ހަބަރު

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރަން ބޮޑު މަޝްރޫއު ބޭރަށް ހުޅުވާލަނީ

Apr 2, 2019
1

ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހިންގާނެ ފަރާތެއް ހޯދަން ބައިނަލްއަގުވާމީ ބީލަމަށް މި ހަފުތާގެ ތެރޭގައި ހުޅުވާލާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނި ގޮތުގައި، ބައިނަލްއަގުވާމީ އެހީތެރިކަމުގެ ދަށުން ފުވައްމުލަކު ގޮނޑުދޮށުގެ 2،650 މީޓަރުގެ ސަރަހައްދެއް ހިމާޔަތް ކުރުމުގެ މަޝްރޫއު ހިންގުމަށް ބޭރުގެ ފަރާތްތައް ހިމެނޭ ބީލަމަކަށް މިހަފްތާގެ ތެރޭގައި ހުޅުވާލާނެ ކަމަށެވެ.

އެ ޕްރޮޖެކްޓަކީ ނެދާލަންޑްސްގެ އެއިޑް އޭޖެންސީ އޯރިއޯގެ އިތުރުން ކުވެއިތު ފަންޑް ފޮ އެރެބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެހީގައި ކުރިއަށް ގެންދެވޭ މަޝްރޫއުއެކެވެ.

އެ މަޝްރޫއުއަށް މުޅި ޖުމްލަ 25.5 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ މިދިޔަ ސަރުކާރުން 2017 ވަނަ އަހަރު ހޯދާފައިވާކަމަށް އިއުލާނުކުރި އެވެ.

މި މަޝްރޫއު ހިންގުމަށް ކުވައިތު ފަންޑުން މީގެ ކުރިން ވަނީ 3.6 މިލިއަން ކުވައިތީ ދީނާރު (ގާތްގަނޑަކަށް 11.88 މިލިއަން އެމެރިކާ ޑޮލަރު) ގެ ލޯނެއް ދީފަ އެވެ. މި ލޯނު ދީފައިވަނީ 1.5 ޕަސެންޓުގައި ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 20 އަހަރު ދުވަހުން އަނބުރާ ދައްކާ ގޮތަށެވެ.

ފުވައްމުލަކުގައި މިދިޔަ ސަރުކާރުން 28.5 ކިލޯ މީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.