ށ. ފޭދޫ ސްކޫލުގައި ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށް ފޭދޫ ކައުންސިލުން ތުހުމަތު ކޮށްފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ފޭދޫ ކައުންސިލްގެ މެމްބަރު ހަމްދޫން އާދަމް ވިދާޅުވީ ލަފާ ކުރެއްވޭ ގޮތުގައި އަލިފާނުގެ އެ ހާދިސާއައީ ބަޔަކު އެތަނުގައި ގަސްދުގައި ހުޅުޖެހުމުން ކަމަށާއި އެ އިމާރާތަކީ ކަރަންޓު ނެތް އިމާރާތަކަށް ވުމުން ކަރަންޓު ޝޯޓެއް ވެގެން އަލިފާން ރޯނުވާނެ ކަމަށެވެ.
ރޯވި އިމާރާތުގައި ކަރަންޓު ދީގެން ބޭނުން ކުރަނީ ހަމައެކަނި އެތަނުގެ ހޯލެވެ. އެއީ އަލަށް ހެދި ސްކޫލުގެ ހޯލު ބޭނުން ކުރެވޭ ވަރަށް އަދި ތައްޔާރު ކުރެވިފައި ނުވާތީ އެވެ.
އޭނާ ވިދާޅުވީ ރޯވި މައުލޫމާތު ލިބުމުން ދިޔައިރު އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިފައި ހުރުމުން ބަޔަކު ރޯކޮށްލީ ކަމަށް ޝައްކު ކުރެވޭ ކަމަށެވެ. ރޭ ރޯވި އިމާރާތުގެ 90 ޕަސެންޓް ވަނީ އަނދާފަ އެވެ. ފާރުތައް ވެސް ވެއްޓި ފުނޑުފުނޑު ވެފައިވާ ކަމަށެވެ.
ފޭދޫ ސްކޫލުގެ ބާ އިމާރާތުގައި ރޯވި މިއީ ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ މި އިމާރާތް ރޯވީ މީގެ ހައެއްކަ މަސްކުރިންނެވެ. އެފަހަރު ރޯވެފައި ވަނީ ކްލާސްރޫމެއްގަ އެވެ. އަދި ދެވަނަ ފަހަރަށް ރޯވީ މީގެ ތިންމަސް ކުރިންނެވެ. އެފަހަރު ރޯވީ ގުދަނުގަ އެވެ.
ހަމްދޫން ވިދާޅުވި ގޮތުގައި މިފަހަރު ރޯވި އިމާރާތް ފުލުހުންނަށް ދޭން ކައުންސިލުން ވަނީ ރައްޔިތުންނާއި މަޝްވަރާ ކޮށްފަ އެވެ. އެއީ އެއިމާރާތް ތަޅާލުމަށް ފަހު އެތަނުގައި އެހެން އިމާރާތެއް އަޅައިގެން ފުލުހުން އެތަން ބޭނުން ކުރާށެވެ.
މި ހާދިސާ އާއި ގުޅިގެން ތުހުމަތަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.