ބޮލީވުޑް

ޓްރެފިކްގައި ޖެހުމުން އަމީތާބް ދިޔައީ ހިނގާފައި

Jan 4, 2016
1

އާންމު ގޮތެއްގައި މަޝްހޫރު ތަރިން ފިލްމުގެ ޝޫޓިން އަށާއި އެނޫންވެސް އިންޓަވިއު ފަދަ ތަންތަނަށް ގަޑިޖެހިގެން ދާ ވާހަކައަކީ އާންމު ވާހަކައެކެވެ.

ނަމަވެސް މިތަރިންގެ ތެރެއިން މެގަސްޓާ އަމީތާބް ބައްޗަން އަކީ އަހުލާގީ ގޮތުން ލާމަސީލު މިސާލެކެވެ.

އަމީތާބް އިންޑިއާގެ މަގުމަތީގައި ހިނގާފައި އަންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އިއްޔެސުރެން އަންނަނީ ދައުރުވަމުންނެވެ.

މިހަފްތާ ބަންދުގައި ރިލީޒްކުރާ އަމީތާބް އާއި ފަރްހާން އަޚްތަރު ލީޑްރޯލުން ފެނިގެންދާ "ވާޒިރް"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ބައިވެރިވުމަށް ދަނިކޮށް ޓްރެފިކް ބާރުބޮޑުވުމުގެ ސަބަބުން ގިނައިރުތަކެއް ވަންދެން ޓްރެފިކްގައި ޖެހިގެން ހުންނަ ޖެހިއްޖެނަމަ، އިިވެންޓަށް ގަޑިޖެހިގެން ދެވިދާނެތީ އަމީތާބް ވަނީ ކާރުން ފައިބައި، ފައިމަގުގައި އިވެންޓް އޮތް ހޮޓަލަށް ގޮސްފަ އެވެ.

މިއިވެންޓްގައި ނޫސްވެރިންވެސް ބައިވެރިވާތީ އާއި ގަޑިޖެހިގެން އެއްވެސް ތަނަކަށް ދިއުމަކީ އަމީތާބް ބޭނުންކަމަކަށް ނުވުމުން ވަނީ ވަކި ހިސާބަކުން ހިނގާފައި އިވެންޓް އޮތް ހޮޓަލަށް ގޮސްފަ އެވެ.

ނޫސްތަކުގައި ބުނެފައިވާ ގޮތުން އިންޓަވިއު ނަގަން އައިސް ތިބި ބަޔަކު އިންތިޒާރުގައި ބަހައްޓަން އަމީތާބު އެއްވެސް ގޮތަކަށް ބޭނުންނުވާތީ އާއި ޓްރެފިކް އެހާ ބާރުބޮޑުވުމުގެ ސަބަބުން ކާރުގައި މަޑުކޮށްގެން އިނުމުން ދެފަރާތުގެވެސް ވަގުތު ބޭކާރުވާނެތީ އާއި އޭނާގެ ސަބަބުން ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓައް ބުރުލެއް އަަރަން ބޭނުންނުވާތީ އަމީތާބް ހިނގާފައި ދިޔައީ އެވެ. އަދި ޓްރެފިކް ބާރު ބޮޑުވުމުން އަމީތާބްގެ ކާރު މަގުމަތީގައި ތާށިވެފައި ވަނީ އޭނާ ދިރިއުޅޭ ގޭގެ ކައިރީގައި ކަމަށްވެ އެވެ.

މިމަހުގެ ހަތްވަނަ ދުވަހު ރިލީޒްކުރާ "ވާޒިރް"ގައި އަމީތާބް ކުޅެނީ ޕެރެލައިޒްވެފައިވާ މޮޅު ރާޒުވާ ކުޅުންތެރިއެއްގެ ރޯލުންނެވެ.

އެންމެފަހުން އަމީތާބް ފެނިގެންގޮސްފައިވަނީ މިދިޔަ އަހަރު ނިކުތް "ޕީކޫ" އިންނެވެ.