ހައިކޯޓް

ހައިކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފި

Jun 9, 2022
1

ހުސްވެފައިވާ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ދެ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލުމުން ކުރިމަތިލެއްވީ ހ. ސޭންޑީބީޗް، ހުޒައިފާ މުހައްމަދާއި އއ. ފެރިދޫ، ސިޔާމާމަންޒިލް، ޝުކުރުﷲ ޝަކީލް ކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހުޒައިފާ އަކީ މިވަގުތު ފެމިލީ ކޯޓުގެ އިސް ގާޒީ އެވެ. ޝުކުރުﷲ އަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްގެ އާއިލީ ބޭފުޅެކެވެ. ޝުކުރުﷲ މިވަގުތު ހުންނެވީ އޮމްބަޑްސްޕާސަން އޮފީހުގެ ލީގަލް އެގްޒެކްޓިވްގެ މަގާމުގަ އެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާން ކުރީ އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އަލީ ސަމީރު މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000 ރުފިޔާއާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އެލަވަންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ޖުމްލަ 11 ބޭފުޅުން ތިއްބަވަ އެވެ. ނަމަވެސް އެއް ބޭފުޅަކު އިސްތިއުފާ ދެއްވާފައިވާތީ މިވަގުތު ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ 10 ބޭފުޅުންނެވެ.