އެންވަޔރަންމަންޓް މިނިސްޓްރީން ހުއްދަ ނަގައިގެން ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތް ހަދައި ކުނި މެނޭޖުކުރުމުގެ ބިލް ފާސްކުރުމާ ގުޅިގެން އެ ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުން ތިމާވެށީގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ ޖަމިއްޔާތަކަކުން ގޮވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން ނިމިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ފާސްކުރި ކުނި މެނޭޖްކުރުމުގެ ބިލްގައިވާ ގޮތުން މިނިސްޓްރީން ހަދައި އާންމުކުރާ ގަވައިދެއްގެ ދަށުން ހުއްދައަށް އެދުމުން ރާއްޖެއަށް ކުނި އެތެރެ ކުރުމުގެ ހުއްދަ ލިބޭނެ އެވެ. މިގޮތުން މި ބިލަށް އަމަލުކުރަން ފަށާތާ ހަމަސް ދުވަސް ތެރޭގައި ކުނި އެތެރެކުރުން ހުއްދަ ކުރުމުގެ ގަވައިދު ހަދައި އާންމުކުރަން ޖެހެ އެވެ.
މި ބިލާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް ޒީރޯ ވޭސްޓް މޯލްޑިވްސް އާއި ސޭވް މޯލްޑިވްސް ކެމްޕޭންގެ އިތުރުން ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އިތުރު 14 ޖަމިއްޔާއަކުން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ބިލް ފާސްކުރުމުގެ ކުރިން ތިމާވެއްޓާ ގުޅޭ އެއްވެސް ޖަމިއްޔާއެއްގެ ހިޔާލާއި މަޝްވަރާ ހޯދާފައި ނުވާ ކަމަށެވެ. އަދި ދިވެހި ސަރުކާރުން ފަށާފައިވާ "ވޭސްޓު ޓު އެނާޖީ" މަޝްރޫއަކީ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އެކަށީގެންވާ މަޝްރޫއެއް ނޫން ކަމަށާއި މިކަމުގައި ގިނަ ފަންނީ އަދި މާލީ ދަތިތަކެއް ހުރި ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން މި ނިންމުމުގެ ސަބަބުން ބޮޑު ނުރައްކަލަކަށް ރާއްޖެ ހުށަހެޅިގެންދާނެ ކަމަށާއި އަވަށްޓެރި ސްރީލަންކާ އަދި އިންޑިއާ ފަދަ ގައުމުތައް މިހާރު އެކަން ތަހައްމަލު ކުރަމުންދާކަން ޖަމިއްޔާތަކުން ފާހަގަކުރެ އެވެ. މިގޮތުން ރާއްޖޭގެ ބޮޑު އާބާދީއެއް މިހާރު ވެސް ނޭވާލާ ނިޒާމުގެ ބަލިތަކާއި ކުރިމަތިލަމުންދާއިރު ކުނި އެތެރެކޮށް އެންދުމުގެ ސަބަބަން ޖައްވަށް ވިހަ މާއްދާތައް ބޭރުވެ އާންމު ސިއްހަތަށް ނުރައްކާވާނެ ކަމުގައިވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މި ބަޔާނުގައި ޖަމިއްޔާތަކުން ވަނީ ކުނި މެނޭޖުކުރުމުގެ ބިލު ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ގޮވާލާފަ އެވެ. އަދި މި ކަމުގައި ހުރި ކަންބޮޑުވުންތައް ދެނެގަނެ އާންމުންގެ މެދުގައި މަޝްވަރާކޮށް ހައްލެއް ހޯދުމަށްވެސް އެދިފައިވެ އެވެ.
"ބޭރުގެ ކޮންޓްރެކްޓަރުންނާއި ކުންފުނިތަކުން ކުނި އުކާލަން ގެންގުޅޭ ތަނަކަށް ރާއްޖެ ހަދައިގެން ނުވާނެ. މިކަމަށް ގަވައިދެއް ހަދަންޖެހޭ،" ބަޔާނުގައިވެ އެވެ.
ސަރުކާރުން ފުރަތަމަ މަޖިލީހަށް ކުނި މެނޭޖުކުރުމުގެ ބިލް ހުށަހެޅިއިރު ރާއްޖެއަށް ކުނި އެތެރެކުރުން އޮތީ މަނާ ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް ގިނަ ގައުމުތަކަށް މިހާރު ވެސް ކުންޏަކީ ބޭނުންތެރި އެއްޗެއް ކަމަށާއި އޭގެއިން ހަކަތަ އުފެއްދޭނެ ކަމަށް ބުނެ ކޮމިޓީ މަރުހަލާއިގައި ވަނީ ރާއްޖެއަށް ކުނި އެތެރެކުރެވޭ ގޮތަށް ބިލް އިސްލާހުކޮށްފަ އެވެ.
ކުނި ބޭނުންކޮށްގެން ހަކަތަ އުފެއްދުމުގެ ޕްލޭނެއް ދިވެހި ސަރުކާރުން ގެންގުޅޭއިރު، އާ ގާނޫނުގެ ސަބަބުން އެފަދަ ބޭނުމަކަށް ބޭނުންވާ ކުނި ލިބުން ދަތިވެއްޖެ ހާލަތެއްގައި ކުނި ލިބޭނެ އިންތިޒާމުތައް ފަސޭހަކަމާއިއެކު ހަމަޖެހޭނެ ކަމަށްވެސް ކޮމިޓީގެ ބައެއް މެންބަރުން ވިދާޅުވެފައިވެ އެވެ.