ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ އޮޑިޓް ޑިޕާޓްމަންޓަށް ތުހުމަތު އަމާޒުކޮށް އެ ޑިޕާޓްމަންޓް އުވާލިއިރު 100 މިލިއަން ރުފިޔާގެ ހިޔާނާތާ ގުޅޭ 14 މައްސަލައަކަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް އެ ޑިޕާޓްމަންޓްގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އަހުމަދު ފަޒީލް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގައި އޮޑިޓް ޑިޕާޓްމަންޓެއް އުފެއްދީ މެއި 2021 ގައެވެ. އޭގެ ކުރީން އޮޑިޓް ކުރަމުން ގެންދިޔައީ އައުޓް ސޯސްކޮށްގެންނެވެ. އެކަމަށް އެ ކުންފުނިން ފައިސާ ހަރަދުކޮށްފައިވީނަމަވެސް އެއްވެސް އޮޑިޓަކާ ގުޅޭ ރިޕޯޓެއްވެސް އެ ކުންފުނީގައި ނެތެވެ.
އޮޑިޓް ޑިޕާޓްމަންޓް އުވާލުން ދިފާއުކޮށް ޕީއެސްއެމް އިން ނެރުނު ބަޔާނާއި ގުޅިގެން އަވަސްއާ ވާހަކަ ދައްކަމުން އިއްޔެ އުވާލި އޮޑިޓް ޑިޕާޓްމަންޓްގެ ޗީފް އިންޓާނަލް އޮޑިޓަރު އަހުމަދު ފަޒީލް ވިދާޅުވީ މެއި 2021 ގައި އެ ޑިޕާޓްމަންޓް އުފެދުމާއި ހަމައަށް ހިނގާދިޔަ 15 މަސްތެރޭ އައުޓް ސޯސްކޮށްގެން ހެދި އެއްވެސް ރިޕޯޓެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް އެ ޑިޕާޓްމަންޓުން މިދިޔަ އަހަރުގެ ނިޔަލަށް 30 މައްސަލައެއް ބަލާ 14 ރިޕޯޓް ތައްޔާރުކޮށް ބޯޑަށް ހުށައެޅި ކަމަށެވެ.
އޮޑިޓް ޑިޕާޓްމަންޓުން އިސްކަން ދީގެން ބަލާފައިވަނީ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ހުށައެޅުއްވި މައްސަލަތައް ކަމަށްވެސް ފަޒީލް ވިދާޅުވިއެވެ. ފަޒީލް ވިދާޅުވީ 14 ރިޕޯޓްގައިވެސް ކުންފުނީތެރޭގައި ބަޔަކު ހިންގަމުންދާ ހިޔާނާތުގެ ވަރަށް ބޮޑެތި މައްސަލަތަކުގެ ތަފްސީލް ހިމަނާފައިވާނެ ކަމަށެވެ. އަދި އެކަން ކުރާ މީހުންނާއި އެކަން ކަން ރާވާ ހިންގާ ގޮތްވެސް ބަޔާންކޮށްފައިވާނެ ކަމަށެވެ.
އެ ރިޕޯޓްތަކާއި ގުޅިގެން ބޯޑްގެ އިއްތިފާގުން އެ މައްސަލަތަކަށް ފިޔަވަޅު އަޅަން ނިންމާ ރިޕޯޓްތައް ފާސްވެސް ކޮށްފައިވެއެވެ. ފަޒީލް ވިދާޅުވީ ރިޕޯޓްތަކުގަައިވާ މައްސަލަތަކުގައި 100 މިލިއަން ރުފިޔާގެ ހިޔާނާތް ހިމެނިފައިވާ ކަމަށެވެ. އަދި އެކަންކަން ކުރަމުން ދަނީ ބައެއް ޑިޕާޓްމަންޓްތަކެއްގައި ތިބި މަދު ބައެއް ކަމަށެވެ. އެ ގޮތުން ޕީއެސްއެމްގެ ފައިނޭންސް ޑިޕާޓްމަންޓާއި ބިޑް ކޮމެޓީގެ ބައެއް މެންބަރުންނާއި ޕްރޮކިއުމަންޓް އަދި މާކެޓިން ޑިޕާޓްމަންޓްގެ ބައެއް މުވައްޒިފުން ހިންގާފައިވާ ހިޔާނާތާ ގުޅޭ މައްސަލަތައް ވަނީ ބަލާފައެވެ.
"މި ދެންނެވި މައްސަލަތަކާއި ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ގިނަ މީހުންނަކީ ތަނުގައި ވަރަށް ގިނަ ދުވަސްވީ މީހުން. ނަމަވެސް ބޯޑުން އެކަން ފާސްކުރުމަށް ފަހުވެސް ފިޔަވަޅު ނާޅާ ގެންދިޔައީ ލަސްކުރަމުން،"
ފަޒީލް ވިދާޅުވީ ފިޔަވަޅު އެޅުން ލަސްވަމުންދާތީ އެކަން މެނޭޖްމަންޓްގެ ސަމާލު ކަމަށް ގެނަައި ކަމަށެވެ. އަދި ބޯޑަށްވެސް އެ ޝަކުވާ ހުށައެޅި ކަމަށެވެ. ނަމަވެސް އެކަންކަން އިތުރަށް ބަލަމުންދާ ކަމަށް ވިދާޅުވެ އެމްޑީ އަލީ ހާލިދު ޖަވާބު ދެއްވާފައިވާ ކަމަށެވެ. އެއީ އެމްޑީއަށް އޮތް ބާރެއް ނޫން ކަމަށް ފަޒީލް ވިދާޅުވިއެވެ. އަދި އެ ޑިޕާޓްމަންޓުން ތަހުގީގު ކޮށްފައިވާ މައްސަލަތަކާއި ގުޅޭ ރިޕޯޓްތައް އިތުރަށް ތަހުގީގު ކުރަން އޭސީސީ ފޮނުވާފައިވާ ކަމަށް ބުނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށެވެ.
"އެމްޑީއަކަށް ހަގީގަތުގައި އެނގިވަޑައިނުގަންނަވާ މި ޕްރޮސެސް އޮންނަ ގޮތްވެސް،"
ފަޒީލް ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން އޮޑިޓްގެ މަސައްކަތަށް ޕީއެސްއެމްގެ މެނޭޖްމަންޓާއި ބޯޑްގެ އެއްވެސް ސަޕޯޓެއް ނުލިބޭ ކަމަށެވެ. އެއީ ހިޔާނާތާ ގުޅުންހުރި، ތަނުގައި ތިބި ދުވަސްވީ މުވައްޒިފުންގެ ނުފޫޒުގައި ޖެހިގެން ކޮށްފައިވާ ކަމެއް ކަމަށެވެ. ފަޒީލް ވިދާޅުވި ގޮތުގައި ކުއްލި ގޮތަކަށް އޮޑިޓް ޑިޕާޓްމަންޓް އުވާލާފައިވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމެޓީގެ ސަމާލު ކަމަށް އެކަން ގެނެސްފައިވަނިކޮށެވެ. އަދި ޕީސީބީގެ ރައީސާ ބައްދަލުކޮށް އެ ކަމުގެ ތަފްސީލު ހިއްސާ ކޮށްފައި ވަނިކޮށެވެ.
ކުއްލި ގޮތަކަށް އޮޑިޓް ޑިޕާޓްމަންޓް އުވާލާ އޮޑިޓްގެ ކަންކަން އައުޓް ސޯސް ކުރުމަކީ ހިޔާނާތް ނުބަލާ އަަދި ހިޔާނާތް ފަޅާ އަރުވާލި ރިޕޯޓްތައް ފޮރުވަން ކުރި ކަމެއްގެ ގޮތުގައި ފަޒީލް ސިފަ ކުރެއްވިއެވެ. ފަޒީލް ވިދާޅުވީ 14 އޮޑިޓް ރިޕޯޓް އާންމު ކުރަން އެ ކުންފުންޏަށް ނުކުރެވޭނެ ކަމަށާ އެ ރިޕޯޓްތަކުގައި ކުންފުނީގައި ހުރި މައްސަލަތަކާއި ހިޔާނާތް ވަރަށް ސާފުކޮށް ލިޔެފައިވާނެ ކަމަށެވެ.
"ހަގީގަތުގައި ރިޕޯޓްތަކުގައި ހުރި މައްސަލަތަކަށް ފިޔަވަޅު އަޅަން އެމްޑީއަކަށްވެސް ބޯޑަކަށްވެސް ކެރިވަޑައިނުގަތީ،"
ދައުލަތުގެ މިޑިއާ ކުންފުނި، ޕީއެސްމް އިން މިއަދު ބުނީ އިންޓާނަލް އޮޑިޓެއް ހަދަން އައުޓްސޯ ކުރަން ނިންމީ ވޭތުވެދިޔަ 14 މަސް ދުވަހުގެ ތެރޭ ޕީއެސްއެމްގެ އޮޑިޓް ޑިޕާޓްމަންޓްގެ މަސައްކަތުގެ ފެންވަރާއި ލަނޑުދަނޑިތައް ކުންފުނިން އެދޭ މިންވަރަށް ހާސިލްވެފައި ނުވާތީ ކަމަށެވެ. އަދި އެ ނިންމުން ގެނައީ ކުންފުނީގެ އޮޑިޓް ކޮމެޓީން ނިންމާފައިވާ ގޮތަށް ބޯޑުން ފާސް ކޮށްގެން ކަމަށް ވެސް ބުންޏެވެ.
ޕީއެސްއެމް އިން މިއަދު ބަޔާނެއް ވެސް ނެރުނެވެ. އެ ބަޔާނުގައި ބުނާ ގޮތުން އޮޑިޓް ޑިޕާޓްމެންޓެއްގެ މަސައްކަތަކީ އޮޑިޓް ރިޕޯޓް ހެދުން ކަމަށްވާއިރު ޕީއެސްމްގެ އެ ޑިޕާޓްމަންޓުން އެފަދަ ރިޕޯޓެއް ހަދާފައި ނުވާ ކަމަށް ބުނެފައި ވެއެވެ.
އަދި ބުނީ އޮޑިޓް އައުޓްސޯސް ކުރަން ނިންމީ ކުންފުނީގެ އޮޑިޓް ޑިޕާޓްމަންޓްގެ މަސައްކަތް އޮޑިޓް ކޮމެޓީން ރިވިއު ކުރުމަށްފަހު ކުންފުންޏަށް އެންމެ ފައިދާ ބޮޑު ގޮތަކީ ކުންފުނީގެ ބޭރުން އޮޑިޓްގެ މަސައްކަތް ކުރުންތޯ ބެލުމަށް ފަހު އެވެ.
އަދި ބުނެފައި ވަނީ މިދިއަ 14 މަސް ދުވަހުގެ ތެރޭ ޕީއެސްމްގެ އޮޑިޓް ޑިޕާޓްމަންޓްުން ކޮށްފައިވާ މަސައްކަތަކީ ކުންފުނީގެ ބައެއް މުވައްޒަފުންނަށް ތުހުމަތުކޮށް ލިޔުންތަކެއް ތައްޔާރު ކުރުން ކަމަށާއި އެ ލިޔުންތައް އިތުރަށް ތަހުގީގު ކުރަން އޭސީސީއަށް ވެސް ފޮނުވާފައިވާ ކަމަށެވެ.