މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

އެމްކިއުއޭގެ ނިންމުމާމެދު ތައުލީމީ މަރުކަޒުތަކުން ކަންބޮޑުވެއްޖެ

Jun 9, 2022
30

މަތީ ތައުލީމުދޭ މަރުކަޒުތަކަށް ދީފައިވާ އީ-ލާނިން ޑެލިވަރީ މޮޑަލިޓީ -- އޮންލައިންކޮށް ބައިވެރިވެގެން ކިޔަވައިދިނުން -- ގައި ހިންގުމުގެ ހުއްދަ ބާތިލު ކުރުމާއި ގުޅިގެން މަތީ ތައުލީމުދޭ މަރުކަޒުތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވަނީ މަތީ ތައުލީމުދޭ މަރުކަޒުތަކަށް ދީފައިވާ އީ-ލާނިން ޑެލިވަރީ މޮޑަލިޓީ ގައި ހިންގުމުގެ ހުއްދަ ބާތިލުކޮށްފައިވާކަން މިދިޔަ މަހުގެ 28 ވަނަ ދުވަހު އަންގާފައެވެ. އެމްކިއުއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު ސޮއިކޮށް މަތީ ތައުލީމުދޭ މަރުކަޒުތަކަށް ފޮނުވާފައިވާ ސާކިއުލާގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން މަތީ ތައުލީމުދޭ މަރުކަޒުތަކަށް ދީފައިވާ އީ-ލާނިން ޑެލިވަރީ މޮޑަލިޓީ ގައި ހިންގުމުގެ ހުއްދަ މުރާޖައާ ކުރުމަށް ފަހު އެ ހުއްދަ އޭޕްރީލް 28، 2022 ގައި ބާތިލުކޮށްފައިވާ ކަމަށެވެ.

އެ ނިންމުން ނިންމާފައިވަނީ ސަރުކާރުން ކޮވިޑް-19 އާ ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައިވާތީ އާއި ސަރުކާރުން އެޅުއްވި އެކިއެކި ހިފެހެއްޓުމުގެ ފިޔަވަޅުތައްވެސް އުވާލާފައިވާތީ ކަމަށެވެ. މި ހުއްދަ ބާތިލު ކުރުމާއެކު ކޮވިޑްގެ ތެރޭގައި ހިންގަން ފަށާފައިވާ ޕްރަގްރާމް އެޕްރޫވަލްގައި އީ-ލާނިން އިން ކިޔަވައިދިނުމަށް ހުއްދަ ނުދޭ ޕްރަގްރާމްތައް ހިންގުމުގައި އަމަލު ކުރަން ޖެހޭ އުސޫލާ އެއްގޮތަށް އަމަލު ކުރަންވެސް ވަނީ އަންގާފައެވެ. އަދި އީ ލާނިންގައި ކުރިއަށް ގެންދެވޭނީ މިހާރު ފަށާފައިވާ ސެމިސްޓާ ނިމެންދެން ކަަމަށްވެސް އަންގާފައިވެއެވެ.

ނަމަވެސް އެކަމާއި ތައުލީމުދޭ މަރުކަޒުތަކުން ކަންބޮޑުވުމުން މި މަހުގެ ހަވަނަ ދުވަހުވެސް ކޮލިފިކޭޝަން އޮތޯރިޓީން ވަނީ އީ ލާނިންގައި މިހާރު ފަށާފައިވާ ޕްރަގްރާމެއް އެ މޮޑިއުލްގައި ކުރިއަށް ގެންގޮސް ނިންމާލެވިދާނެ ކަމަށް އަންގާފައެވެ.

އަވަސްއާ ވާހަކަ ދެއްކި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ބައެއް އިސް ބޭފުޅުން ވަނީ އެމްކިއުއޭގެ މި ނިންމުމާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ ނިންމުމުގެ ސަބަބުން އެތައް ބަޔަކު ކިޔެވުމުން މަހުރޫމްވާނެ ކަން ވަނީ ފާހަގަކޮށްފައެވެ. ކަންބޮޑުވުން ފާޅުކުރި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އޮންލައިން ކްލާސްތައް ވަގުތުން ހުއްޓާލަން އެންގުމަކީ އެމްކިއުއޭ އިން މަރުކަޒުތަކާމެދު އަދި ދަރިވަރުންނާމެދު ނުވިސްނާ ކަމުގެ ވަރަށް ބޮޑު ހެއްކެކެވެ.

"ކިހިނެތްތޯ ކުއްލިއަކަށް ކުރިއަށް ގެންގޮސް ގޮސް ހުރި ޕްރަގްރާމްތަކެއް އެގޮތަށް ހުއްޓާލާނީ. އޮންލައިންކޮށް އެކި މީހުން އެކި ތަންތަނުގައި ތިބެން ކިޔަވަމުންދާއިރު ވަގުތުން ހުއްޓާލަން އެންގީމަ ކިތައް ދަރިވަރުން ކިޔެވުމުން މަހުރޫމްވާނެތޯ،"

މަތީ ތައުލީމުދޭ ބައެއް މަރުކަޒުތަކުގެ ވެރީން ވަނީ އެ ތަންތަނުން ކުރިއަށް ގެންދާ ކޯސްތަކާއި ޕްރަގްރާމްތަކުގެ މައުލޫމާތު އެމްކިއުއޭއަށް ރަނގަޅަށް ނޭންގެނީތޯވެސް ސުވާލު ކޮށްފައެވެ. އެގޮތުން ގުރުއާނާއި ދީނުގެ މައުލޫމާތު އުގަންނައިދޭ ތަފާތު ޕްރަގްރާމްތަކާއި ކޯސްތަކުގައި އެކި ގައުމުތަކުގައި ތިބި ދިވެހީން ބައިވެރިވަމުންދާއިރު އެ މީހުން ކިޔެވުމުން މަހުރޫމް ވެގެންދާކަން ނޭންގެނީތޯ ސުވާލުކޮށްފައިވެއެވެ.

"އަޅުގަނޑުމެން ހިންގާ ގުރުއާނާއި ސުންނަތް އަދި އެ ނޫންވެސް ބައެއް ޕްރަގްރާމްތަކުގައި އެބަ ބައިވެރިވޭ ޔޫރަޕްގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިން. މެލޭޝިޔާ އިންޑިއާ ލަންކާ ފަދަ ގައުމުތަކުގައި ދިރިއުޅޭ ދިވެހީންވެސް. އޮންލައިން މޮޑެއުލް ހުއްޓާލަން އެންގުމުން އެއީ ވަރަށް ގިނަ ދަރިވަރުންގެ ހައްގުތަކަށް އުނިކަން އަންނާނެ ކަމެއް. އަނެއްކޮޅުން ބޭރުގައި ތިބެގެން ގުރުއާން ފަދަ އިލްމު އުނގެން ބޭނުންވާ ދަރިވަރުންނަށް އޮތް ހަމައެކަނި ފުރުސަތު އެ ބަންދު ކުރެވެނީ. މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" މަތީ ތައުލީމުދޭ މަރުކަޒެއްގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

މީގެ އިތުރުން ދިރިއުޅުމުގެ ކަންކަން ހުރި ގޮތުން ކުލާސްތަކަށް ހާޒިރުވެ ކިޔެވުމުގެ ފުރުސަތު ނެތް އެތައް ބަޔަކަށް އީ-ލާނިންގެ ސަބަބުން ކިޔެވުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ. ނަމަވެސް ދިރާސާއެއް ނެތި އެފަދަ ނިންމުމެއް ނިންމުމުން އެތައް ބައެއްގެ ކިޔެވުން ހުއްޓުމުގެ ފުރުސަތު އޮތް ކަމަށް މަތީ ތައުލީމުދޭ މަރުކަޒުތަކުން ދެކެއެވެ. މީގެ އިތުރުން ރާއްޖޭގައި މަތީ ތައުލީމު ދިނުމުގައި 90 އިންސައްތަ ހިއްސާ އޮތީ އަމިއްލަ މަރުކަޒުތަކުގައި ކަމަށްވީއިރު އެ މަރުކަޒުތަކަށްވެސް މި ނިންމުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ.

"މިއީ ސީދާ އަމިއްލަ މަރުކަޒުތައް އިނދަ ޖައްސާލާނެ ނިންމުމެއް. މި ނިންމުން ބަދަލު ކުރުމަށް އަޅުގަނޑުމެން ގޮވާލަން،" އެހެން ބޭފުޅަކު ވިދާޅުވިއެވެ.

ތައުލީމުދޭ ބައެއް މަރުކަޒުތަކުގެ ވެރީން ވިދާޅުވި ގޮތުގައި މި ނޫންވެސް އެތައް ކަންބޮޑުވުންތަކެއް އެމްކިއުއޭއާމެދު އެބަ އޮތެވެ. އެ ގޮތުން ގުރުއާނާއި ދީނާ ގުޅުން ހުރި ބައެއް ޕްރަގްރާމްތަކަށް ހުއްދައަށް އެދުމުން އެ ހުއްދަ ދިނުން ފަސްކޮށް އަދި ބައެއް ޕްރަގްރާމްތަކަށް ހުއްދަ ދިނުމާމެދު އެއްވެސް ގޮތެއް ނުނިންމާ އެތައް ދުވަހެއް ފާއިތުކުރެއެވެ.