ކުދި އަދި މެދުފަންތީގެ ދަނޑުވެރިކަމުގެ މަޝްރޫއުތަކަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮމަން ފަންޑް ފޯ ކޮމޮޑިޓީސް (ސީއެފްސީ) އިން ހުޅުވާލައިފި އެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނީ މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ދިިވެހި ދަނޑުވެރިންނަށް ހުޅުވާލާފައިވާ ކަމަށާއި މިއީ ދަނޑުވެރިންގެ ވިޔަފާރިތައް ފުޅާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.
މި ލޯނު ދިނުމުގައި އަންހެން ދަނޑުވެރިންނަށް ސީއެފްސީ އިން އިސްކަންދޭނެ ކަމަށްވެސް އެގްރިކަލްޗާ މިނިސްޓްރީން ބުނެފައިވެ އެވެ.
މި ލޯނަށް ޕްރޮޕޯސަލް ހުށަހަޅުމުގެ ފުރުސަތު ވަނީ އެޕްރީލް 1 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.
ލޯނަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އިޖާދީ ވަސީލަތްތަކުގެ އެހީގައި ދަނޑުވެރިކަން ކުރުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް ސީއެފްސީއިން ވަނީ ބުނެފަ އެވެ.