މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސްގެ މަގާމުގައި ހުންނެވި ޝަހްބާން ފަހްމީގެ އިތުބާރު ނެތް ކަމަށް މިރޭ ނެގި ވޯޓުންވެސް އޭނާ ސަލާމަތް ވެއްޖެ އެވެ.
އެމްއެމްސީގެ މެންބަރު ކަމުން ޝަހްްބާން ވަކިކުރުމުގެ މަސައްކަތް ކައުންސިލުން ފެށީ އޭނާގެ ބައިވެރިވުން އޮތް ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓަމަންޓް ސްކީމެއް ހިންގި ކަމަށް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ދެކޭތީ އެވެ. އަދި އެ މައްސަލައިގައި ފުލުހުން އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ފުލުހުންގެ ތަހުގީގަށް ހާޒިރުކޮށްފައި ވަނިކޮށެވެ.
މިރޭ އޭނާ މަގާމުން ވަކިކުރަން މަސައްކަތް ކޮށްފައި ވަނީ މިދިޔަ މަހުގެ 22 ވަަނަ ދުވަހުގެ ރޭ އޮތް ބައްދަލްވުމުގައި ޝަހުބާން ވަކިކުރެވޭ އަދަދަށް ވޯޓް ނުލިބި އޭނާގެ މައްޗަށް އިތުބާރު އޮތް ކަމަށް ނިންމާފައި ވަނިކޮށެވެ.
ޝަހްްބާން ވަކިކުރުމަށް ނެގުނު ވޯޓުގައި އެކަމަށް ތާއީދުކުރައްވާ ވޯޓު ދެއްވީ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ނުވަ މެންބަރުންނެވެ.
އެމްއެމްސީގެ ގާނޫނުގައި އެ ކައުންސިލްގެ ރައީސް މަގާމުން ވަކިކުރެވޭނެ ގޮތެއް ނޯވެ އެވެ. ގާނޫނުގައި އޮންނަ ގޮތުން ކައުންސިލްގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަގުލަބިއްޔަތުން އެ ކައުންސިލްގެ މެންބަރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މެންބަރު ކަމުން ވަކިކުރެވިދާނެ އެވެ.
އެމްއެމްސީގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެމްއެމްސީގެ ރައީސްގެ މަގާމު ހުސްވާނީ ފަސް ހާލަތަކާ ގުޅިގެންނެވެ. މީގެތެރޭގައި ހިމެނެނީ ދައުރު ހަމަވުން، ކައުންސިލްގެ މެމްބަރުކަމުން ވަކިކުރުން، އިސްތިއުފާދިނުން، މަރުވުން ނުވަތަ މެންބަރެއްގައި ހުރުމަށް އެ ގާނޫނު ލާޒިމުކުރާ ސިފައެއް އުނިވުމެވެ.
ޝަހްބާނަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ބޮޑެތި ފިއްތުއްތަކެއް ކުރިމަތިވި ނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ގެންދެވީ ވިދާޅުވަމުންނެވެ. ކިންގްސް ކުންފުނިން ކުރަމުން ދިޔަ ވިޔަފާރިއަކީ އިންވެސްޓްމަންޓް ސްކީމެއްގެ ސިފަތައް ހުރި ވިޔަފާރިއަކަށްވެފައި އަޑިނޭނގޭ ޕޮންޒީ ސްކީމެއްގެ ގޮތުގައި އެ ސްކީމް ހިންގަމުން ދިއުމާ ގުޅިގެން ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން އެ ވިޔަފާރި ހުއްޓުވައި، އެ މައްސަލަ ފުލުހުންނާއި ކަމާގުޅޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން ވަނީ ކިންގްސް ކުންފުނީގެ ބައިވެރިއެއް ކަމުގައިވާ ޝަހްބާންގެ ބޭބެ އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ އަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށްފަ އެވެ.