މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

ހުއްދައާ ހިލާފަށް ކޯސްތައް ހިންގާނަމަ ފިޔަވަޅު އަޅާނަން: އެމްކިއުއޭ

Jul 23, 2022
1

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ހުއްދަ ދީފައިވާ ބައެއް ޕްރޮގްރާމުތައް ހިންގުމަށް ހުއްދަ ދީފައިވާ މިންގަނޑުތަކާ ހިލާފަށް މަތީ ތައުލީމު ދޭ ބައެއް މަރުކަޒުތަކުން އަމަލުކުރަމުންދާތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްކިއުއޭ އިން ދީފި އެވެ.

އެމްކިއުއޭ އިން ނެރެފައިވާ އާންމު އިއުލާނެއްގައި ބުނެފައިވަނީ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބައެއް ޕްރޮގްރާމްތައް ހިންގުމުގައި، ހުއްދަ ދީފައިވާ މިންގަނޑުތަކާއި ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ހިލާފަށް، މަތީ ތައުލީމުދޭ ބައެއް މަރުކަޒުތަކުން އަމަލުކުރަމުންދާ ކަމަށް ބުނެ އާންމު ފަރާތްތަކުން ޝަކުވާ ހުށަހަޅަމުންދާ ކަމަށެވެ.

"މިގޮތުން އީ-ލާނިން ޑެލިވަރީ މޮޑަލިޓީގައި ހިންގުމުގެ ހުއްދަ ދީފައި ނުވާ ޕްރޮގްރާމްތައް އީ-ލާނިން ޑެލިވަރީ މޮޑަލިޓީގައި ހިންގާކަމަށް އިޝްތިހާރު ކުރަމުންދާކަން އެބަ ފާހަގަކުރެވެ އެވެ. އަދި މި އަމަލަކީ ގަވާއިދު ނަންބަރު: 2022/R-77 'ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު'އާ ޚިލާފު އަމަލެކެވެ." އިއުލާންގައިވެ އެވެ.

އެމްކިއުއޭ އިން އިތުރަށް ބުނީ މިފަދަ އަމަލުތައް އޮތޯރިޓީއަށް ފާހަގަކުރެވުމުން އެ މައްސަލަ ބަލައި، މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނާއި، ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާ ހިލާފަށް ހިންގާ ޕްރޮގްރާމްތައް ބަލައި ނުގަންނާނެ ކަމަށާއި މިކަމުގެ ސަބަބުން ދަރިވަރުންނަށާއި އާންމު ފަރާތްތަކަށް ލިބިދާނެ ގެއްލުމަކަށްޓަކައި އެކަން އާންމުކޮށް އަންގާ އިއުލާން ކުރީ ކަމަށްވެސް އެމްކިއުއޭ އިން ބުނެފައިވެ އެވެ.

ރާއްޖޭގައި މަތީ ތައުލީމުގެ ކޯސްތައް ހިންގާ މަރުކަޒުތައް އިތުރުވެ މަރުކަޒު ތަކުގެ މެދުގައި ވާދަވެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ބައެއް މަރުކަޒުތަކުން ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރަމުންދާތީ ގެއްލުންވަމުންދާ ކަމަށް ގާނޫނުގެ ތެރެއިން ހިދުމަތް ދިނުމަށް މަސައްކަތް ކުރާ ބައެއް މަރުކަޒުތަކުން ބުނެ އެވެ.