ސޯޝަލް މީޑިއާގައި މީހުންނަށް ބުލީ ކުރުމަކީ މިހާރު އާންމު ކަމެކެވެ. ނުވެސް ދަންނަ މީހަކަށް ވެސް ބައެއް މީހުން ހިތަށް އެރިހާ ކޮމެންޓެއް ކޮށް އެމީހާގެ ހިތް ހަލާކުވާވަރު ކޮށްލަނީ އެ މީހާގެ ހަގީގީ ހާލަތު ނޭނގި ތިބެ އެވެ. ބުލީކުރުމާ ދެކޮޅަށް ވަކާލާތުކުރާ ލިޒީ ވެލަސްކުއެޒް އަށް ވެސް ދިމާވެފައިވަނީ ހަމަ މިފަދަ ގޮތެކެވެ.
ލިޒީ ބުނި ގޮތުގައި ސޯޝަލް މިޑީއާގައި އޭނާ ވެސް އުޅެނީ އެކްޓިވް ކޮށެވެ. އަދި އެހެން މީހުންނަށް ލިބޭ އުފާތަކުން އޭނާ ހިތްހަމަޖެހުން ހޯދަ އެވެ.
"އަހަރެން ބަލަން އެކި މީހުންގެ އެންގޭޖްމަންޓް ފޮޓޯތަކާއި ޖެންޑާ ރިވީލިން ޕާޓީތަކުގެ ފޮޓޯތައް ވެސް. އަދި އެމީހުންނަށްޓަކައި އުފާކުރަން. ނަމަވެސް އަހަންނާ ދޭތެރޭ ކަންތައް ވާގޮތުން ދެރަވޭ. މިހާރު އަހަރެން ނިންމައިފިން މާ ބޮޑަށް މީހުން މަލާމާތްކުރަން ފަށައިފިއްޔާ ދެން ސޯޝަލް މީޑިއާ ބޭނުންކުރުން ހުއްޓާލާނިއްޔޭ،" ލިޒީ ބުންޏެވެ.
އިންޓަނެޓުގެ ޕްރެޝަރު ލިޒީއަށް ކުރިމަތިވީ 2006ގައި އޭނާގެ އުމުރުން އެންމެ 17 އަހަރުގައި ޝެއާ ކުރި ވީޑިއޯ އަކާ ގުޅިގެންނެވެ.
ލިޒީ އަކީ މޯޓިވޭޝަނަލް ސްޕީކާ އެކެވެ. ނަމަވެސް އެހެން މީހުން މޮޓިވޭޓް ވާކަހަލަ ވާހަކަތައް ކިޔައިދޭން އޭނާއަށް ދަތިވީ ޚުދް އޭނާ ބުލީގެ ޝިކާރައަކަށް ވެގެންނެވެ.
ލިޒީގެ ފުރަތަމަ ވީޑިއޯ އިންޓަނެޓުގައި ވައިރަލްވުމާއެކު ބަޔަކު މީހުން އޭނާއަށް "ދުނިޔޭގެ އެންމެ ހުތުރު އަންހެނާ"ގެ ލަގަބު ދިނެވެ. މިއީ ކިތަންމެ ހިތްވަރުގަދަ ކިތަންމެ އަޒުމުވަރުގަދަ މީހަކަށް ވިޔަސް ކެތް ކުރެވޭ ވަރުގެ ކަމަކަށް ނުވާނެ ކަމަށް ލިޒީ ބުންޏެވެ.
ބަޔަކު މީހުން އޭނާއަށް މިހާ ހުތުރު ލަގަބެއް ދިންއިރު ލިޒީގެ ހާލަތާ މެދު މީގެ ތެރެއިން ވިސްނާލީ ކިތައް މީހުން ކަމެއް ނޭނގެ އެވެ.
ލިޒީ އަކީ ނިއުނެޓަލް ޕްރޮޖެރޮއިޑް ސިންޑްރޯމް ކިޔާ ބައްޔެއް ޖެހިފައިވާ މީހެކެވެ. މީގެ ސަބަބުން އިތުރު ދެ ބައްޔެއް އޭނާއަށް ޖެހިފައި ވެއެވެ. ލިޕޯޑީސްޓްރޮފީ ކިޔާ ބައްޔަކާއި މާފަން ސިންޑްރޯމް އެވެ. ލިޕޯޑިސްޓްރޮފީގެ ސަބަބުން އޭނާގެ ބަރުދަން އިތުރުވާގޮތެއް ނުވެ އެވެ. އަބަދުވެސް ހުންނަނީ ކުޑައިރު އެ ބަލި ޖެހުނުއިރު ހުރި ބަރުދަނުގަ އެވެ. މާފަން ސިންޑްރޫމްގެ ސަބަބުން އޭނާގެ ލޯ ހުރީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
ލިޒީ ބުނި ގޮތުގައި ކިތަންމެ ކުޑަކުޑަ ހަށިގަނޑެއް އެނާއަށް ލިބިފައި ވިޔަސް ދިރިއުޅެނީ ހަމަ އެހެން އިންސާނުން ވެސް ދިރިއުޅޭ އާދައިގެ ދިރިއުޅުމެކެވެ.
އުމުރުން މިހާރު 32 އަހަރު ފުރިފައިވާ ލިޒީ އަށް އެންމެ އުނދަގޫވީ ސްކޫލު ދައުރުގަ އެވެ. ދުނިޔެއަކީ ކިހާ އަނިޔާވެރި ތަނެއްކަން އޭނާއަށް އިހްސާސްވީ ޕްރީ ސްކޫލަށް ދާން ފެށުމުންނެވެ.
"އެލެމެންޓްރީ ސްކޫލާއި މިޑްލް ސްކޫލްގައި އަހަންނާ ކުރިމަތިވި ބުލީގެ ކަންކަމާ ބެހޭ ގޮތުން އަހަންނާ ކަލޭމެން ސުވާލު ކޮށްފިއްޔާ އަހަރެން ބުނާނީ އެއީ ދުވަހަކުވެސް މީހަކު ކުރަން ބޭނުންނުވާ ވަރުގެ ހިތްދަތި ތަޖުރިބާއެކޭ. އަދި އެކަމާ އަހަރެން ވަރަށް ނަފްރަތު ކުރީމޭ. އަހަރެންގެ އަމިއްލަ ނަފްސު ދެކެ އަހަރެންނަށް ނަފްރަތު ކުރެވި ލޯގަނޑުން އަމިއްލަ ސޫރަ ބަލަން ބޭނުން ނުވާ ދަރަޖައަށް ކަންކަން ދިޔަ،" ލިޒީ ބުންޏެވެ.
ނަމަވެސް ހައި ސްކޫލްގައި ލިޒީގެ ހާލަތު ކުދިންނަށް ތަންކޮޅެއް ރަނގަޅަށް އޮޅުން ފިލައި އޭނާއާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރަން ފެށި އެވެ. އަދި ބައެއް އެކުވެރިން ލިބި ހިތްހަމަޖެހިގެން ކިޔެވޭނެ ގޮތް މެދުވެރިވި އެވެ.
ސްކޫލުން ނެރޭ ނޫހަށް އޭނާ މޯޓިވޭޝަނަލް ލިޔުންތައް ލިޔުނެވެ. ޗިއާ ލީޑަރަކަށް ވެސް އުޅުނެވެ. ނަމަވެސް އިންޓަނެޓުގެ ޒަމާން ފެށުމާއެކު އަނެއްކާވެސް ލިޒީގެ ގުޑުން އަރައަރައޮތް އުންމީދުގެ ބިންގަލަށް ބޮޑެތި ލޮޅުންތަކެއް އަރަން ފެށި އެވެ. އެންމެ ކުޑައިރުއްސުރެ އަމިއްލަ ނަފްސަށް އިތުބާރު ހޯދައި ހިތްވަރާއެކު ދިރިއުޅެން ކުރި މަސައްކަތް ފުނޑުފުނޑުވެގެން ދިޔައީ 17 އަހަރުގައި އޭނާ ޝެއާކުރި ފުރަތަމަ ވީޑީއޯއަށް އެތައް ހާސް ބަޔަކު ކުރި މަލާމާތުންނެވެ.
"ދުނިޔޭގެ އެންމެ ހުތުރު އަންހެނާ"ގެ ލަގަބު އެ ވީޑިއޯއަށް ކޮމެންޓުކުރި މީހުން އޭނާއަށް ދިނެވެ. އެއާއެކު މުޅި އުމުރުގައި އޭނާ ކުރި މަސައްކަތް ދެ ސިކުންތު ތެރޭ ބިމާ ހަމަވި އެވެ. ނަމަވެސް ހިތްވަރުކޮށްފައި ލިޒީ އަނެއްކާވެސް ތެދުވެ ހިންދެމިލި އެވެ. އަދި އެހެން މީހުން މޯޓިވޭޓްކޮށް އޭނާ ހިތްހަމަޖެހޭ ކަންކަން ކުރުމުގައި ދެމި އެބަހުއްޓެވެ.
ސޯޝަލް މީޑިއާގައި އެހެން މީހުންނަށް ބުލީ ކުރުމުގައި ވަގުތުތައް ހޭދަކުރީ "މޫނު ނުފެންނަ މީހުންނަށް" އެމީހުންނަށް މި ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން އެނގޭނަމަ އެފަދަ ކަންކަމާ ދުރުހެލިވީސް ކަމަށް ލިޒީ ގަބޫލު ކުރެ އެވެ.
ލިޒީގެ ދިރިއުޅުމުގެ އަމާޒަކީ ވެސް މިފަދަ މީހުންނަށް އެމީހުން އެ ކުރަނީ ކޮން ކަމެއްކަން ވިސްނައިދެވޭތޯ މަސައްކަތް ކުރުމެވެ. ސޯޝަލް މީޑިއާގައި މިހާރު އޭނާ ހިތްވަރާއެކު ކުރަމުންދަނީ ހަމަ އެ މަސައްކަތެވެ.
ލިޒީ ބުނި ގޮތުގައި އޭނާގެ ވާހަކައިން އޭނާ ކަހަލަ އެތައް ބަޔަކު އިބްރަތް ހާސިލުކުރާނެ ކަމަށް އޭނާ އުންމީދު ކުރެ އެވެ. ހަޔާތުގައި ކިތަންމެ ދަތި އުނދަގޫ ކަންކަން ދިމާވިޔަސް، އަދި މީހުންގެ މަލާމާތާއި ފުރައްސާރަ ކުރިމަތިވިޔަސް ހިތް މަރާނުލައި ކުރިޔަށް ދިއުމުގެ އުންމީދު ދޫކޮށްނުލުމެވެ.