ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުން ފަދަ ޖަރީމައެއް ހިންގަން ގަސްދުކޮށްފި ކޮންމެ މީހަކާއި އެކަމަށް ވާގިދިން ކޮންމެ ބަޔަކާ ދެކޮޅަށް މާތް ނަބިއްޔާގެ ހައްގުގައި ތެދުވަންޖެހިއްޖެ ކޮންމެ ހާލަތެއްގައި އެކަމަށް ތައްޔާރަށް ތިބުމަށް ދިވެހި ރައްޔިތުންނަށް ޖަމިއްޔަތުއްސަލަފުން އިލްތިމާސް ކޮށްފި އެވެ.
އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީގެ ހައްދުފަހަނައަޅާފައިވާ ހަރުކަށި އިސް ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލާގައި ސަލަފު ޖަމިއްޔާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކީރިތި ރަސޫލާ އަކީ, ޖަހާލަތުގެ އަނދިރިކަމުން އިލްމާއި އަހްލާގިއްޔާތަށް މީސްތަކުން ނެރެދެއްވުމަށް މާތް ﷲ ފޮނުއްވި އެ އިލާހުގެ މިތުރު ކަމުގައި ވީހިނދު މުސްލިމުންގެ ޖާނާއި މާލާއި މައިންބަފައިންނާއި އަނބިދަރިންނަށް ވުރެވެސް ބޮޑަށް އެކަލޭގެފާނުދެކެ ލޯބިވުމީ އީމާންކަން ލާޒިމު ކުރާ ކަމެއް ކަމަށެވެ. އެކަމަށްޓަކައި އެކަލޭގެފާނުގެ ހައްގަށް އަރައި ގަންނަ ކޮންމެ މީހަކަށް ނަފުރަތުކޮށް އެކަލޭގެފާނު ދިފާއުކުރުމުގެ ގޮތުން އެކަމަށް އިންކާރު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
"ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމެއް ކަމުގައި ވީހިނދު މި ގައުމުގެ އެންމެހައި ސިޔާސަތުތަކެއް އެތުރިފައި އޮންނަން ޖެހޭނީ އިސްލާމީ ކަރާމަތަށް އިސްކަން ދިނުމުގެ ސިޔާސަތުގެ މައްޗަށްކަން ކަށަވަރެވެ. އެއަށްވުރެ މަތީ އިސްކަމެއް ދޭންޖެހޭ އެއްވެސް ގުޅުމެއް އަދި އެއްވެސް މަސްލަހަތެއް އޮވެގެން ނުވާނެއެވެ،" ސަލަފުގެ ބަޔާނުގައިވެއެވެ.
ކީރިތި ރަސޫލާއަކީ، ޖަހާލަތުގެ އަނދިރިކަމުން އިލްމާއި އަހްލާގިއްޔާތަށް މީސްތަކުން ނެރެދެއްވުމަށް މާތް ﷲ ފޮނުއްވި އެ އިލާހުގެ މިތުރު ކަމުގައި ވީހިނދު އަޅުގަނޑުމެންގެ ޖާނާއި މާލާއި މައިންބަފައިންނާއި އަނބިދަރިންނަށް ވުރެވެސް ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވުމީ އަޅުގަނޑުމެންގެ އީމާންކަން ލާޒިމު ކުރާ ކަމެކެވެ. މި ކަމަށްޓަކައި އެކަލޭގެފާނުގެ ހައްގަށް އަރައި ގަންނަ ކޮންމެ މީހަކަށް ނަފުރަތުކޮށް އެކަލޭގެފާނު ދިފާއު ކުރުމުގެ ގޮތުން އެކަމަށް އިންކާރު ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެޖަމިއްޔަތުއް ސަލަފުގެ ނޫސްބަޔާން
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރަމުންދާ ހިނދުގައިވެސް އެކަމަށް ފަރުވާލެއް ނެތި އެފަދަ ފަރާތްތަކުގެ މަސްލަހަތަށް އިސްކަން ދިނުމީ ދިވެހި ދައުލަތުގެ އެންމެ އަސާސީ ބަހާކަމުގައިވާ މި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދުނިޔެވީ މަގުސަދަކަށްޓަކައި ކަތިލުން ކަމަށެވެ. މާތް ﷲ ވަނީ ﷲ އާއި އެ އިލާހުގެ ރަސޫލާގެ މައްޗަށް އެހެން ފަރާތްތަކާ އޮންނަ ގުޅުންތައް އިސްކުރާ މީހުންނަށް އިންޒާރުގެ ބަސް ވަހީކުރައްވާފައި ކަމަށް ބަޔާންކޮށް އެކަމުގެ މިސާލު ގުރުއާނުން ގެނެސްދީފައިވެއެވެ.
ސަލަފުން ބުނީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ތަރުޖަމާނާއި ބައެއް އިސްމީހުން ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރިކުރުން ކުށްވެރިކޮށް އިސްލާމީ ގައުމުތަކާއި ބައިނަލްއަގްވާމީ އިސްލާމީ ޖަމިއްޔާ ޖަމާއަތްތަކާއި ދީނީ އިލްމުވެރިންނާއި ވަކިވަކި އަފުރާދުން ބަޔާންތައް ނެރެ އިންޑިއާ ބޮއިކަޓް ކުރަން ގޮވަމުންދާ މި ދަނޑިވަޅުގައި އިސްލާމީ އުންމަތާއެކު ކީރިތި ރަސޫލާގެ ދިފާއުގައި ދިވެހި ރައްޔިތުން ތިބި ތިބުމުގެ މައްޗަށް ޝުކުރު އަދާކޮށް ހިތްވަރުދޭ ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ ހައްދުފަހަނައަޅާފައިވާ ޖަމިއްޔާއެއް ކަމަށްވާ އެމްޑީއެންގެ ލާދީނީ ރިޕޯޓުގައި ރަސޫލާގެ އަބުރުފުޅަށް އަރައިގަތުމުންވެސް ދިވެހި ރައްޔިތުން ވަނީ މި ނަމޫނާ ދައްކާފައި ކަމަށެވެ.
"ވީމާ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާނާއި ބައެއް އިސްމީހުން ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރިކުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ހާލު އެފަދަ ޖަރީމާއެއް ހިންގަން ގަސްދުކޮށްފި ކޮންމެ މީހަކާއި އެ ކަމަށް ވާގިދިން ކޮންމެ ބަޔަކާ ދެކޮޅަށް ކީރިތި ރަސޫލާގެ ހައްގުގައި ތެދުވަންޖެހިއްޖެ ކޮންމެ ހާލަތެއްގައި އެކަމަށް ތައްޔާރަށް ތިބުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް ޖަމިއްޔަތުއްސަލަފުން އިލްތިމާސް ކުރަމެވެ،" ސަލަފުގެ ބަޔާނުގައިވެއެވެ.