރި ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކޮަތަޅު ބޮނޑި އިސްތިސްނާ ކޮށްފިނަމަ ޕްލާސްޓިކް ކޮތަޅު ބޮނޑި ގަންނަ މިންވަރު އިތުރުވެ ކޮތަޅު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށާއި ފްލާސްޓިކް ނޫން ގޮތެއް ހޯދުމަށް ވިޔަފާރިތަކަށް ބާރު ނޭޅޭނެ ކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ.

ނަޝީދު ވިދާޅުވީ ކޮމިޓީން ފާސްކޮށް ބަންޑާރަ ނައިބުގެ އިތުރުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ލަފާފުޅަށް ފޮނުއްވެވި ކަމަށެވެ. ނަމަވެސް އެއްވެސް މައްސަލައެއް ފާހަގަކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.

ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ކުޑަކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދެކޮޅު ހައްދަވާފަ އެވެ.