ދުނިޔެ

ޔުކްރޭނުން ހަދަނީ ދޮގު: ލަވްރޯފް

ޔުކްރޭންގައި އުފައްދާ ގޮވާމުގެ ބާވަތްތައް މާކެޓަށް ނެރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ބުނެ ޔުކްރޭނުން ހަދަނީ ގޮދު ކަމަށް ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި ޔުކްރޭނުން ގޮވާން އެކްސްޕޯޓް ކުރަން ރަޝިއާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ވަނީ ފުރިހަމަ ކޮށްފަ އެވެ.

ގޮވާން އުފުލާ ބޯޓުތަކަށް ރަޝިއާއިން އެއްވެސް ތުރާލެއް ނުޖައްސާނެ ކަމަށް ޑިފެންސް މިނިސްޓްރީން ކޮންމެ ދުވަހަކު ބުނާ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގޮވާން އުފުލާ ބޯޓުތަކަށް ހަމައެކަނި އޮތް ނުރައްކަލަކީ ބަނދަރުތަކުގައި ޔުކްރޭނުން ވަޅުލާފައި ހުރި މައިންތަކެވެ.

ޔުކްރޭނުން ކާބޯތަކެތި ހިފައިގެން ބޮސްފޮރަސް ކަނޑުއޮޅި ހުރަސްކުރާ އުޅަދުތަކަށް ރަޝިއާ ހަމަލާ ނުދޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. ރަޝިއާގެ ހަމަލާއެއްގައި އެއިން އުޅަނދަށް ގެއްލުމުއް ނުލިބޭނެކަން ކިތަންމެ ވަރަކަށް ވެސް ކަށަވަރު ކޮށްދެވިދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ޔުކްރޭނުން ގޮވާން ބޭރު ކުރެވޭނެ ކަމަށް ލަވްރޯފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގޮވާން ބޭރުކުރުމަށް ކުރަން އޮތީ ވަރަށް ކުޑަ ކަމެކެވެ. އެއީ ބަނދަރު ތަކުގައި ޔުކްރޭނުން ހަރުކޮށްފައި ހުރި މައިންތައް ނެގުމެވެ.

މުދާ އުފުލާ ބޯޓުތައް ދަތުރުކުރާ ބަނދަރަކަށް ރަޝިއާ މައިން ނާޅާނެ ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ. އަދި ވިދާޅުވީ ބަނދަރުތަކުގައި މައިން ހުރި ތަންތަން އެނގޭނީ ޔުކްރޭނަށް ކަމަށާއި، މައިންތައް ނެގުމުން ބަނދަރު އަމާންވީ ކަމަށެވެ.

ޔުކްރޭނުން ދުނިޔެއަށް ވިސްނައި ދީފައި އޮތީ ގޮވާން ބަރާ ކޮށްގެން ޔުކްރޭނުންގެ ބަނދަރު ތަކުން ކަޅުކަނޑަށް ދަތުރުކުރާ ބޯޓުފަހަރަށް ރަޝިއާއިން ހަމަލާދޭ ކަމަށެވެ. ދުނިޔެއަށް ދިމާވެގެން އުޅޭ ގޮވާމުގެ ދަތިކަން ކުރިމަތިވެފައި ވަނީ ރަޝިއާއާ ހެދި ކަމަށެވެ.

ޔުކްރޭނަނީ ދުނިޔޭގެ ބާޒާރަށް ގޮވާމުގެ ވަރަށް ގިނަ ބާވަތްތައް ނެރޭ ގައުމެކެވެ. ރައްކާތެރި ކަމާއެކު ޔުކްރޭންގެ ގޮވާން ބޯޓުފަހަރަށް ދަތުރުކުރެވެން ފެށުމުން ދުނިޔެއަށް ދިމާވެފައި އޮތް ކާބޯތަކެތީގެ ދަތިކަމަށް ލުއިލިބޭނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.