ށ. ފޭދޫ

އަނބިމީހާގެ ބަނޑަށް ވަޅި ހެރި މީހަކު ހައްޔަރުކޮށްފި

Jun 3, 2022

އަނބިމީހާގެ ބަނޑަށް ވަޅި ހެރި މީހަކު ހައްޔަރުކޮށްފި އެވެ.

ށ. ފޭދޫގައި އިއްޔެ އިރުއޮއްސުނު ވަގުތު ހިނގި މިހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 9:20 ހާއިރު އެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން އަނބިމީހާއަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އޭނާގެ 32 އަހަރުގެ ފިރިމީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހަމަލާއާއި ގުޅިގެން 32 އަހަރުގެ އަންހެނަކަށް ފަރުވާ ދިނުމަށްފަހު މިހާރު ގެއަށް ދޫކޮށްލާފައިވާ ކަމަށް ފޭދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވެ އެވެ.

ފޭދޫ ކައުންސިލަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ އަންހެން މީހާއަށް އެހާ ބޮޑު ޒަހަމެއް ލިބިފައި ނުވާ ކަމަށެވެ.

މައްސަލަ ޖެހުނު ދެމަފިރިން ކައިވެނިކޮށްގެން އުޅޭތާ 10 ވަރަކަށް އަހަރު ވެއްޖެ ކަމަށާއި އަބަދުވެސް އެ ދެމަފިރިން މައްސަލަ ޖެހޭ ކަމަށް އެނގިފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެ ދެމަފިރިންގެ ކުދިން ތިބޭ ކަމަށްވެސް މައުލޫމާތު ދެއްވާފައިވެ އެވެ.