ދަނޑުވެރިކަން

ބަގީޗާގައި އަޅާ ކުދިސޫފިތައް ނައްތާލާނެ ގޮތެއް

ގަސް އިންދާ ހައްދާ މީހުންގެ އެންމެ ކަންބޮޑު ވަނީ އެ މީހުން ލޯބިން އިންދާފައި ހުންނަ ގަސްތަކުގައި އެކި ވައްތަރުގެ ކޫޑި އާއި ސޫފިތައް އާލާވެ އެ ގަސްތައް ކައި ހުސް ކުރާތީ އެވެ.

މާ ގިނައިން ގަސްތަކަށް ކެމިކަލް އެޅުމުން ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރެ އެވެ. އެހެންވުމުން ގަސްކާނާ އަޅަންވާ ވަރަށް ވުރެ އިތުރަށް ބޭނުން ކުރުން އެއްވެސް ވަރަކަށް ރަނގަޅެއް ނޫނެވެ. މީގެ ސަބަބުން ބަގީޗާ ހައްދާ މީހުނާއި ދަނޑުވެރިންނަށް އެކި ކަހަލަ ހަމުގެ ބަލިތައް ވެސް ޖެހެ އެވެ.

އަގު ބޮޑު ގަސްކާނާ ނުގަނެ މިކަމަށް ހައްލެއް ހޯދިދާނެ އެވެ. ގޭގައި ގަހަށް އަޅާ ބޭހެއް ތައްޔާރު ކޮށްލެވިދާނެ އެވެ. ތަށި ދޮންނަން ގެންގުޅޭ މާމާލެމަން ކަހަލަ ދިޔާ ތަކެއްޗަކީ ގަސްތަކުގަ އަޅާ ކުދި ސޫފިތައް ނައްތާލުމަށް އެއްވަނަ އެވެ. ދެ ސަމްސާ މާމާލެމަން ފަސް ލީޓަރުގެ ފެންފުޅިއަކަށް އެޅުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ސްޕްރޭކުރާ ފުޅިން ގަހުގެ ކުރިއަށާއި ގަހުގެ ބުޑަށް ޖެހުމުން ފަތްތަކުގައި ހަރުލާފައި ހުންނަ ފަތްކާ ކުދި ސޫފިތައް ނައްތާލައި ދޭނެ އެވެ. ހަމަ އެގޮތައް އެއްޗެތި ދޮވެފަހުންނަ ފެން އެޅުމުން ވެސް އެކަން ހައްލުވެއެވެ.

ގޭތެރޭ ހައްދާ ގަސްތަކަށް މިހެން ދިމާވާނަމަ ކުރިން އެއްކުރި މާމާމިކްސް ފެން ކުޑަކޮށް ގަސްތަކަށް ސްޕްރޭ ކޮށްލާށެވެ. ނޫނީ އެއްޗެތި ދޮންނައިރު އެއިން އަރާ ފޮނުގަނޑު ގަސްތަކުގެ ބުޑަށް އެޅިދާނެ އެވެ. ރަށްރަށުގެ ގިފިލިތެރޭ އިންދާ ގަސްތައް ވަރުގަދަޔަށް ހެދެނީ މި ސަބަބާ ހުރެ އެވެ.

ހަނޑޫދޮންނައިރު އޭގެން އުކަލާ ގަރުފެނާއި މޭވާ އަދި ތަރުކާރީގެ ތޮށްޓާއި ބިސްތޮށި، ބިހާއި އަލުވި ފަދަ ތަކެތި ކައްކާފަ ހުންނަފެން ގަސްތަކަށް ކާނާގެ ގޮތުގައި ބޭނުންކުރެވޭނެ އެވެ. ނަމަވެސް އެއްވެސް އެއްޗެއް ކައްކާފަ ހުންނަ ފެން ހިހޫވުމުން ނޫނީ ގަސްތަކަށް އެޅުން ރަނގަޅެއް ނުވާނެ އެވެ.