ކްރިމިނަލް ކޯޓް

ކުޑަކުއްޖަކު މަރާލި މާމަ އާއި ދޮންކާފަ 10 އަހަރަށް ޖަލަށް

Sep 19, 2022

ށ. ފޭދޫގައި ކުޑަކުއްޖަކު މަރާލި މައްސަލައިގައި ކުއްޖާގެ ދޮންކާފައާއި މާމަ 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކުއްޖާ މަރާލީ އުމުރުން 15 އަހަރުގައި 2013 ވަނަ އަހަރު އެ ކުއްޖާގެ މަންމަ ކައިވެނީގެ ބޭރުން ބަލިވެ އިނދެ ވިހެއުމާ ގުޅިގެން އެކަން ސިއްރުކުރުމުގެ ގޮތުންނެވެ.

މިމައްސަލައިގައި މާމައާއި ދޮން ކާފަގެ މައްޗަށް ކުއްޖާ މެރުމުގެ ދައުވާ އުފުލި ނަމަވެސް އެ މީހުންގެ މައްޗަށް ސާބިތުވީ ގަސްދަކާ ނުލައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.

ދައުވާ ސާބިތުވުމާ ގުޅިގެން ކޯޓުން މިއަދު ހުކުމް ކުރީ މާމައާއި ދޮންކާފަ 10 އަހަރަށް ޖަލަށް ލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި އެއް މަސް ތެރޭގައި އެއް މިލިއަން ރުފިޔާ ދެއްކުމަށެވެ. ކުށުގެ ކައްފާރާގެ ގޮތުން 60 ދުވަހު ރޯދަ ހިފަންވެސް އަންގާފައިވެ އެވެ.

މިއީ ކުޑަކުއްޖަކާ ގުޅުންހުރި މައްސަލައަކަށްވާތީ މިމައްސަލައިގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނު މި ހާދިސާއަށްފަހު މާމައާއި ދޮންކާފަ ތިބީ ބަންދެއްގައި ކަމުން އެ މީހުންނަށް މިއަދު އިއްވި ހުކުމާ ގުޅިގެން ޖަލު ބަންދުގައި ހުކުމް ތަންފީޒުކުރަންޖެހޭނީ ކުޑަ ދުވަސްކޮޅަކު އެވެ.

ކުޑަކުއްޖާގެ މަންމަ އަށް ކުރީ ޒިނޭގެ ދައުވާ އެވެ. ޖުވެނައިލް ކޯޓުގައި އޭނާގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް ހައިކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.