އެންވަޔަރަންމަންޓް މިނިސްޓްރީން ހުއްދަ ނަގައިގެން ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ލިބޭ، ކުނި މެނޭޖުކުރުމާ ބެހޭ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް ސޯލިހް ބިލް ތަސްދީގު ކުރައްވާފައި މިވަނީ މި ބިލު ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލުމަށް ތިމާވެށީގެ ރައްކާތެރި ކަމަށް މަސައްކަތް ކުރާ ޖަމިއްޔާތަކަކުން ގޮވާލާފައި ވަނިކޮށެވެ.
ސަރުކާރުން ބުނެފައިވަނީ ބިލް ތަސްދީގު ކުރެއްވުމަށްފަހު އަލުން އިސްލާހުކުރުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހް މީގެ ކުރިން ވިދާޅުވީ ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް އެ ބިލުގައި އޮތް މާއްދާއަށް ތާއީދު ނުކުރާ ކަމަށެވެ. އަދި މަޖިލީހުގެ އާ ދައުރު ފެށުމާއިއެކު އިސްލާހުކުރުމަށް ހުށަހަޅާނެ ކަމަށެވެ.
"އެ ބިލަށް ގެނެވިފައި އެވާ ބަދަލަކީ އަޅުގަނޑުމެން މިނިސްޓްރީން ހުށަހެޅި ބަދަލެއް ނޫން. އެ މާއްދާ އިސްލާހުކުރަން އަޅުގަނޑުމެން ހުށަހަޅާނަން،" އަލީ ސޯލިހް ވިދާޅުވި އެވެ.
މި ބިލާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ސޭވް މޯލްޑިވްސް ކެމްޕޭންގެ އިތުރުން ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އިތުރު 14 ޖަމިއްޔާއަކުން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބިލް ފާސްކުރުމުގެ ކުރިން ތިމާވެއްޓާ ގުޅޭ އެއްވެސް ޖަމިއްޔާއެއްގެ ހިޔާލާއި މަޝްވަރާ ހޯދާފައި ނުވާ ކަމަށެވެ.
ދިވެހި ސަރުކާރުން ފަށާފައިވާ "ވޭސްޓު ޓު އެނާޖީ" މަޝްރޫއަކީ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މަޝްރޫއެއް ނޫން ކަމަށާއި މިކަމުގައި ގިނަ ފަންނީ އަދި މާލީ ދަތިތަކެއް ހުރި ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން މި ނިންމުމުގެ ސަބަބުން ބޮޑު ނުރައްކަލަކަށް ރާއްޖެ ހުށަހެޅިގެންދާނެ ކަމަށާއި އަވަށްޓެރި ސްރީލަންކާ އަދި އިންޑިއާ ފަދަ ގައުމުތައް މިހާރު އެކަން ތަހައްމަލު ކުރަމުންދާކަން ޖަމިއްޔާތަކުން ފާހަގަކުރެ އެވެ.