ބޮލީވުޑް

ދަރަމްޖީގެ ފުރަތަމަ އަންބަށް ހަސަދައެއް ނުބާއްވަން: ހެމާ

ދަރުމެންދުރަ އާއި ހެމާ މާލިނީ ކައިވެނި ކުރިއިރުވެސް ދަރުމެންދުރަގެ އަންބަކާއި ހަތަރު ދަރިން ތިއްބެވެ. އެހެންކަމުން އެ އާއިލާ އާއި ހެމާއާ ދެމެދު ވަރަށް ބޮޑު ރުޅިވެރިކަމަކާއި ހަސަދައެއް އޮންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި އެވެ. ނަމަވެސް ހެމާ ތަންކޮޅެއް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އޭނާގެ ހިތުގައި ދަރުމެންދުރަގެ ފުރަތަމަ އަނބިމީހާ ޕްރަކާޝް ކޯރަށް އަދި އޭނާއަށް ލިބިފައިވާ ދަރިންނަށް އެއްވެސް ހަސަދައެއް ނަފްރަތެއް ނެތެވެ.

އެކްޓަރުން ކަމަށްވާ ސަނީ އާއި ބޮބީ ޑިއޯލް އަކީ ޕްރަކާޝް އާއި ދަރުމެންދުރަގެ ހަތަރު ދަރިންގެ ތެރެއިން ދެ ދަރިންނެވެ. ދެން ތިބެނީ ދެ އަންހެން ދަރިންނެވެ. އެމީހުން އެއްގޮތަކަށްވެސް އާއްމުންގެ ތެރެއަށް ނުކުމެއެއް ނޫޅެ އެވެ.

ހެމާ ބުނި ގޮތުގައި ދަރުމެންދުރައާ ކައިވެނިކުރަން އޭނާ ނިންމީ އޭނާ ދެކެވާ ލޯބީގެ ސަބަބުންނާއި ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނެވެ. ވީމާ އޭނާ އެހެން އެއްވެސް ކަމަކާ ފިކުރުކޮށް ދެރަވެގެނެއް ނޫޅެ އެވެ.

ދަރުމެންދުރަ އާއި ހެމާގެ ކައިވެންޏަށް މިހާރު 40 އަހަރު ފުރިފައިވާއިރު މި ކައިވެނި ކުރުމަށްފަހު ކައިވެންޏާ ގުޅިގެން ދިމާވި މައްސަލަތައް ކަމަށް ބުނެ ގިނަ ހަބަރުތަކެއް އިންޑިއާގެ ނޫސްތަކުން ގެނެސްދީފައިވެ އެވެ. އަދި ކައިވެންޏާ ބެހޭ ގޮތުން އެތައް ޒަމާނެއް ވަންދެން ގިނަ ބަޔަކު ބަހުސް ކުރަމުން ދިޔަ އެވެ.

މި ކައިވެނި އެހާ ބޮޑަށް މީހުންގެ ލޮލުގައި އަޅައިގަތީ ހެމާ އާއި ދަރުމެންދުރަ ކައިވެނިކުރީ ޕްރަކާޝް ވަރިނުކޮށް ކަމަށް ވާތީ އެވެ. މިކަމުގައި އޭނާ ހޯދީ ތަފާތު ހައްލެކެވެ. އޭނާ ހެމާއާ ކައިވެނިކުރީ ދީން ބަދަލުކޮށް އިސްލާމަކަށް ވެގެން އިސްލާމް ނަމެއް ކިޔައިގެންނެވެ. އެނޫން ގޮތަކަށް އެ ދެ މީހުންނަށް ގުޅެވެން ނެތީމަ އެވެ.

ހެމާގެ ރަންޒަމާނުގައި އޭނާއާ ކައިވެނިކުރަން އޭރު ފިލްމު ކުޅުނު ހުރިހާ އެކްޓަރުން ތިބީ ތައްޔާރަށެވެ. ނަމަވެސް ހެމާގެ ހިޔާލުގައި ދަރުމެންދުރަ ނޫން މީހަކު ނެތެވެ. ކައިވެނިކޮށްގެން އުޅުނަސް ދަރިންތަކެއްގެ ބައްޕައަކަސް ވިޔަސް ދަރުމެންދުރަ ނޫން މީހަކާ ކައިވެނި ނުކުރަން ހެމާ ހުރީ ނިންމައިގެންނެވެ.

ހެމާގެ މައިންބަފައިން ވެސް އޭނާ ދަރުމެންދުރަ އާ ކައިވެނިކުރުމާ ވަރަށް ދެކޮޅެވެ.

ސިމީ ގަރެވަލް ޝޯގައި 1999ގައި ހެމާ ބައިވެރިވެ ވާހަކަ ދައްކަމުން ބުނި ގޮތުގައި އޭނާ ދުވަހަކުވެސް ދަރުމެންދުރަ ކައިރީގައި އޭނާގެ އަނެއް އާއިލާގެ ހިތްހަމަނުޖެހޭ އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި އެމީހުންނާ ވާދަކުރާކަށް ވެސް މަސައްކަތެއް ނުކުރެ އެވެ.

"އަހަރެން އުޅުނީ އަހަރެންގެ އަމިއްލަ ދިރިއުޅުމެއް. އަހަރެން އެހެން މީހުން އުޅޭ ގޮތަކާ ކުރާ ކަމަކާ ބެހިއެއް ނޫޅެން. އެހެން އާއިލާއެއް އޮތޭ ކިޔާފައި އަހަރެން އެންމެ ލޯބިވާ މީހާ ހިތްދަތިވާ ކަހަލަ އެއްޗެތި އެމީހާއާ ދިމާލަށް ގޮވައި އޭނާ ހިތްދަތި ކުރަންވީ ކީއްކުރަން؟" ހެމާ ސުވާލުކުރި އެވެ.

ހެމާ ބުނި ގޮތުގައި ދަރުމެންދުރަގެ ފަރާތުން އޭނާ ބޭނުންވީ ހަމައެކަނި ލޯތްބެވެ. އެ ލޯބި އޭނާއަށް އެންމެ ފުރިހަމަ ގޮތުގައި ލިބުނެވެ. އެ ދެ މީހުންގެ ލޯބީގެ މެދަށް އެކަކަށް ވެސް ނާދެވޭނެކަން އޭނާއަށް ޔަގީންކުރެވެ އެވެ.

"އޭނާގެ މައްސަލަތައް އަހަންނަށް އެނގޭ. އަދި އޭނާ ބޭނުންވާ ގޮތަށް އަހަރެން ކަންކަން ކުރިން. އަދި އަހަރެން އެގޮތަށް ދޫދީގެން އޭނާ ބުނާ ގޮތެއް ހަދާތީ އަހަރެން ދެކެ އިތުރަށް ލޯބިވީ ކަމަށް ދަރަމްޖީ އަބަދުވެސް ބުނޭ،" ހެމާ ބުންޏެވެ.

ދަރުމެންދުރަގެ އަނެއް އާއިލާއާ ހެމާއާ އެއްވެސް ގުޅުމެއް ނެތަސް ހެމާ ދިރިއުޅުނީ އުފާވެރި ދިރިއުޅުމެކެވެ.

"ދަރަމްޖީއާ އަހަރެން ކައިވެނިކުރުމުގެ ކުރިން ބައެއް ސޯޝަލް އިވެންޓުތަކުން ޕްރަކާޝްއާ ބައްދަލުވެފައިވޭ. ނަމަވެސް ކައިވެނީގެ ފަހުން ބައްދަލެއް ނުވޭ. އަހަރެން ދުވަހަކުވެސް އެމީހުންގެ ގެޔަކަށް ނުދަން. ކީއްކުރަން އެހެން ބަޔަކަށް އުނދަގުލެއް ކުރަންވީ. އަހަރެންގެ ދަރިންނާއި ދަރަމްޖީއާ އެކު އަހަރެން އުޅެނީ އުފާވެރި ދިރިއުޅުމެއް،" ހެމާ ބުންޏެވެ.

ހެމާ ބުނި ގޮތުގައި ދަރުމެންދުރަގެ އެ އާއިލާ އޭނާއަށް ނޭނގުނަސް އެ އާއިލާގެ ކޮންމެ ފަރުދަކަށް ވެސް އޭނާގެ ހިތުގައި ލޯތްބާއި އިހުތިރާމް އަބަދުވެސް އޮވެ އެވެ. ނަމަވެސް އެމީހުންނާ ބައްދަލު ނުކުރަނީ އޭގެ ސަބަބުން އެމީހުންނަށް ތަކުލީފެއް ލިބިދާނެތީ އެވެ. ޚުދު އޭނާގެ ދަރިންގެ ވެސް ހުރީ ހަމަ އެ ވިސްނުން ކަމަށް ހެމާ ބުންޏެވެ.