ދުނިޔެ

ބައިޑަން އެމެޖެންސީގައި އެހެން ތަނަކަށް

އެމެރިކާގެ ރައީސް ޖޯ ބައިޑަން ޑެލަވެއާގައި ޗުއްޓީ ހޭދަ ކުރައްވާ ސަރަހައްދަށް ޕްރައިވެޓް ކުޑަ މަތިންދާބޯޓެއް ވަނުމާ ގުޅިގެން އެމެޖެންސީގައި ސެކިޔުރިޓީންގެ ބެލުމުގެ ދަށަށް ބައިޑަން އާއި އަނބިކަނބަލުން ގެންގޮސްފި އެވެ.

ވައިޓް ހައުސް އިން ބުނި ގޮތުން ސަލާމަތީ ގޮތުން ރައްކާތެރި ކުރެވިފައި އޮތް އެ ސަރަހައްދަށް މަތިންދާބޯޓަށް ވަދެވުނީ އޮޅުމަކުންނެވެ. އަދި ބުނީ އެކަމުގައި ނުރައްކަލެއް ނެތް ކަމަށާއި ބައިޑަން އާއި އަނބިކަނބަލުން ހެޔޮ ހާލުގައި ތިއްބެވި ކަމަށެވެ.

ސަލާމަތީ ބާރުތަކުން މުޅި ސަރަހައްދު ބަލައި ފާސް ކުރުމަށް ފަހު ޗުއްޓީ ގޮނޑުދޮށް އާންމު ހާލަތަށް ދޫކޮށްލެވިފައި އޮތް ކަމަށް ވެސް ވައިޓް ހައުސް އިން ބުނެ އެވެ.

ސީކްރެޓް ސާވިސް އިން ޚަބަރަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ޕައިލެޓާ ސުވާލު ކޮށްގެން ހާލަތު މުޅިން ވަނީ ސާފު ކުރެވިފަ އެވެ. މަތިންދާބޯޓު ދަތުރުކޮށްފައި ވަނީ ކޮންޓްރޯލް ޓަވަރެއްގެ އެއްވެސް އިރުޝާދެއް ނެތި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޕައިލެޓަށް މަގު އޮޅުނީ ރޭޑިއޯ ޗެނަލެއް އަޑު ނޭހުމުން ކަމަށް ސެކިޔުރިޓީން ބުނެ އެވެ. އަދި މަތިންބޯބޯޓު ވަނުން މަނާ ސަރަހައްދުތައް އޭނާއަށް ރަނގަޅަށް ނޭނގޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެމެރިކާގެ އާންމު އުސޫލަކީ އެމެރިކާގެ ރައިސަކު ވޮޝިންގްޓަނުން ބޭރުގައި ޗުއްޓީ ހޭދަ ކުރައްވާ ނަމަ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ވައިގެ ވަކި ސަރަހައްދެއް ވަގުތީ ގޮތުން ބަންދު ކުރުމެވެ. އެ ގޮތުން ޗުއްޓީ ހޭދަ ކުރައްވާއިރު 10 މޭލު ވަށަމިން ސަރަހައްދެއް، އުދުހުން މަނާ ކަމަށް ކަނޑައަޅަ އެވެ.

ޗުއްޓީ ހޭދަ ކުރައްވަނީ މޫދާ ކައިރި ހިސާބެއްގައި ނަމަ ކޯސްޓްގާޑުން ކަނޑު ބަލަހައްޓަ އެވެ. އަދި ހެލިކޮޕްޓަރުތަކުން މުޅި ސަރަހައްދު ބަލަހައްޓައި ބިމުގައި ދަތުރުރާ އުޅަނދުތަކުން ފޮޓޯނގައި މައުމޫލާތު އެއްކުރެ އެވެ.

ވައިޓް ހައުސް އިން ބުނި ގޮތުގައި މަތިންދާބޯޓު އެހެން ދިމާއަކަށް ދަތުރުކުރަން އަންގައި ކައިރީގައި އޮތް ކުރާ ރަންވޭއަކަށް ތިރކުރުވުމަށް ފަހު ޕައިލެޓާ ސުވާލު ކުރެވުނު ކަމަށެވެ. އޭނާއާ މެދު ހަރުކަށި ފިޔަވަޅެއް އެޅި ކަމަކަށް ވައިޓް ހައުސް އިން ނުބުނެ އެވެ.