އެމްޑީޕީ

ރަސޫލާއާ ގުޅޭ ކުއްލި މައްސަލަ ބޭރުކުރީ ޑްރާމާ ކުޅެން ފުރުސަތު ނުދޭން: އެމްޑީޕީ

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ އިސް ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލީ އެއީ ސަރުކާރާ ދާކޮޅަށް ރައްޔިތުންނަށް އޮޅުވާލުމުގެ މަގްސަދުގައި ހުށަހެޅި މައްސަލަ އަކަަށް ވުމުން ކަމަަށް އެމްޑީޕީން ބުނެފި އެވެ.

މަޖިލީހަށް މިއަދު ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ.

ކުއްލި މައްސަލަ ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން މިއަދު ފުރުސަތު ހުޅުވާލުމުން އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 33 މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ. ދެކޮޅަށް ވޯޓު ދެއްވީ މުޅިންވެސް އެމްޑީޕީގެ މެންބަރުންނެވެ. ދެން ހިމެނެނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

އެކަމާއި ގުޅިގެން އާންމުން ރުޅިގަދަވެ އެ 33 މެންބަރުންގެ ފޮޓޯ އާންމުކޮށް ސަރުކާރާ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ކުރުމުން އެމްޑީޕީގެ ޕީޖީ ގުރޫޕުން މިރޭ ވަރަށް ލަސްވެފައި ވަނިކޮށް ނެރުނު ބަޔާނެއްގައި ބުނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކުއްލި މައްސަލަ އެއްގެ ގޮތުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައަކީ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް ހުށަހެޅި މައްސަލައެއް ނޫން ކަމަަށާ އެއީ ސަރުކާރާ ދެކޮޅަށް ރައްޔިތުންނަށް އޮޅުވާލުމުގެ މަގްސަދުގައި ހުށަހެޅި މައްސަލައެއް ކަމަށެވެ.

ރައީސް ސޯލިހްގެ ސަރުކާރަކީ އިސްލާމްދީނުގެ ދިފާއުގައި ފާޅުގައި އަޑުއުފުލަމުންދާ ސަރުކާރަކަށްވެފައި އިންޑިއާގެ ވެރިކަންކުރާ ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އިސްތަރުޖަމާނު މާތް ނަބިއްޔާ އަށް ފުރައްސާރަކުރި މައްސަލައިގައި އެކަން ކުށްވެރިކޮށް މިއަދު ބަޔާން ނެރުއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަަށާ އެމަސައްކަތް ކުރިއަށް ގެންދަވާކަމުގެ މައުލޫމާތު އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕަށް ސަރުކާރުން ދެއްވަވާފައިވާ މައްސަލައެއް ކަމަަށްވެސް ބުންޏެވެ. އަދި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން އެގޮތަށް އަމަލުކުރަން ނިންމީ އިދިކޮޅު ފަރާތްތަކުން އިސްލާމްދީނާއި ކީރިތި ރަސޫލާގެ ނަންފުޅު ބޭނުން ކުރައްވައިގެން ސިޔާސީ ޑްރާމާއެއް ކުޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުފެންނާތީ ކަމަަަށް ވަނީ ބުނެފައެވެ.

ސަރުކާރުންނާއި އެމްޑީޕީއިންވެސް ބާރަތިޔަ ޖަނަތާ ޕާޓީގެ އިސްތަރުޖަމާނު މާތް ނަބިއްޔާ އަށް ފުރައްސާކުރި މައްސަލަ ކުއްވެރިކޮށް މިއަދުގެ ވަގުތެއްގައި ބަޔާން ނެރިފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރުމަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ އަމަލެއް ކަމަަށާ މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ރަސޫލާގެ ދިފާއުގައި ސަރުކާރެކޭ އެއްފަދައިން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަަށްވެސް ބުނެފައިވެއެވެ.

ރަސޫލާއާ ގުޅޭ މައްސަލަ ބޭރުކުރަން ވޯޓްދިން މެންބަރުން

  • ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު
  • ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު
  • މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
  • ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް
  • ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
  • މައްޗަން ގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ
  • ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ
  • ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު
  • ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
  • ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ
  • ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފް
  • ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު
  • މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
  • ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް
  • މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ
  • ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު
  • ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
  • ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު
  • އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން
  • އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
  • ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު
  • ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް
  • މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު
  • ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
  • ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު އަބްދުﷲ
  • ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދު
  • ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ
  • މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން
  • ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް
  • ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
  • ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
  • ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު