ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް ތިމާވެށްޓާ ރައްޓެހި ގޮތްތައް ހޯދައި އެ ގޮތްތަކަށް ދިރިއުޅެން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މިރޭ ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ދުނިޔޭގެ ފެންވަރުގައި ތިމާވެށީގެ ދުވަހެއް ފާހަގަކުރެވެނީ ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި މެދު ހޭލުންތެރިކަން އިތުރުކޮށް ތިމާވެށްޓަށް ގެއްލުން ލިބޭ ކަންތައްތަކުން ދުރުހެލި ކުރުމަކީ އެންމެ މުހިންމު އެއް ބޭނުން ކަމަށް ދެކިގެން ކަމަށް ވިދާޅުވިއެވެ. އަދި ނެތިގެންދާ ވަސީލަތްތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ މައްޗަށް މިފަދަ ދުވަހެއްގައި ވިސްނަންޖެހޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އެ ގޮތުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި ގުދުރަތީ ގޮތުން ތަނަވަސް ވެފައިވާ އެކިއެކި ވަސީލަތްތައް ދިރިއުޅުމުގެ ފަސޭހައަށްޓަކައި ބޭނުން ހިފާއިރު އެ ވަސީލަތްތައް ގެއްލިގެން ދިއުމުން އެ ކަމުން ކުރިމަތިވާނެ ނުތަނަވަސްކަން ހިތަށް ނުގެވޭ ކަމުގައި ވިދާޅުވިއެވެ.
އަދި ވިދާޅުވީ ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތައް އަންނަމުންދާ ކަމަށާއި ޖައްވު ހޫނުވެ ތަޣައްޔަރު ވަމުންދާއިރު ކުރީގައި އަޑުނާހާ މިންވަރަށް ރާއްޖޭގެ އިތުރުން އެހެނިހެން ގައުމުތަކުގައިވެސް އުދައެރުމާއި ފެންބޮޑުވުމުގެ ހާދިސާތައް ފަދަ ގުދުރަތީ އެކިއެކި ހާދިސާތައް ހިނގުން އިތުރުވެފައިވާ ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށާއި އެހެނިހެން ކަންކަމަށް ލިބެމުންދާ ގެއްލުންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކާއިމެދު ދުނިޔޭގެ އެކިއެކި ލީޑަރުންނާއި ތިމާވެށީގެ ހައްގުގައި ވަކާލާތުކުރާ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގެ އިތުރުން އެ ކަމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ ހިމެނިގެންދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާ ގައުމުތަކުގެ ތެރޭގައި ކަމަށާއި މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތަކީ ހަމަ އެކަނި ދެކެވޭ ވާހަކައަކަށް ވެގެން ނުވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެއް ކަން ފާހަގަކުރައްވައި ދިވެހިރާއްޖެއަށް ފަތުރުވެރިންގެ އެހާބޮޑު ސަމާލުކަމެއް ލިބެނީ ރާއްޖޭގެ ގުދުރަތީ ނިއުމަތުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ސާފު މޫދާއި ދޮންވެލި ތުނޑިތައް ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ވާސިލުކޮށްދިނުމަށްޓަކައި އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ފުވައްމުލައް ސިޓީ ބަޔޮސްފިޔާ ރިޒާވް ލޯގޯ އިފްތިތާހުކުރުމުގެ އިތުރުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ލޯ އެންޑް ނަން ކެމިކަލް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް" ގެ ޕްރޮޖެކްޓް ޑޮކިއުމަންޓްގައި ސޮއިކޮށްފައިވެއެވެ. މީގެ އިތުރުން "އޮންލީ ވަން އާތް" ވާހަކަފޮތް މުބާރާތުގެ އެއްވަނައަށް ދިޔަ ޝަރަފުއްދީން ސްކޫލުގެ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވާފަ އެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު ވަނީ ފުވައްމުލަށް ސިޓީ އެއާޕޯޓުން ފެށިގެން ތުނޑީ ސަރަހައްދާއި ހަމައަށް ބައިސްކަލް ބުރެއް ބާއްވާފައެވެ. މި ބައިސްކަލު ބުރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވިއެވެ.