އީޕީއޭ

ފަރަށް އެރުމުން ފިލައިގެން ދިޔަ ބާޖު 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި

ހިލަ ހިފައިގެން ފުވައްމުލަކަށް ދިޔަ ބާޖެއް ފަރަށް އެރި މައްސަލަ ބަލަމުން ދަނިކޮށް ފުރައިގެން ދިޔަ ނަމަވެސް އެ ބާޖު 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ފުވައްމުލަކުގެ ގިރާ ސަރަހައްދުގެ ތޮށިލުމުގެ މަސައްކަތް ކުރަން ބޭނުންވާ ހިލަ ހިފައިގެން ދިޔަ "އޮލިމްޕިކް ކަންޑިލޯ" ނަމަކަށް ކިޔާ ބާޖު ފުވައްމުލައް ފަރަށް އެރީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ނަމަވެސް ފަރަށް ނާރާ ކަމަށް ބުނެ މި ބާޖު ވަނީ އެންވަޔަރަންްމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މައްސަލަ ބަލަމުން ދަނިކޮށް ފުރައިގެން ގޮސްފަ އެވެ.

ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ އެފްރިކާން ޕްރައިވެޓް ލިމިޓެޑުގެ މި ބާޖުގެ ރާއްޖޭގެ އެޖެންޓަކީ މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑެވެ.

މި ބާޖު އަރާފައިވަނީ ފުވައްމުލަކުގެ އިރު ދެކުނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި ބޭލުމަށް ފަސޭހައަކަށް ހަދާފައިވާ ވަގުތީ ޖެޓީއަށް ހިލަ ބޭލުމަށް ޖެޓީއާ ކައިރި ކުރަން އުޅުމުގެ ތެރޭގައެވެ. ބާޖު ފަރަށް އެރުމާއެކު އޭގައި ހުރި ބައެއް ހިލަ ވެސް ފަރަށް އެޅިފައިވެ އެވެ.

އީޕީއޭ އިން ހެދި ދިރާސާގައި ފަރުގެ 4،306 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާ ކަމަށް ދައްކާ ކަމަށް އީޕީއޭ އިން ބުނެ އެވެ. ފަރަށް އެޅިފައި ހުރި ހިލަތަކުންވެސް ފަރަށް ގެއްލުންތަކެއް ލިބިފައި ހުރި ކަަމަށް ބުނެ އެވެ.

އީޕީއޭ އިން ބުނީ ތިމާވެށީގެ ގާނޫނުގެ ދަށުން ބާޖުގެ ވެރިފަރާތް ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމަށްވީ ނަމަވެސް ފަރަށް ލިބިފައިވާ ގެއްލުންތައް ހިސާބުކޮށްލުމުން ބަދަލުގެ ޖުމުލަ އަދަދު 162.7 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

ފުވައްމުލައް ފަރަށް އެރީ ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ އެފްރިކާން ޕްރައިވެޓް ލިމިޓެޑުގެ ބާޖެކެވެ. ރާއްޖޭގެ އެޖެންޓަކީ މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓަޑެވެ.

މި މައްސަލަ އިސްތިއުނާފު ކުރަން ވެރިފަރާތަށް ލިބޭ އިސްތިއުނާފު މަރުހަލާ ނިމުމުން ބާޖުގެ ފަރަށް އުރިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލް އޮފީހާ ގުޅިގެން ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީ ހޯގާޑު ކުންފުންޏަށެވެ. ބާޖު ފަރަށް އެރުމުން އެކަން އެގޮތަށް ނުހިނގާ ކަމަށް ބުނެ ހޯގާޑު ކުންފުނިންވެސް ދޮގު މައުލޫމާތު ދިން ކަމަށް އީޕީއޭ އިން ކުރިން ބުނެފައިވެ އެވެ.

އަތޮޅު ތެރޭގެ ރަށެއްގައި ހިންގާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ހޯގާޑް ކުންފުންޏާ ހަވާލުކުރީ ޑިސެމްބަރު 12، 2021 ގައެވެ. މިމަޝްރޫއު އެކުންފުންޏާ ހަވާލުކުރީ 300 މިލިއަން ރުފިޔާ އަށެވެ.