ރަޝިއާ އިސްވެ ޔުކްރޭނަށް ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކުގައި 32 ނޫސްވެރިން މަރުވެފައިވާ ކަމަށް ޔުކްރޭނުން ބުނެފި އެވެ.
"ޔުކްރޭނިއަން ކަލްޗާ އެންޑް އިންފޮމޭޝަން ޕޮލިސީ" މިނިސްޓަރު ވިދާޅުވި ގޮތުގައި މައިގަނޑު ގޮތެއްގައި ނޫސްވެރިން މަރުވެފައި ވަނީ ރަޝިއާގެ ހަމަލާތަކުގެ ސަބަބުންނެވެ.
ރަޝިއާ ބުނާ ގޮތުން ނޫސްވެރިންނަށް އަމާޒުކޮށް ރަޝިއާ ދުވަހަކު ވެސް ހަމަލާ ނުދޭނެ އެވެ. އެހެން ނަމަވެސް، ހަނގުރާމާއިގެ މައިދާނަކީ އަނިޔާވެރި މާހައުލެއް ކަމަށް ރަޝިއާ ގަބޫލުކުރެ އެވެ. އަދި އެއީ ނުރައްކާ ތަނެއްކަން ނޫސްވެރިން ވެސް ދަނެ އެވެ.
ޔުކްރޭނުން ނޫސްވެރިން ސިފަކުރަނީ ބަތަލުންގެ ގޮތުގަ އެވެ. ނޫސްވެރިން ކުރަމުން ގެންދާ މަސައްކަތް ތަކަކީ ހައްޓަށް ބުރެ ޖާނަށް ބިރުވެރި އަދި އަރާމެއް ނެތި، ހަފުތާއަކު ހަތް ދުވަހު 24 ގަޑިއިރަށް ދިގުދެމިގެން ދާ މަސައްކަތް ތަކެއް ކަމަށް ވެސް އޮންފޮމޭޝަން މިނިސްޓަރު ވިދާޅުވި އެވެ.
އދ. އިން ބުނާ ގޮތުން މިއަހަރު ފެބްރުއަރީ 24 އިން ފެށިގެން ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާ ތަކުގައި އާންމުންގެ ތެރެއިން 4،183 މީހަކު ވަނީ މަރުވެފަ އެވެ. އަދި 5،014 މީހަކަށް އަނިޔާވެރި ފަރުވާން ދޭން ޖެހުނު ކަމަށް ޔުކްރޭންގެ ރެކޯޑްތަކުން ދައްކަ އެވެ.
ރަޝިއާގެ ހަމަމާތަކުން ރައްކާތެރިވުމަށް 6.98 މިލިން މީހުން އެހެން ގައުމުތަކަށް ދުވެ ގޮސްފައިވާ ކަމަށް އދ. އިން ބުނެ އެވެ. އަދި ޔުކްރޭން ތެރޭގައި 7.7 މީހުން ވިއްސިވިހާލި ވެފައިވާ ކަމަށް ވެސް އދ. އިން ބުނެ އެވެ.
ހަނގުރާމާއިގެ މައިދާންތަކަކީ އާންމުު ގޮތެއްގައި އަނިޔާވެރި މާހަލެކެވެ. ދެ ގައުމެއްގެ ދެމެދުގައި ނުވަތަ ދެ ގަބީލާއެއްގެ ދެމެދުގައި ކުރެވޭ ހަނގުރާމަ، ހިނގާ ނުހިނގާ ގޮތް އާންމުންނަށް ކިޔައިދޭން މަސައްކަތްކުރާ ނޫސްވެރިންނަށް އަބަދުވެސް ބޮޑެތި ގެއްލުންތައް ލިބެ އެވެ.
ނޫސްވެރިންނަށް ހަނގުރާމާއިގެ މައިދާނުގައި ބައެއް ފަހަރު ގަސްދުގައި ހަމަލާދެ އެވެ. ބައެއް ފަހަރު ކައްސާލައިގެން ދާ ވަޒަނާއި މިސައިލްގެ ބައިތަކުން ޖެހި ބޮޑެތި ގެއްލުންތައް ލިބެ އެވެ.
ލޭންޑް މައިން -- މަގުތަކުގެ އަރިމަތިގައި ވަޅުލާފައި ހުން ގޮވާތަކެއްޗަށް އެރި ފައިބުރިވެ ގުނަވަންތައް ގެއްލޭ ފަހަރު ވެސް އާދެ އެވެ.
އިޒްރޭލުން މިދާކަށް ދުވަހު އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އާގްލާ ގަޔަށް ބަޑިޖައި ވަނީ މަރާލާފަ އެވެ. އޭނާގެ ކުށަކީ ހަނގުރަމާގައި އިޒްރޭލުން ކަންކުރާ ގޮތް -- އިޒްރޭލުން ފަލަސްތީން މީހުންނަށް ކުރާ އަނިޔާގެ ތަފުސީލު މުޅި ދުނިޔެއަށް ކިޔައިދިނުމެވެ.