އާންމުންނަށް އޮޅުވާލައިގެން އެންމެ ގިނަ މީހުންގެ މެންބާޝިޕް ފޯމް ހުށަހަޅާފައިވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ -- ޕީޕީއެމް އިން ކަން ހާމަވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 2018 އިން މިއަހަރުގެ މިހާތަނަށް އޮޅުވާލައިގެން ޕީޕީއެމް އިން ވަނީ 391 ފޯމް ހުށަހަޅާފަ އެވެ. އޮޅުވާލައިގެން ޕީޕީއެމް އިން އެންމެ ގިނަ ފޯމް ހުށަހަޅާފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު 166 ފޯމު ޕީޕީއެމް އިން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.
ދެހާސް އަށާރައިން ފެށިގެން މިއަހަރުގެ މިހާތަނަށް ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ -- އެމްޑީޕީ އިން ވަނީ އޮޅުވާލައިގެން 213 ފޯމް ހުށަހަޅާފަ އެވެ. އޮޅުވާލައިގެން އެމްޑީޕީން އެންމެ ގިނަ ފޯމް ހުށަހަޅާފައިވަނީ 2018 ވަނަ އަހަރު އެވެ. އެ އަހަރު 92 ފޯމު އެމްޑީޕީން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.
އޮޅުވާލައިގެން ތިންވަނަ އަށް އެންމެ ގިނަ ފޯމް ހުށަހަޅާފައިވަނީ އުވާލުމަށް ނޯޓިސް ދީފައިވާ މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (ލޭބާ ޕާޓީ) އިންނެވެ. އެ ޕާޓީން ވަނީ 145 ފޯމް އޮޅުވާލައިގެން ހުށަހަޅާފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި ހިމެނޭ ހުރިހާ ޕާޓީ އަކަށް ވެސް 2018 އިން ފެށިގެން މިއަހަރުގެ މިހާތަނަށް އޮޅުވާލައިގެން މެންބަރުން ވައްދާފައިވެ އެވެ.
ޕާޓީތަކުން އޮޅުވާލައިގެން ފޯމު ހުށަހަޅާފައިވާ އަދަދުތައް
- ޕީޕީއެމް - 391
- އެމްޑީޕީ - 213
- ލޭބާ ޕާޓީ - 145
- ޖުމްހޫރީ ޕާޓީ - 74
- އަދާލަތު ޕާޓީ - 66
- އެމްޓީޑީ - 63
- އެމްއެންޕީ - 57
- އެމްއާރްއެމް - 30
- ޕީއެންސީ - 12
- ޑީއާރްޕީ - 13
އާންމުންނަށް އޮޅުވާލައިގެން ޕާޓީ ތަކަށް މެންބަރުން ވައްދާއިރު އެ މައްސަލައިގައި ހުރިހާ ޕާޓީ ތަކަކުންވެސް ޝަކުވާކޮށް ކަންބޮޑުވުން ފާޅުކުރެ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވެސް އެ މައްސަލައިގައި ކަންބޮޑުވާ ކަމަށް ބުނެ އެވެ. ނަމަވެސް މައްސަލަ އަށް ހައްލު ލިބޭ ތަނެއް ނުފެނެ އެވެ.
އާންމުންނަށް އޮޅުވާލައިގެން ޕާޓީ ތަކަށް މެންބަރުން ވައްދާ މައްސަލަ ހައްލުކުރުމުގެ ގޮތުން އެގޮތަށް ހުށަހަޅާ ކޮންމެ ފޯމެއް ހުށަހަޅާ ޕާޓީއެއް ޖޫރިމަނާކުރަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފަ އެވެ. އަދި ޕާޓީ ތަކަށް އަލަށް ވައްދާ މީހުންގެ ފޯމްތަކުގައިވާ މައުލޫމާތު ހާމަކުރަންވެސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.