ދުނިޔެ

ޔުކްރޭން ހިފުމުގެ ވިސްނުމެއް ރަޝިއާ ނުގެންގުޅޭ: ލޫކަޝެންކޯ

ޔުކްރޭން ހިފައި އަޅުވެތި ކުރުމުގެ ވިސްނުން ރަޝިއާ އަދި އެ ގައުމުގެ އަސްކަރިއްޔާ ނުގެންގުޅޭ ކަމަށް ބެލަރޫސްގެ ރައީސް އެލްގްޒެންދަރު ލޫކަޝެންކޯ ވިދާޅުވެއްޖެ އެވެ.

ލޫކަޝެންކޯ ވިދާޅުވި ގޮތުގައި ދުނިޔެއަށް މިހާރު ފެންނަމުން އެދަނީ ނުފޫޒު ގަދަ ގައުމުތަކުން ރަޝިއާއަށް ކަމޭ ނުހިތުމުގެ ނަތީޖާ ކަމަށެވެ.

"ރަޝިއާ އަކީ ބާރުގަދަ ގައުމެއް،" ލޫކަޝެންކޯ ވިދާޅުވި އެވެ. "އެހެން ނަމަވެސް، އަޅުގަނޑު މިދަންނަވަނީ އެނގި ހުރެ، ރަޝިއާއިން ޔުކްރޭން ނުހިފާނެ. އަޅުވެއްޗެއް ވެސް ނުކުރާނެ" ލޫކަޝެންކޯ ވިދާޅުވި އެވެ.

ލޫކަޝެންކޯ ވިދާޅުވި ގޮތުގައި ކޮންމެ ގައުމަކަށް ވެސް ސަލާމަތާއި ރައްކާތެރިކަން މުހިންމު ވާނެ އެވެ. ރަޝިއާގެ ދޮރު ބުޑަށް ބަޔަކު ޖަމާވެ ތަޅުހަލާކު ކޮށްލަންދެން ކަމެއް ނުކޮށް އޮންނާނެ ކަމަށް ބަޔަކު ގަބޫލު ކުރުމަކީ ވަރަށް ކޮސްކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕޫޓިންއަށް އަދި ރަޝިޔާ މީހުންނަށް ކުޑައިމީސްކޮށް ހިތައި ރަޝިއާ ބަހަށް ހަލާކަށް ގޮވުމުގެ ބޭނުމެއް ނެތް ކަމަށް ލުކަޝެންކޯ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާ ބަހުން ވާހަކަ ދައްކާ ބައިވަރު މީހުން ޔުކްރޭންގައި އުޅޭ ކަމަށާއި، ރަޝިއާ ބަހުން ވާހަކަ ދައްކާ ކޮންމެ މީހަކީ ރަޝިއާ ރައްޔިތެއް ނޫން ކަމަށެވެ.

ރަޝިއާއިން ޔުކްރޭން ހިފާނެ ނަމަ މިހާރު އޮންނާނީ އެކަމެއް ނިމިފައި ކަމަށް ލޫކަޝެންކޯ ވިދާޅުވި އެވެ. ދުނިޔޭގެ ހަމަލޮލަށް ރަޝިއާ އަދި ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔުކްރޭންގެ ހާލަތު ގޯސް ކުރަނީ ރަޝިއާ ނޫން ކަމަށާއި އެއީ ބަޔަކު ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް ގޮތުގައި ލޫކަޝެންކޯ ފާހަގަ ކުރެއްވި އެވެ. އޭނާ އަދި ވިދާޅުވީ ހަމަލާތައް ހުއްޓާލަން ބޭނުން ނުވާ މީހުން ޔުކްރޭންގައި ވެސް އެބަ ތިބި ކަމަށެވެ.

ޔުކްރޭންގެ ތަންތަން ހަލާކު ވަނީ ހަމައެކަނި ރަޝިއާ ސިފައިން ދޭ ހަމަލާތަކުން ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. ޔުކްރޭންގެ އަސްކަރިއްޔާއާ ގުޅިގެން ޔުކްރޭންގެ ތަންތައް ހަލާކުރަން މިސައިލް ހަމަލާދޭ ގުރޫޕްތައް ވެސް އެގައުމުގައި ތިބި ކަމަށް ބެލަރޫސްގެ ރައީސް ވިދާޅުވި އެވެ.