ޖުމްހޫރީ ޕާޓީ

ރިޔާސީ އިންތިހާބުގައި ވާދަކުރާނަން: ޖޭޕީ

Jun 9, 2022

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ދެވަނަ އަށް އެންމެ ބޮޑު ޕާޓީ -- ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް އިއްޔެ އިއުލާންކުރުމާ ގުޅިގެން އަވަސް އިން ކުރި ސުވާލަކާ ގުޅިގެންނެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހް މިއަދު ވިދާޅުވީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވި ނަމަވެސް އެމަނިކުފާނުގެ ފަރާތްޕުޅުން އެފަދަ ހުށަހެޅުމެއް ޖުމްހޫރީ ޕާޓީއަށް އަދި ލިބިފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ރައީސްގެ ފަރާތްޕުޅުން ހުށަހެޅުމެއް ރަސްމީކޮށް ލިބުމުން އަޅުގަނޑުމެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު އެ ނިންމާ ގޮތެއް ނިންމާނަން." އަލީ ސޯލިހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޖުމްހޫރީ ޕާޓީން މާކުރިންވެސް ނިންމާފައިވާ ކަމަށެވެ. އެ ނިންމުމަށް އަދި އެއްވެސް ބަދަލެއް ގެނައުމަށް ޕާޓީގެ ކައުންސިލުން އަދި ނިންމާފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެ ވަގުތު ޕާޓީގެ ލީޑަރަކަށް ހުންނަވާ ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރަކަށް ހުންނެވީ ރިޔާސީ އިންތިހާބުގައި ކުރިން ދެ ފަހަރަށް ވާދަކުރައްވާފައިވާ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އެވެ.

އަލީ ސޯލިހް އިތުރަށް ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ކޯލިޝަނާ އެކު ނިކުންނެވުމަށް ރައީސް ސޯލިހް ނިންމެވުމުން އެނގިގެންދަނީ މިހާރުގެ ކޯލިޝަނަށް އެމަނިކުފާނު ކުރައްވާ އިތުބާރު ކަމަށެވެ. އެކަމަށްޓަކައި ޖުމްހޫރީ ޕާޓީގެ ފަރާތުން ޝުކުރުވެސް އަދާކުރެއްވި އެވެ.

"ހަގީގަތުގައި ރައީސް ސާބިތުކޮށްދެއްވައިފި ކޯލިޝަނެއް ދެމެހެއްޓުމުގެ އެންމެ މޮޅު މާލިމީއަކީ އެމަނިކުފާނުކަން،" ރައީސް ސޯލިހަށް ތައުރީފް ކުރައްވަމުން އަލީ ވިދާޅުވި އެވެ.

ރައީސް ސޯލިހް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ ސުވާލުކުރީ އަވަސްގެ ފަރާތުންނެވެ.

ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ކޯލިޝަނަކާއެކު އެމަނިކުފާނު ނިކުމެވަޑައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ އެންމެ މުހިއްމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށާއި އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ވަރަަށް ގިނަ މަޝްރޫއުތައް ފައްޓަވާފައިވާ ކަމަށާ ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާން ޖެހޭ ކަމަށެވެ.

އޭގެ ފަހަށް އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެންމެ ރަނގަޅު ގޮތަކީ ޕްރައިމަރީއެއް ބޭއްވުން ކަމަށާ އެމްޑީޕީން އަމަލުކުރާނީ އަސާސީ ގަވާއިދުގައިވާ ގޮތަށް ކަމަށެވެ. އަދި ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނީ އެމްޑީޕީގެ ކޮންގްރެސް އިން ކަމުގައިވެސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ރައީސް ވިދާޅުވީ 2023ގެ އިންތިހާބުވެސް އެއް ޕާޓީއަކަށް އެކަނި ނިކުމެ ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނަށް އޮތް ޔަގީން ކަމަކީ ކޯލިޝަނަކާއެކު ނިކުންނަވާ 2023 ކާމިޔާބު ކުރެއްވުން ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަން އެބައޮތް ކޯލިޝަނަކާއެކު އެމްޑީޕީ އިސްވެ އޮވެ ބަޔަކާއެކީގައި ނިކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ. އެމްޑީޕީއަށް އެކަންޏެއް ނުވާނެ. އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023. އެމްޑީޕީއަށް ވެރިކަން ކުރަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް،" ރައީސް ސޯލިހް މިއަދު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމެއް 2023 ގައި ގާއިމުކޮށް މިހާރު އޮތް ވެރިކަން ދަމަހައްޓަން އެދޭނަމަ އެކަމަށް އޮތް "ޗޮއިސް" އަކީ އެމަނިކުފާނު ކަމަށްވެސް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ.