އިންޑިއާގެ ވެސްޓް ބެންގާލްގައި ހުރި ލޯބިވެރިޔާ އާ ކައިވެނި ކުރުމަށްޓަކައި ބަންގްލަދޭޝް އަންހެނަކު ފަތާފައި ބައިނަލްއަގުވާމީ ބޯޑަރު ހުރަސްކޮށް އިންޑިއާ އަށް ހިނގައްޖެ އެވެ. އުމުރުން 22 އަހަރުގެ ކްރިޝްނާ މަންޑަލް ބަންގްލަދޭޝް އިން އިންޑިޔާ އަށް ފަތާފައި ދިޔައީ ދެ ގައުމުގެ ދޭތެރޭގައި އޮތް ބޮޑު ކޯރެއް ހުރަސްކޮށްފައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ.
ލޯބީގެ ފިލްމެއް ކުޅެލަން ވަރަށް ކަމުދާނެ މި ލޯބީގެ ވާހަކައިގައި ކްރިޝްނާ އާއި އޭނާގެ ލޯބިވެރިޔާ އަބީކް މަންޑަލް ފުރަތަމަ ބައްދަލުވީ ފޭސްބުކުންނެވެ. މާ ގިނަ ދުވަހެއް ނުވެ ދެ މީހުންނަށް އެކަކު އަނެކަކު ދެކެ ވަރަށް ބޮޑަށް ލޯބި ވެވުނެވެ. ނަމަވެސް ދެ ލޯބިވެރިންނަކީ ދެ ގައުމަކަށް ނިސްބަތްވާ ބަޔަކަށް ވާތީ އެމީހުން ބައްދަލުވުމަށް އޮތް ހުރަހަކަށްވީ ދެ ގައުމުގެ ދޭތެރޭގައިވާ ބޯޑަރެވެ.
އިންޑިއާ އަށް ގަވާއިދުން ބޯޑަރު ހުރަސްކޮށް ޒިޔާރަތް ކުރަން ކްރިޝްނާގެ އަތަކު ޕާސްޕޯޓެއް ނެތެވެ. ޕާސްޕޯޓް ނެތަސް ކްރިޝްނާ އޭނާގެ ލޯބިވެރިޔާ އާ ބައްދަލު ކުރަން ބޭނުން ވެފައި ހުރިވަރުން ގަވާއިދާ ޚިލާފަށް އިންޑިއާ ބޯޑަރު ހުރަސްކޮށް ފަތާފައި އެ ގައުމަށް އެރީ އެވެ.
އިންޑިއާ ދިއުމަށް ފަތަން ފެށުމަށް ކްރިޝްނާ ދަތުރުކުރީ ވަލު ޖަންގަލި ތެރެއިންނެވެ. އެ ޖަންގަޔަކީ ބޮޑެތި މިނިކާވަގާއި އެނޫންވެސް ވަލުޖަނަވާރުތައް ވަރަށް ގިނައިން ދިރިއުޅޭ ހިސާބެކެވެ. ނަމަވެސް ހިތްވަރާއެކު ޖަނަވާރެއްގެ އަތްދަށުނުވެ އޭނާ ކޯރުގެ ކައިރިއަށް ނުކުމެ އިންޑިއާއާ ވީ ދިމާލަށް ފަތަން ފެށީ އެވެ. އެގޮތުން މާލްޓާ ކޯރުގައި އޭނާ ގަޑިއެއްހާއިރު ފަތާފައި ވެއެވެ.
ކްރިޝްނާ ފަތާފައި އިންޑިޔާއަށް އަރައި ދެ ލޯބިވެރިން ބައްދަލުވެ އަދި ކައިރީގައި ހުރި ފައްޅިއަކަށް ގޮސް އަވަސް އަވަހަށް ކައިވެނި ވެސް ކޮށްފައި ވެއެވެ.
މި ޚަބަރު އިންޑިޔާ ފުލުހުންނަށް ލިބުނީ އިންޓަނެޓުގައި މި ޚަބަރު ވައިރަލް ވުމުންނެވެ. ފުލުހުންނަށް މިކަން އެނގުމާއެކު މިދިޔަ ހޯމަ ދުވަހު ކްރިޝްނާ ވަނީ ހައްޔަރުކޮށްފަ އެވެ.
ހުއްދަނެތި ބަންގްލަދޭޝް-އިންޑިއާ ބޯޑަރު ހުރަސްކޮށް އިންޑިއާއަށް އެރުމުގެ ކުށުގަ އެވެ. އިންޑިޔާގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަން އާ ކްރިޝްނާ ހަވާލު ކުރަން ހަމަޖެހިފައިވާ ކަމަށް ފަހުގެ ޚަބަރުތައް ބުނެ އެވެ.
މިއީ ބަންގްލަދޭޝް މީހުން އިންޑިޔާ ބޯޑަރު ހުރަސްކޮށް ނުގަވާއިދުން އެ ގައުމަށް އެރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ މަސްތަކެއް ކުރިން ބަންގްލަދޭޝްގެ ކުޑަ ފިރިހެންކުއްޖަކު އޭނާއަށް މާ މީރު ޗޮކްލެޓެއް އިންޑީޔާގެ ރަށެއްގައި ވިއްކާތީ އެ ގަންނަންވެގެން ބޯޑަރު ހުރަސްކޮށް އިންޑިއާއަށް ގޮސްފައި ވެއެވެ. އޭނާ އަތުލައިގަނެވުނީ މިގޮތަށް އެތައް ފަހަރަކު ބޯޑަރު ހުރަސްކޮށް ދަތުރުކުރި ފަހުންނެވެ.