ފުވައްމުލައް

ރުއްގަސް ކަނޑާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

ފުވައްމުލައް ސިޓީގެ ހޭޅިފަށުންނާއި އެހެނިހެން ސަރަހައްދުތަކުން ގަވާއިދާ ހިލާފަށް ރުއްގަސް ކަނޑާ މީހުންނާމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއިން ދީފި އެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ފުވައްމުލަކުގެ ހޭޅިފަށުންނާއި އެހެނިހެން ސަރަހައްދުތަކުން ގަވާއިދާއި ހިލާފަށް ގިނަ އަދަދަކަށް ރުއްގަސް ކަނޑަމުންދާކަން ފާހަގަކޮށްފަ އެވެ.

ރުއްގަސް ކެނޑުމުގައި އާންމުކޮށްފައިވާ އުސޫލުތަކާއި އިޖުރާތްތަކާ އެއްގޮތަށް އަމަލުކުރުމަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.

ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދުގެ ދަށުން ރަށުގެ ހޭޅީގައި އެންމެ ގޮނޑުދޮށަށް ހެދިފައިވާ ރުކުން ނުވަތަ ގަހުން ފެށިގެން އެއްގަމަށް 20 މީޓަރު ފުޅާމިނުގެ ސަރަހައްދުގެ ތެރޭގައި ހެދިފައިހުރި ހުރިހާ ބާވަތެއްގެ ރުއްގަސް ނުވަތަ ކޯސްޓަލް ވެޖިޓޭޝަން ބެލްޓުގައި ހިމެނޭ ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއް ތަނަށް ގެންދިޔުމަކީ މަނާ ކަމެއްކަން ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ ހަނދާންކޮށްދީފަ އެވެ.

މި ގަވާއިދުގެ ދަށުން ރަށްރަށުން ރުއް ނުވަތަ ގަސް ކެނޑޭނީ، ނުވަތަ އުފުރޭނީ، ނުވަތަ ކޮނެގެން ނެގޭނީ، ނުވަތަ އެއްތަނުން އަނެއް ތަނަށް ގެންދެވޭނީ، ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާތުތަކާ އެއްގޮތަށެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެކި ރަށްރަށުން އެކި ކަންކަމަށް 5،269 ރުއްގަސް ނެގުމުގެ ހުއްދަ ދީފައިވެ އެވެ.

ރުއްގަސް ކެނޑުމުގެ 50 ޝަކުވާ މިދިޔަ އަހަރު އީޕީއޭއަށް ވަނީ ހުށަހެޅިފަ އެވެ.