ބޮލީވުޑް

އައިފާ އެވޯޑު: އެންމެ މޮޅު ބަތަލު ވިކީ، ބަތަލާ ކްރީތީ

މިއަހަރުގެ އައިފާ އެވޯޑު ޔޫއޭއީގެ އަބޫ ދާބީގެ ޔާސް އައިލެންޑްގައި ބާއްވައިފި އެވެ. މި ހަފުލާގައި ސަލްމާން ޚާން، ޝާހިދު ކަޕޫރު، ވިކީ ކޯޝަލް، ކްރީތީ ސެނޯން، އަބީޝެކް ބައްޗަން، އައިޝްވަރިޔާ ރާއީ، އަނަންޔާ ޕާންޑޭ، ސާރާ އަލީ ޚާން، އޭ.އާރް ރަހްމާން، ޓައިގާ ޝްރޮފް އަދި ނޯރާ ފަތޭހީ ފަދަ ތަރިން ބައިވެރިވި އެވެ.

މިފަހަރުގެ އެވޯޑޫ ހަފުލާގައި އެންމެ ގިނަ އެވޯޑުތައް ލިބިފައި ވަނީ ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީގެ "ޝޭރްޝާހް" އަށެވެ. އެންމެ މޮޅު ބަތަލުގެ އެވޯޑު "ސަރްދާރް އުދަމް" ކުޅެގެން ވިކީ ކޯޝަލް އަށް ލިބުނުއިރު އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނީ "މިމީ" ކުޅެގެން ކްރީތީ ސެނޯން އަށެވެ.

އަލަށް ތައާރަފްވީ އެކްޓަރުންގެ ތެރެއިން މިފަހަރު ބެސްޓް ޑެބިއު އެވޯޑު ލިބުނީ "ތަޅަޕް" އިން އާހާން ޝެޓީ އަށާއި "ބަންޓީ އައުރު ބަބްލީ 2"ގެ ބަތަލާ ޝަރްވަރީ ވާގް އަށެވެ.

ބެސްޓް ޑައިރެކްޓަރަކަށް ހޮވުނީ "ޝޭރްޝާހް" ގެ ޑައިރެކްޓަރު ވިޝްނޫ ވަރްދަން އަށެވެ. އެންމެ މޮޅު މިއުޒިކްގެ އެވޯޑުތައް ވެސް ލިބުނީ "ޝޭޜްޝާހް" އަށެވެ. އޭގެ ތެރޭގައި އެ ފިލްމުގެ މިއުޒިކް ތައްޔާރު ކޮށްދީގެން އޭ އާރް ރަހްމާނާއި އެނޫންވެސް އެ ފިލްމުގެ މިއުޒިކް ތައްޔާރު ކޮށްދިން ގިނަ މިއުޒީޝަނުންނަށް ލިބުނު އެވޯޑު ފާހަގަ ކޮށްލެވެ އެވެ.

އެންމެ މޮޅު ލަވަކިޔުންތެރިޔާގެ އަންހެން އަދި ފިރިހެން ބައިގެ އެވޯޑު ވެސް ގެންދިޔައީ "ޝޭރްޝާހް" ގެ "ރާތޭން ލަމްބިޔާ" ކިޔައިދިން ޖޫބިން ނައުޓިޔާލް އާއި އަސީސް ކޯރެވެ.