ވާހަކަ

އިޙްސާސްވޭ

( 7 ޖޫން 2022 އާ ގުޅޭ )

"މިރޭ ޝަހާ އަންނަނީ ރަންކިޔަންތަ؟." ކައިވެނީގެ ތާރީޚެއް ކަނޑައަޅާކަމުގެ ޚަބަރު އިވިފައި އޮތުމުން އައިތަން އަހާލިއެވެ. ވަގުތުން އައިރިކްގެ ދެބުމަ ކައިރިވެލިތަން އޭނާ ދުށްޓެވެ. އެކަމާ ގުޅުވައި އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އައިތަންގެ ފޯނަށް މެސެޖެއް އައިކަމުގެ ހިލަންވިއެވެ.

"އަހަރެން ދާންޖެހިއްޖެ. ދޮންބެ ކޮފީ ބޯލާ." ފޯނަށް ބަލަން އިނދެފައި ކުއްލިއަކަށް ތެދުވިގޮތަށް އައިތަން ބުނެލިއެވެ.

* * * * *

އަބްދުﷲ އިނީ ސިޓިންރޫމުގައި ހުރި ސޯފާގައެވެ. ފޯނު ހިފަހައްޓާލައިގެން އިނދެ ހިނދުހިނދުކޮޅުން ދޮރާ ދިމާއަށް އޭނާގެ ނަޒަރު ދަތުރުކޮށްލައެވެ. މޫނުމަތިން ފާޅުވޭވޭ ހުރީ ނުތަނަވަސްކަމެވެ. އޭނާގެ ސިކުނޑީގައި ބުރުޖަހަމުން ދިޔައީ ހުރި ހަމައެކަނި ދަރީގެ ޚިޔާލުތަކެވެ. ދަރީންގެ މުސްތަޤްބަލާ މެދު މައިންބަފައިން ވިސްނާވަރެއް އެ ދަރީންނަކަށް ނޭނގޭނެއެވެ. ކައިވެނި ކުރެވުމަށްފަހު ޒަވާޖީ ހަޔާތް ނިމުމަކަށް އަންނަން އެކަކުވެސް ބޭނުމެއްނުވާނެއެވެ.

"މީ ކުއްލިއަކަށް އައި ބަދަލެއްނޫން. މިހެންވާނޭ ކުރީން ވެސް އަހަރެންގެ ހިތް ބުނި." ހިތާހިތާ އަބްދުﷲއަށް ބުނެލެވުނެވެ. ތިމާގެ ދަރި ދޮންފުތުކުރަންވީ ކީއްކުރާން ހެއްޔެވެ. އޭނާގެ އަންހެން ދަރީގެ ހުރި އުނި ސިފަތައް އޭނާއަށް ރަނގަޅަށް އެނގެއެވެ. އެހެންވިޔަސް ދަރީންގެ ކައިވެނި ރޫޅުމުގެ ކުރީން އެކަމަށް ހައްލެއް ހޯދައިދެވޭތޯ އެހެން މައިންބަފައިންނެކޭ އެއްފަދައިން އަބްދުﷲ ވެސް އެއިނީ ގަސްދުކޮށްގެންނެވެ. ބައިވެރިޔާއަށް ހެދޭ ގޯސްތައް ރަނގަޅުކުރާން ފުރުސަތު އޮންނަންވާނެކަމުގައި އަބްދުﷲ ޤަބޫލުކުރެއެވެ.

ދޮރޯށި ހުޅުވި ގޭތެރެއަށް ވަން ދަނބިދަރިފުޅު އަބްދުﷲއަށް ފެނުނެވެ. އަވަހަށް އައިތަންގެ ނަމުން އަބްދުﷲ ގޮވާލިއެވެ. ހިމޭންކަން ވެރިވެފައި އޮތް ސިޓިންރޫމުގައި އޭނާ އެކަނިމާއެކަނި އެ އިނީ އައިތަންގެ އިންތިޒާރުގައެވެ.

"ކޮބާ ރިއާ؟." އައިތަން އަހާލިއެވެ.

"އާދެބަލަ އިށީންނަން." އަބްދުﷲ ބުންޏެވެ.

އައިތަން އެގެއަށް އައިސް އެ ހުރީ އަބްދުﷲ ބުނެގެންނެވެ. ވީއެންމެ އަވަހަކަށް އެގެއަށް އައުމަށް އަބްދުﷲ އެދޭނީ ރިއާއަށް ކަމެއް ވެގެންކަން އައިތަންއަށް އެނގެއެވެ. މަޑުމަޑުން ކުރިޔަށް ޖެހިލައި އަބްދުﷲ އިން ސޯފާގެ އެއްކޮޅުގައި އައިތަން އިށީނެވެ.

"ރިއާ ކޮޓަރީގަ އެބައޮތް. ގޭތެރެއިން ދަރިފުޅު ނުފެންނާތީ ބައްޕަމެން ރިއާއާ ސުވާލުކުރީން. އެނގޭ ދެ ކުދީންގެ މެދުގައި ކުންޏެއް ޖެހިގެންކަން ތިއުޅެނީ. ބައްޕަމެން ތި ދެމެދަށް ނުވަންނަން މިތިބީ ދެކުދީން އަމިއްލައަށް ސުލްހަވާން ފުރުސަތު ދޭންވެގެން. އެކަމަކު މިއަދު ބައްޕައަށް ވެސް މި އަޑުއިވުނީ.... އައިތަން ބޭނުންވަނީ ރިއާ ވަރިކުރާށޭ..."

އަބްދުﷲގެ ވާހަކަތައް ހުއްޓުވާކަށް އައިތަންއަކަށް ނުކެރުނެވެ. އަމިއްލަ މަންމައާއި ބައްޕައަށް އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނާން ފުރުސަތެއް ނުދިނަސް އަބްދުﷲގެ ކުރިމަތީ އެ ސިފަތައް އައިތަން ނުދެއްކިއެވެ. ރިއާގެ މައިންބަފައިންނަށް ވީމައެވެ. އަބްދުﷲ ވަރަށް ގިނަ ނަޞޭޙަތް ދިނެވެ. ދެމަފިރިންގެ ދަތުރަކީ ފަސޭހަ ދަތުރެއް ނޫންކަން އޭނާ އައިތަންއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ބައްޕަގެ ގާތުގައި ރިއާ ވަރަށް ރޮއެ އާދޭސްކޮށްފިކަން އަބްދުﷲ ބުންޏެވެ. ރިއާ ބަދަލުވާން ބޭނުންވާކަން އަބްދުﷲ ބުންޏެވެ. އެ ދަރިފުޅަށް ފުރުސަތެއްދޭން އައިތަންގެ ގާތުން އަބްދުﷲ އެދުނެވެ.

ރިއާގެ ކޮޓަރީގައި ޓަކި ދިނުމާއެކު ދޮރުހުޅުވިއްޖެއެވެ. ދަރިފުޅުގެ ގާތުގައި އެނދުގައި އިން ގުރައިޝާ އެނބުރިލިއެވެ. ދޮރުމަތީ ހުރި އައިތަން ފެނުމުން އޭނާގެ މޫނުމަތި އުޖާލާވިއެވެ. އަވަހަށް ތެދުވެގެން އައިތަންގެ ކައިރިއަށް އައެވެ. އޭނާގެ ކޮނޑުގައި އަތްޖައްސާލުމާއެކު ގުރައިޝާ އެދުނީ ރިއާގެ ގާތަށް ދިއުމަށެވެ. ދެމަފިރިންނަށް ވަގުތު ދީފައި ގުރައިޝާ ނުކުމެ ކޮޓަރީގެ ދޮރު ލައްޕާލިއެވެ. އެއާއެކު ފުރަތަމަ ވެސް އައިތަން އަޅައިގަތީ ކޮޓަރިތެރެ އޮތް ގޮތެވެ. ސާފުތާހިރުކަމާއި ތަރުތީބުކަން ނުދަންނަ އެ ކޮޓަރި އިސްލާހުވެފައިވާތަން ފެނި ހައިރާންވިއެވެ. ނަމަވެސް އެކަން ފާހަގަވީ ކަމަކަށް އައިތަން ނުހެދުނެވެ.

"ކިހިނެއްވެފަ ތިއިނީ." އައިތަންގެ އަޑުގައި އޯގާތެރިކަމެއް ނެތެވެ.

ދެ ކަކުލުގައި އަޅުވާލެވިފައިވާ ދެއަތުގެ ތެރޭ މޫނު ފޮރުވައިގެން ރިއާ އިނެވެ. އައިތަން ކޮށްލި ސުވާލާއެކު އޭނާ ބޯހިއްލާލިއެވެ. ރޮއެރޮއެ ރިއާގެ ދެ ލޯ ފެންނަނީ ރަތްވެ ދުޅަވެފައި ހުރިތަނެވެ. އަދިވެސް ދެ ލޮލުން ކަރުނައިގެ އަސަރު ފާޅުވޭވޭ ހުއްޓެވެ.

"ދޫކޮށްލައިފީމޭ ނުބުނާހާ ހިނދަކު ތީ އަދިވެސް އަހަރެންގެ އަނތްބެކޭ ރިއާ ބުނި. ދެން މިހާރު ތިވަރަކަށް ތި ރޮނީ ކީއްވެ؟." އައިތަން ބުންޏެވެ.

"އައި އޭމް ސޮރީ." ރޮމުންރޮމުން ރިއާ އާދޭހާއެކު ދެއަތް ޖޯޑުކޮށްލިއެވެ.

"ނާންނާނަމޭ މަށެއް ނުބުނަމެންނު. ދެތިން ދުވަސް ދޭށޭ ބުނީ. އެ ވަގުތަކީ ރިއާ ވެސް ދިރިއުޅުމާމެދު ވިސްނާލަން ލިބޭ ފުރުސަތެއް." މަޑުމަޑުން އެނދުކައިރިއަށް އައިތަން އައިސް ހުއްޓިލިއެވެ.

"މިހާރު ވިސްނިއްޖެ. އިތުރަށް ވިސްނާކަށް ދުވަސްތަކެއް ބޭނުމެއްނުވޭ. އައިތަންއާ ވަކިން އަހަންނަކަށް ނޫޅެވޭނެ. ޕްލީޒް... ގެއަށް އާދޭ." ރިއާ ބުންޏެވެ.

"ދެ... ނޫން! އެއް ހަފްތާ... އެއް ހަފުތާ ފަހުން އަންނާނަން. ރިއާ ވިސްނަން ބޭނުން ނުވިޔަސް އަހަރެން ވަގުތު ބޭނުން." ދެ ދުވަސް ތެރޭ އެނބުރި އަންނަން ޚިޔާލުކޮށްފައި ވެސް ކުއްލިއަކަށް އައިތަންގެ ނިންމުން ބަދަލުކޮށްލީއެވެ.

"ޔަގީންތަ؟. ވީކެއް ފަހުން އަންނާނަންތަ؟." ރިއާ އެނދުން ފުންމާލި ގޮތަށް އައިތަންގެ ކުރިމަތީ ހުއްޓުނެވެ.

"އާން... އެހެންވީމަ ތިޖަހާ ސަކަރާތްތައް ހުއްޓާލާ." އައިތަން އެއްބަސްވިއެވެ.

"އަހަރެން ގުޅީމަ ފޯނު ނަގާނަންތަ؟. އެއް ހަފްތާ ވަންދެން އައިތަންއާ އެއްވެސް ގުޅުމެއް ނުބާއްވަންވީތަ؟." ރިއާގެ ދެ ލޮލުގައިވީ އާދޭހުގެ އަސަރެވެ. އައިތަންގެ ނިންމުމާމެދު އޭނާ ހިތްހަމައެއް ނުޖެހެއެވެ. އެކަމަކު އެ ނިންމުން ބަލައިގަންނަން އޭނާ އެހުރީ ތައްޔާރަށެވެ.

"ގުޅިޔަސް އެންމެ ރަނގަޅު. ބިޒީ ނޫނިއްޔާ ފޯނު ނަގާނަން." އައިތަން ބުންޏެވެ.

"ބައްދާލަންތަ؟." އައިތަންއާ ގާތަށް ރިއާ ފިޔަވަޅެއް އަޅާލިއެވެ. ހަމައެހިނދު އައިތަންގެ ފިޔަވަޅު ޖެހިލީ ފަހަތަށެވެ.

"ދަނީ..." އައިތަން ނިކަން އަވަސްއަވަހަށް ބުންޏެވެ.

އައިތަން އެގެއިން ނުކުމެގެން އައިސް ކާރަށް އެރިއެވެ. ބޮލުގައި މަޑު ރިހުމެއް އުފެދިފައި ހުއްޓެވެ. ވަކި މަންޒިލެއްނެތި އޭނާ ދުއްވަމުން އައެވެ. ރިއާގެ ބައްޕަ ދެއްކި ވާހަކަތަކާމެދު އައިތަން ވިސްނިއެވެ. އެމީހުންގެ ނަޞޭޙަތުގައި ނުހިފިއޭ ބުނާން އައިތަންގެ ޟަމީރު ތަނެއް ނުދެއެވެ. އެފަދަ ވިސްނުމެއްގައި އިނދެ ދުއްވަމުން ދިޔަ އައިތަން ގެއަށްދާން ނިންމިއެވެ. އެއާއެކު ޝަހާގެ ޢާއިލާ އެގެއަށް އަންނަން ހަމަޖެހިފައި އޮތްކަން ހަނދާންވިއެވެ. ރަންކިޔަނީތޯ އައިތަން ކުރި ސުވާލަށް އައިރިކް ވަކި ޖަވާބެއް ނުދިންކަން ވެސް އޭނާ ހަނދާންވިއެވެ. އަތުކުރީ އޮތް ގަޑިއަށް އޭނާ ބަލާލިއެވެ. ރޭގަނޑު އަށެއް ޖަހައި ހިނގައްޖެއެވެ. ގެއާ ވީ ދިމާއާ އިދިކޮޅަށް އޭނާ ކާރު އަނބުރާލިއެވެ. ހެޔޮވަރު ދުވެއްޔެއްގައި އޭނާ އައިސް މަޑުކޮށްލީ މާވިއްކާ ފިހާރައިގެ ކައިރިއަށެވެ. އަލިކަމެއްނުވާ އެ ފިހާރައިގެ ހުރީ ބަންދު ބޯޑު އަޅުވާފައެވެ. ވަގުތުކޮޅަކަށް އެ ފިހާރައާ ދިމާއަށް ބަލަން އައިތަން އިނެވެ. ކާރު ދުއްވާލީ އޭގެ ފަހުގައެވެ.

* * * * *

ގެއަށް އެނބުރި އައިސް ވަން މާޔަލްގެ މޫނުގައިވީ ނުތަނަވަސްކަން ފިލުވާލިއެވެ. ރީތިވެލައިގެން ހުރި މަންމަ ފެނުމުން އެ އުޅެނީ ބޭރަށް ދާންކަން މާޔަލް ނަގައިގަތެވެ.

"ކޮއްކޮ ވެއްޖެ ކޮޓަރީގަ. ރައްޓެހިންތަކަކާއެކު ބޭރަށްދާން ތައްޔާރުވަނީ... މަންމައަށް އާދެވޭނެއިރެއް ނޭނގެ. މާޔަލް އެކަނި ގޭގަ ހުންނާނީ." އާމާލް ބުނެލިއެވެ.

"އޯކޭވާނެ. ފޯނު މިއޮތީނު... ކަމެއް ބޭނުންވެއްޖެއްޔާ މަންމައަށް ގުޅާނަން." މާޔަލް ނިކަން އަވަހަށް ބުނެލިއެވެ. އޭނާ އައިސް ސޯފާގައި އިށީނީއެވެ. ގިނައިރެއްނުވެ ކޮޓަރިން މަޒްހަރު ނުކުމެގެން އަތުވެއްޖެއެވެ. އެއާއެކު އާމާލް ގޮސް މަލަކްގެ ކޮޓަރިއަށް ބޯދީފިއެވެ. މަންމަމެން ދަނީކަމުގައި ބުނުމުގެ އިތުރުން މާޔަލް ގެއަށް އައިސް އިންކަން ވެސް ބުންޏެވެ.

"މައިރް ކައިރީ ބުނަންވީނު." މަޒްހަރު ބުނެލިއެވެ.

"ނޫން ބައްޕާ. މާދަމާ ދޮންތި އަންނާނެ ފިހާރައަށް ދާން. މިރޭ ދެން ގެންނާނެކަމެއްނެތް. އައި އޭމް އޯކޭ. ޑޯންޓް ވޮރީ." މާޔަލް ބުނެލިއެވެ.

މަންމައާއި ބައްޕަ ނުކުމެގެން ދިޔަތާ ގިނައިރެއްނުވެއެވެ. ނިކަން ނަލަ ހެދިލައިގެން މަލަކް ކޮޓަރިން ނުކުތެވެ. ސޯފާގައި އިން މާޔަލްއަށް ފަރިދައްކާލިއެވެ. ކޮއްކޮގެ ރީތިކަމަށް މާޔަލް ތާރީފުކޮށްލިއެވެ. މަލަކް ދެއްކި ވާހަކައިން އޭނާ ބޭރަށް ދަނީ ކިޔަވަން އުޅޭ ރައްޓެހިންނާއެކުކަން ދޭހަވިއެވެ. ކޮންމެވެސް މީހަކު މަލަކް ބަލައި އައީކަން އޭނާއަށް އައި ފޯނުކޯލުން މާޔަލްއަށް އެނގުނެވެ. ކޮއްކޮ ނުކުތުމުން ދޮރު ތަޅުލާފައި މާޔަލް އައިސް އޮށޯވެލީ ސޯފާގައެވެ. ބޯދަށަށް ސޯފާގައި ހުރި ކުދި ބާލީހުން ބާލީހެއް ހެޔޮވަރުކޮށްލާފައި އިތުރު ބާލީހެއް ނަގައި މޭގައި ޖައްސާލައި ބައްދާލައިގެން ހުޅުވާފައި ހުރި ޓީވީ ފެންނާނޭހެން އަރިއަކަށް އޮތެވެ.

* * * * *

އެލާމް އަޅަންފެށި ފޯނު އެނދުއަރިމަތީ ހުރި މޭޒުގެ މަތިން އައިތަން ނެގިއެވެ. ތެދުވަންވީކަން އޭނާއަށް އެނގުނެވެ. ރޭގަ އޭނާ ގެއަށް އައިއިރު ބޮޑުކޮޓަރި ތެރެއިން މީހަކު ނުފެނުނެވެ. އައިރިކްގެ ޚަބަރެއް ބަލާލަން ދިޔައިރު އެ ކޮޓަރި ވެސް ހުރީ ލައްޕާފައެވެ. މަންމަ ގާތުގައި އަހާލަން ހިތަށް އަރާފައި ވެސް އައިތަން އެ ޚިޔާލު ދޫކޮށްލީ އޭނާއާއި ރިއާގެ ގުޅުމާ ބެހޭ ގޮތުން މަންމަ ސުވާލު ކުރާނޭކަން ޔަގީންވާތީއެވެ.

އޮފީސް ހެދުން އަޅައިގެން އައިތަން ކޮޓަރިން ނުކުތެވެ. އޮމާންކުރެވިފައި ހުރި ތަތްއިސްތަށިގަނޑާއި މޫނުމަތިން ފާޅުވަނީ ތަޒާކަމެވެ. މަޝްހޫރު ބްރޭންޑެއްކަމަށްވާ ޝެނެލްގެ ބުލޫ ސެންޓުގެ ވަހުން ފަޒާ އެއްވަސް ކުރަމުން އޭނާ އައެވެ. ކާގެއަށް ނުވަދެ ބަދިގެއަށް ވަދެވެން ހުންނަ ދޮރާ އޭނާ ކައިރިވެލިއެވެ.

"ފަޒްނައްތަ މިހޯދަނީ. ދޮންބެއަށް ސައި ގެންދިޔައީތަ؟." އައިތަން އަހާލިއެވެ.

"ކީލަން ތައްޔާރު އެބަކުރޭ. މަންމައާއި ބައްޕަ އެބައިންނެވި ނާސްތާކުރާން. މިތާ ނުހުރޭ... ނުބައި ވަސް ގައިގަ ހިފާފާނެ." ފަޒްނާ އައިސް އައިތަންގެ ގާތުގައި މަޑުކޮށްލި ގޮތަށް ބުންޏެވެ.

"އަހަންނަށާ އެކީ ތައްޔާރުކުރާން ބުނޭ. މިއަދު ދޮންބެއާއެކީ ސައިބޯނީ." އައިތަން ބުންޏެވެ.

"އައިރިކް ރޭގަ ވެސް އެއްޗެއް ނުކައި." އައިތަން ގޮވައިގެން ބަދިގެއާ ދުރަށް ޖެހިލަމުން ފަޒްނާ ބުންޏެވެ.

"ރޭގަ ކިހިނެއްވީ؟. ޝަހާ ނާދޭތަ؟." ފަޒްނާ ހޯދަން އައިތަން އެ އައީ އެ ބޭނުމުގައެވެ. ރޭގައި ކަންވީގޮތެއް އޮޅުންފިލުވުމަށެވެ. ގޭތެރޭގައި ހިނގާ ހުރިހާކަމެއް އެނގޭނެ ހަމައެކަނި މީހަކީ އެއީވީމަ އެވެ.

"ކައިވެނީގެ ތާރީޚް ކަނޑައެޅީ. އަންނަ މަހު ސަތާރައިގެ ރަންކިޔުން." ފަޒްނާ ބުންޏެވެ.

"ސަތާރަ... ދެ ހަފްތާ ފަހުން." އައިތަންއަށް ވެސް ލިބުނީ ހައިރާންކަމެކެވެ.

"ފަހަރެއްގައި ދަރިފުޅު ފެނުނީމަ އެކުއްޖާގެ ޠަބީޢަތަށް ހެޔޮ އަސަރެއް ކޮށްފާނެ. އެހެންނޫނީ ހިޔެއްނުވޭ މިއަދު ކޮޓަރިން ވެސް ނުކުންނާނޭހެން. ދެންމެ ވެސް ދައްތަ ގޮސްފިން. ބައްޕަ ވެސް ގޮސް ގޮވައިފި. ރޭ ބަންދުކުރި ގޮތަށް އެ ކޮޓަރި އަދިވެސް ހުރީ ލައްޕާފައި." ފަޒްނާގެ އަޑުގައި ކަންބޮޑުވުން ވިއެވެ.

"ތަޅުދަނޑި ކޮބާ. އަހަރެން ދާނީ." އައިތަން ބުންޏެވެ.

ގޭގެ ބޮޑުތަޅުދަނޑިފަތި ހޯދައިގެން ގެނެސް އައިތަންގެ އަތަށް ފަޒްނާ ލައިދިނެވެ. އޭގައި ހުރީ ގޭގެ ކޮޓަރިތަކުގެ ތަޅުދަނޑިއެވެ. ކޮންކޮޓަރިއެއްކަން އެނގޭނޭހެން ތަޅުދަނޑީގައި ހުރީ ފާހަގަ ޖަހާފައެވެ. ފަޒްނާ ގާތު ސައިތަބަށް ހިފައިގެން އަންނަން ބުނެފައި އައިތަން ހިނގައިގަތީއެވެ.

"ކާކު؟." ތަޅުހުޅުވާ އަޑު އިވިގެން އައިރިކް ގޮވާލީ ނިކަން ބާރަށެވެ.

"އަހަރެން..." ދޮރުހުޅުވާލައި އެތެރެއަށް ވަނުމާއެކު އައިތަން ބުންޏެވެ. އެ ކޮޓަރިއަށް ތޫފާނެއް އައިސްފަ އޮތް ކަހަލައެވެ. މުށި ވާޒްތަކާއި ފާރުގައި ޒީނަތްތެރިކުރުމުގެ ގޮތުން ބަހައްޓާފައި ހުންނަ ވަށް ލޯގަނޑަށް ދަންދެން ވަނީ ތަޅާލާފައެވެ. ކޮޓަރީގެ ތަޅުމުގެ އެކި ދިމާއަށް ފުނޑުފުނޑުވެގެން ބުރައިގެން ގޮސްފައި ހުރި އެތިކޮޅުތަކުން ފައިޖައްސާލާނޭ ތަންކޮޅެއް ނެތް ފަދައެވެ. ކޮޓަރީގެ މެދެއްހާ ހިސާބުގައި އެލުވާފައި ހުރި އުނދޯލީގައި އެއްފައި ކުރުކޮށްލައިގެން އައިރިކް އޮތެވެ. އުނދޯލީގެ އެއްފަރާތުން ބޭރަށް ވާހެން ކަނދުރާ އެލުވާލައިގެންނެވެ. އޭތި މަޑުޖެހުމެއްނެތި ދެކޮޅަށް ހެއްލިހެއްލި ހުއްޓެވެ. ފިލްޓަރުބުރިއާއި އަޅީން ފުރިފައި ހުރި އަޅިކެނޑީގައި އެއްއަތުން ހިފަހައްޓާލައިފަ ވެއެވެ. ތަޅުންމަތިން ފައިއަޅަން ތަން ހަދަމުން އައިތަން އައިސް އުނދޯލީގެ އެއްފަރާތުގައި ހުއްޓި ވާގަނޑުގައި ހިފަހައްޓާލިއެވެ.

"ކީއްކުރަން؟ އެހެންޏާވެސް އޮފީހަށް ދަމުން އަންނަ މީހެއްނޫނެއްނު ތީ." ނޭފަތުގައި ޖެހުނު ސެންޓުގެ ވަހުންނާއި ބޫޓުގެ އަޑުން އައިތަން ހުރީ އޮފީހަށްދާން ތައްޔާރުވެގެންކަން އައިރިކް ނަގައިގަތެވެ.

"ޑޭޑް ތާރީޚް ހަމަޖައްސައިފިކަން އަޑުއެހިން. ކުރީން ވެސް ދޮންބެ ކައިރީ ބުނިން ދޯ ތިކުރަން އުޅެނީ މޮޔަކަމެކޭ. އަހަރެން ކައިރީ ބުނެބަލަ. ކައިވެނި ހުއްޓުވާލަންވީތަ. ދޮންބެ ބޭނުންވަނީ ކޮންގޮތެއް." އައިތަން ދެއްކި ވާހަކައަށް އައިރިކް ޚިޔާރުކުރީ ހިމޭންކަމެވެ. އިރުކޮޅު ޖަވާބެއް ލިބޭތޯ ހުރި އައިތަން ވާހަކަ ބަދަލުކޮށްލިއެވެ.

"ދޮންބެއާއެކު އެކްސިޑެންޓިވި ކުއްޖާ ކޮބާކަން އެނގޭތަ؟. ދޮންބެއަށް ތިހާލު ޖައްސާފައި އޭނާ އުފަލުގައި އުޅޭކަން އެނގޭތަ؟." އައިތަންގެ ދުލުން ބޭރުކޮށްލެވުނީ އޭނާގެ ހިތުގައި އޮތް ޝަކުވާއެވެ. އައިރިކްގެ ކަތުރުކަށިގަނޑަށް ވާންވެލި ގޮތުން އޭނާ ދަތްކުނޑިވިކާލީކަން ގައިމެވެ. މަޑުން ތެދުވެ އުނދޯލީގައި އޭނާ އިށީނެވެ.

"ތި ދައްކަނީ އަހަންނަށް މުހިންމު ވާހަކައެއްނޫން. މިތަނުން ދާންއުޅޭ." އައިރިކް ބުނެލިއެވެ.

"އެކަމަކު އަހަންނަށް އަޅާނުލާ ދޫކޮށެއް ނުލެވޭނެ. ކީއްވެ އޭނާއަށް ބްލޭމް ނުކުރަންވީ." އައިރިކް ރުޅިއަކީ އެކްސިޑެންޓާ ގުޅިފައިވާ ރުޅިއެއްކަން އައިތަންއަށް އެނގެއެވެ. އެ އެކްސިޑެންޓުގެ ޒިންމާ ނަގަންޖެހޭނީ މާޔަލްކަމުގައި އައިތަން ޤަބޫލުކުރާން ޖެހެއެވެ. އައިރިކްއަށް ޖެހުނު ހާލަކީ މާޔަލްގެ ސަބަބުން ކުރިމަތިވި ނިކަމެތިކަމެކެވެ. ނުކުޅެދޭ މީހެއްގެ ގޮތުގައި މާޔަލް ފެނުނުނަމަ މިހުރިހާ ޝަކުވާއެއް އޭނާގެ ހިތަކު ނުއުފެދުނީހެވެ. ހަމައެކަނި މައްސަލައަކީ އޭނާގެ ބޭބެގެ ދިރިއުޅުން ބޮއްސުންލަމުން ދިޔައިރު މާޔަލް ފެނުނުއިރު އެ އަންހެންކުއްޖާގެ ކިބައިން ފެނުނު އުފާވެރިކަމެވެ. ދުވަހަކުވެސް ހިތާމައެއް އުފުލާފައިނުވާ ފަދައެވެ. އޭނާ ފެނުނީ އެހާ ވެސް ހަމަޖެހިފައި ހުއްޓައެވެ. އެއޮއްބޮޑު ކަންތައް ހިނގައިދިޔައިރު އޭނާ ގަސްދުއެކުރީ އެކަންތައްމަތިން ހަނދާން ވެސް ނައްތާލާށޭ އައިތަންއަށް ހީކުރެވުނެވެ.

* * * * *

މޭޒުގައި ބޯއަޅާލައިގެން މާޔަލް އޮތެވެ. ކައިރީގަ އިން މައިރާ ކޮއްކޮގެ ބޮލުގައި ފިރުމާލިއެވެ. ދޮންތިއާ މާޔަލް ޚިއްޞާކުރީ އިވާންގެ ހުށަހެޅުމެވެ. މައިރާގެ ޚިޔާލެއް ބޭނުންވެގެންނެވެ.

"ރަން ކިޔަސް އަދި މެރީއެއްނޫން އެކުރެވުނީ. ތިން މަސް މަޑުކުރިޔަސް މާއްކޮ އިވާންއާ މެރީކުރާން ބޭނުމެއްނު. އެހެންވީމަ މިހާރު ރަންކިޔަސް އޯކޭއެއްނު. އަސްލު އިވާން އެއުޅެނީ މާއްކޮ ގެއްލިދާނެތީ. ކިރިޔާވިއްޔާ ތިހުރީ އަހަރެމެންނަށް ނުގެއްލި. އެހެންވީމަ އިވާނަށް ވެސް އެހެންއެވަނީ."

"އެހެންވީމަ ރަންކިޔަންވީތަ؟." މާޔަލް އަތްމަތީ ބޯ ބާއްވައިލައިގެން އޮވެ މައިރާއާ ދިމާއަށް ބޯ އަނބުރާލިއެވެ.

"ހޫމް..." މައިރާ ބޯޖަހާލިއެވެ.

މާޔަލް ހަށިގަނޑު ތެދުކޮށްލުމާއެކު އަތްފޯރާ ހިސާބު މޭޒުމަތީ އޮތް އޭނާގެ ފޯނު ނެގިއެވެ. އިވާންއަށް އޭނާ މެސެޖުކޮށްލިއެވެ. އެ މެސެޖު ފެނުމާއެކު އިވާން މޮޔަވާނެކަން މާޔަލްއަށް އެނގެއެވެ. އެ ޚިޔާލުގައި އޭނާއަށް ވެސް އިނދެވުނީ ފާޑަކަށް ހިނިއައިސްފައެވެ.

"އިވާން ކައިރީ ބުނީތަ؟." މާޔަލްގެ ހަރަކާތްތަކަށް ބަލަން އިން މައިރާ އަހާލިއެވެ.

"ހޫމް... އަހަރެންގެ ޖަވާބަކަށް އޭނާ މަޑުއެކުރަނީ. މިބުނީ ކައިވެނީގެ ވާހަކަދައްކަން މާދަމާ އަންނާށޭ. މަންމައާއި ބައްޕަމެން ނިންމީމަ ރަންކިޔަންވީއޭ." މާޔަލް ބުންޏެވެ. އޭނާގެ ފޯނު ރިންގުވާން ފެށީ ހަމައެވަގުތެވެ.

ފޯނުކޯލަށް ޖަވާބުދެމުން މޭޒުދޮށުން މާޔަލް ތެދުވިއެވެ. އިވާންއާ ވާހަކަ ދައްކަމުން މަގުމަތި ފެންނަން ހުރި ބިއްލޫރީގެ ބިތާ ދިމާއަށް މާޔަލް އައިސް ހުއްޓިލިއެވެ. ފިހާރަ ކައިރިއަށް މަޑުކޮށްލާފައި ނިކަން އަވަހަށް ދުއްވާލި ކަޅުކުލައިގެ ކާރު މާޔަލްއަށް ފެނުނެވެ. އެނބުރި މައިރާއަށް މާޔަލް ބަލާލިއެވެ. އެއީ ކުރީން ދެ ފަހަރު ވެސް މާޔަލްއަށް ފެނުނު ކާރުކަން އޭނާއަށް އެނގުނެވެ. އައިތަންގެ ނަން ކުއްލިއަކަށް މާޔަލްގެ ހިތަށް އެރިއެވެ. ކާރުގައި އިން މީހަކު މާޔަލްއަށް ފެންނަވަރެއް ނުވިއެވެ. އެހެންވެ އެއީ އައިތަންއަށް ވެދާނޭކަން ޔަގީނެއްނުވިއެވެ.

* * * * *

އައިތަން ބަލަމުން އައި ފުރުސަތު އޭނާއަށް ލިބުނީ ހަފްތާއެއް ފާއިތުވީ ފަހުންނެވެ. ސްވީޓް ތޯން ފިހާރައިގެ ކައިރީ ކާރު ބާއްވާފައި އޭނާ ފޭބިއެވެ. ފިހާރަ ތެރޭގައި މާއަޅާ ފުރިފައި ހުރި ބާލިދީތަކެއް ތަރުތީބުކުރާން ގުދުވެގެން މާޔަލް އުޅޭތަން ފެނެއެވެ. އެހެންވެ އޭނާގެ ސަމާލުކަން މަގުމަތިން ހިނގާ ކަމަކަށް ދެވިފައެއް ނެތެވެ. ދޮރުގައި ހުރީ ބަންދު ބޯޑު އަޅުވާފައެވެ. އެހެންނަމަވެސް އައިތަން އައިސް ދޮރުގައި ހިފާލުމުން ތަޅުނުލާ ހުރީތީ އެތެރެއަށް އެ ދޮރު ހުޅުވިއްޖެއެވެ. މާޔަލް ތެދުވެ ބަލާލީ ފިހާރައިގެ ދޮރުން މީހަކު ވަން އަޑު އިވުނީމައެވެ. އެއާއެކު އޭނާ ހިނިތުންވެލީ ހައިރާންކަން އެކުލެވޭ ނަޒަރެއް އައިތަންއާ ބަދަލުކޮށްލަމުންނެވެ. އެ އިޝާރާތުން އޭނާއަށް އައިތަން އަކީ ކާކުކަން އެނގިއްޖެކަން ޚުދު އައިތަންއަށް ވެސް އެނގުނެވެ.

"ބަންދުތަ؟." އައިތަން އަހާލިއެވެ.

"ދާންވެގެން މިއުޅެނީ. އެކަމަކު އަދި މިތާ ދޯ މިހުރެވުނީ... ބުނޭ... ކޮންކަހަލަ މަލެއް ބޭނުންވެގެން ތިއައީ. ރަޒާބެގެ ފްރެންޑެއްކަން އެނގޭއިރު ހެލްޕްނުވެ ފޮނުވާލާކަށް ނުވާނެއެއްނު." މާޔަލް އައިސް ފައިސާ ކަނޑާ ކައުންޓަރު ދޮށުގައި ހުއްޓިލިއެވެ.

"މިއަދު އެކަނިތަ؟ ކޮބާ ރަޒާގެ ވައިފް... އައި މީން ޔޯ ސިސްޓަރ." އައިތަން ޔަގީންކޮށްލީއެވެ.

"ގޭގަ. މިހާރު އަހަރެން ބަލާ އަންނާނެ." މާޔަލް ބުނެލިއެވެ. މިއަދަކީ އޭނާއަށް ޚާއްޞަ ދުވަހެކެވެ. އިރުކޮޅަކުން އޭނާ ބަލާ އިވާން އަންނާނެއެވެ. މިރޭ އޭނާ އިވާންއާ އިންނަން ރަން ކިޔާނެއެވެ. އެކަމުގެ ތައްޔާރީތައް ގޭގައި ކުރިޔަށް ދާއިރު މައިރާވީ މަންމަގެ ކައިރީ ގޭގައެވެ. (ނުނިމޭ)