ޕިކްނިކް އައިލެންޑް

ކުޑަގިރިއަށް ކަރަންޓް ދިނުމަށް ބޭނުންވާ ކޭބަލް އަޅައިފި

Jun 8, 2022

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ތަރައްގީކުރަމުންދާ ޕިކްނިކް އައިލެންޑް -- ކ. ކުޑަގިރިއަށް ކަރަންޓް ދިނުމަށްޓަކައި ބޭނުންވާ 3،000 މީޓަރުގެ ކޭބަލް ވަޅުލުމުގެ މަސައްކަތް ސްޓެލްކޯ އިން ނިންމާލައިފި އެވެ.

ސްޓެލްކޯ އިން މި މަސައްކަތް ފެށީ މިދިޔަ މެއި މަހުގެ 26 ވަނަ ދުވަހު އެވެ. ސްޓެލްކޯ އިން އަމާޒު ހިފީ 15 ދުވަހުން އެ މަސައްކަތް ނިންމާށެވެ. އެ މުއްދަތަށް އެ ކުންފުނިން ވަނީ މަސައްކަތް ނިންމާފަ އެވެ.

ކުޑަގިރީގައި ސްޓެލްކޯ އިން އިތުރަށް ކުރަންޖެހޭ މަސައްކަތަކީ ކަރަންޓު ޑިސްޓްރިބިއުޝަން ފޮށިތައް ބެހެއްޓުމާއި މަގުބައްތިތައް ހަރުކޮށް ކަރަންޓް ގުޅައިދިނުމެވެ.

ކުޑަގިރިއަށް ކަރަންޓް ދިނުމަށް ޖަނަރޭޓަރެއް ވެސް ބެހެއްޓުމަށް ބޭނުންވާ އިންޖީނުގެ އަދި ހަދާފައެއް ނުވެ އެވެ. ސްޓެލްކޯ އިން ބުނީ ކުޑަގިރިއަށް ޖަނަރޭޓަރެއް ގެންގޮސް އިންޖީނުގެ ހެދުމަށް ސަރުކާރުން އެ ކުންފުންޏާ ހަވާލުކޮށްފައި ނުވާ ކަމަށެވެ.

ކުޑަގިރިއަށް ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި އެރަށު ވަގައި 3،000 މީޓަރުގެ ކޭބަލް ވަޅުލުމަށް ހަމަޖެހިފައިވެ އެވެ. އަދި ކުޑަގިރީގައި މަގުބައްތި ޖެހުމާއި، ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޅާނީ ވެސް ސްޓެލްކޯ އިންނެވެ.

ސްޓެލްކޯ އިން އިތުރަށް ބުނީ އެކުންފުނިން މަސައްކަތް ކުރަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކުޑަގިރިއަށް ކަރަންޓުގެ ހިދުމަތް ދޭން ކަމަށްވާތީ އެކަމުގެ ދިރާސާއެއް ވެސް ކުރަމުންދާ ކަމަށެވެ.

ކުޑަގިރީގައި އެޗްޑީސީން އެޅުމަށް ހަމަޖެހިފައިވާ ބައެއް އިމާރާތްތަކުގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާއިރު ކުޑަގިރީގައި މިސްކިތެއް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދިއުމަށް ފަޅަކުން އަށް ހެކްޓަރުގެ ބިން ހިއްކާ އެތަން ރަށަކަށް ހެދީ އެމްޓީސީސީންނެވެ. އެ ކުންފުނިން ވަނީ އެ ރަށުގައި 397 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮއްޓަކާއި 428 މީޓަރުގެ ބޮޑުހިލައިގެ ނެރުފައިކައްޓެއް ޖެހުމުގެ މަސައްކަތް ކޮށްފަ އެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.