ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރަސޫލާގެ މައްސަލަ ބޭރުކުރަން ލަފައެއް ނުދެން: ރައީސް

Jun 9, 2022
1

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ އިސް ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލުމަށް އެއްވެސް ލަފައެެއް ދެއްވާފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހެން ވިދާޅުވެފައި މިވަނީ ބީޖޭޕީގެ އިސް ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރިކޮށް މިދިޔަ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލީ ސަރުކާރުން އަންގައިގެން ކަމަށް ރައީސް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެފައި ވަނިކޮށެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވަންވީ ގޮތް ނިންމައި ތްރީ ލައިން ވިޕް ނެރެނީ ސަރުކާރުން އަންގާ ގޮތަށް ކަމަށެވެ. އެކަމުގައު އެމްޑީޕީ މެމްބަރުންގެ ބާރެއް ނޯންނަ ކަމަށާއި އަދި އެއީ އެމްޑީޕީގެ ނިންމުން ނޫން ކަމަށްވެސް ވިދޅާުވި އެވެ. އެހެންވެ މުހިއްމު މައްސަލަތަކުގައި ވޯޓު ސަރުކާރުން އަންގާހާ ގޮތަކަށް ވިޕް ނުނެރެވޭ ގޮތް ހަދަން ޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

"މަޖިލިސް ރައީސް މި އިންނަވަނީ ތިތަނުގައި ރިޔާސަތުގައި. ހުރިހާ އެންމެން އިނގިލި ދިއްކުރާނީ ރައީސް ކުރައްވާ ކަމެއްގެ ގޮތުގައި އެކަން" ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭގެ ތުހުމަތަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ ކުއްލި މައްސަލައިގައި ވަކި ގޮތަކަށް އަމަލުކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް އެއްވެސް ކަހަލައެއް ލަފައެއް އެމަނިކުފާނު ދެއްވާފައި ނުވާނެ ކަމަށެވެ. އަދި އެ މައްސަލަ މަޖިލީހުން ބޭރުކޮށްލުމުގައި އަމަލުކުރި ގޮތް އެމްޑީޕީގެ ޕީޖީ ލީޑަރު ވަރަށް ތަފްސީލްކޮށް ވިދާޅުވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގައި ވިޕްލައިން ނެރެން އޮވޭ އުސޫލެއް. ބައްދަލުކޮށްފައި މަޝްވަރާކޮށްފައި އެބޭފުޅުންނަށް ފެންނަ ގޮތަކަށް ވިޕްލައިނެއް ނެރެވޭނެ،" ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ އިސް ތަރުޖަމާން ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލަ އިސްލާމީ ގައުމުތަކުން ކުށްވެރިކުރަމުންދާއިރު ދިވެހި ސަރުކާރުން އެ މައްސަލަ ކުށްވެރި ނުކުރާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި ބީޖޭޕީން ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރިކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައިވެސް ވެއެވެ. ސަރުކާރުން މިހާރު ވަނީ އެ މައްސަލަ ކުށްވެރިކޮށްފަ އެވެ.