ހަބަރު

އައްޑުއާ ފުވައްމުލައް ބަޔޮސްފިޔާ ރިޒާވްގެ ގޮތު ކަނޑައަޅަނީ

އައްޑު އަތޮޅާ، ފުވައްމުލައް ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައަޅަން ޔުނެސްކޯއަށް ހުށަހަޅަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މިއަދު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ރައީސް އޮފީހުން ބުނީ ދެ ކުނުގެ އެ ދެ އަތޮޅަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރެވޭ، ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅަން ޔުނެސްކޯއަށް ފޮނުވުމުގެ ބޭނުމަކީ ދެމެހެއްޓެނިވި ގޮތުގައި ދިރޭތަކެތީގެ ބޭނުން ހިފުމާއި ދެމެހެއްޓެނިވި ތަރައްގީ ގެނައުމުގައި ޔުނެސްކޯގެ ބަޔޮސްފިޔާ ރިޒާވް މޮޑެލްއަކީ ތިމާވެށި، އިޖްތިމާއީ އަދި އިގްތިސޯދީ ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޮޑެލްއަކަށް ވުުމުން ކަމަށެވެ.

އެ ދެ އަތޮޅު ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ހަމަޖެހުމުން، އެ ދެ އަތޮޅުގައި މިހާރު ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުން ލިބޭ އިގްތިސޯދީ ފައިދާ އިތުރުވުމުގެ ފުރުސަތު ހުޅުވިގެންދާނެ އެވެ.