ދުނިޔެ

ދައުލަތަށް ނުރައްލެއް އޮތްކަން ބުނެދޭ މީހަކަށް 15،000 ޑޮލަރު

އާންމު ރައްޔިތުންނަށް އިނާމެއް ދެވިދާނެ ގޮތްތަކެއް ޗައިނާއިން ކަނޑައަޅައިފި އެވެ. އާންމުންނަށް އަމާޒުކޮށް ބަޔާނެއްގައި ބުނެފައިވާ ގޮތުން ދައުލަތަށް ޖާސޫސް ކުރާކަން ނުވަތަ ގައުމަށް ބަޔަކު ގެއްލުމެއް ދޭން އުޅޭކަން ސިއްރިއްޔާތުގައި ދައުލަތާ ހިއްސާކޮށްފި ކޮންމެ މީހަކަށް 15،000 ޑޮލަރު ދޭނެ އެވެ.

ޗައިނާގެ އުންމީދަކީ އާންމުންނާއެކު ރަނގަޅު ގުޅުމެއް އުފެއްދުމެވެ. އާންމުން ހިތުގައި ދައުލަތާ މެދު ކަންބޮޑުވުމެއް އޮތް ނަމަ އަދި އެފަދަ ކަންބޮޑުވުންތަކުން ގައުމަށާއި ދައުލަތަށް ގެއްލުމެއް ލިބިދާނެ ކަމަށް ބެލެވޭ ނަމަ އެފަދަ ވިސްނުންތައް ދޫކޮށް އެދޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން މީހަކު ހިއްސާކުރާ މައުލޫމާތަކުން އެ މީހަކަށް އަދަބެއް ނޯންނާނެ އެވެ. އަދި ދައުލަތަށް ބޭނުން ހިފޭ މައުލޫމާތު ހިއްސާ ކުރުމުގައި ދެމިތިބޭ މީހުންނަކީ ގައުމީ ސަލާމަތީ ބާރުތަކާއެކު މަސައްކަތްކުރާ މީހުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން ފައިސާގެ އިތުރުން ޚާއްސަ ސެޓްފިކެޓެއް ވެސް ދެވޭނެ އެވެ. އެއީ ސަރުކާރުން ހިންގާ ކަންކަމުގައި ބައިވެރިވުމަށް ބަލައިގަނެވޭނެ ލިޔުމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޗައިނާގައި ނުވަތަ ގައުމުން ބޭރުގައި ޗައިނާއަށް ގެއްލުން ދިނުމަށް ބަޔަކު ރާވާކަން އެނގި ހުރެ ތެދު ބަހުން ދައުލަތަށް އެއްބާރުލުން ދޭ މީހުންނަށް ސަރުކާރުން ހާއްސަ އެހިތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޗައިނާ ގަބޫލުކުރާ ގޮތުގައި އާންމުން ބައިވެރިކޮށްގެން މިފަދަ ހަރަކާތްތައް ހިންގުމުން އާނުންމެ މެދުގައި ސަރުކާރަށް އިތުބާރު އުފެދޭނެ އެވެ. އަދި ޖާސޫސީ މައުލޫމާތު ހޯދައިގެން ސަރުކާރުން ކުރަނީ ކޮންކޮން ކަމެއްކަން ކަށަވަރު ވާނެ އެވެ.

އާންމު ރައްޔިތުންނާ ބެހޭ މައުލޫމާތު އެއްކޮށްގެން ސަރުކާރުން ކުރާ ކަމެއް ނޭނގޭ ކަމަށް ބުނެ މީގެ ކުރިން ވެސް ވަނީ ޗައިނާ ސަރުކާރަށް ފާޑުކިޔާފަ އެވެ. އާންމު ރައްޔިތުންނަށް ޖާސޫސްކުރުމަށް ވުރެ ގައުމަށް ފައިދާ ހުރި ގޮތްތަކުގައި ވަސީލަތްތައް ބޭނުން ހިފުން ރަނގަޅުވާނެ ކަމަށް ވެސް މީހުން ބުނެ އެވެ.