ޑރ. އަބްދުﷲ މައުސޫމް

ޔޫއެންޑަބްލިއުޓީއޯ ސަމިޓްގެ ފެށުން މިމަހު 15ގައި

Jun 9, 2022

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ސަމިޓް މިމަހު 15 ވަނަ ދުވަހު ފެށުމަށް ނިންމައިފި އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހު ސަމިޓު ފެށުމުގެ ރަސްމިއްޔާތު އޮތް ނަމަވެސް ސަމިޓު ކުރިއަށްދާނީ މިމަހުގެ 14 އިން 16 އަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގްލޯބަލް ސަމިޓާ ގުޅިގެން ވެސް ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ރަނގަޅު ކަންތައްތަކެއް ފަހިވެ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އޯޕަނިމް ހަފްލާގެ ފަހުން ހައިލެވެލް ބޭފުޅުން ހިމެނޭ ޑިސްކަޝަނެއް ކުރިއަށްދާނެ. ތަފާތު ތިން ސެޝަން އޮންނައިރު އެއް ޝެޝަނަކީ އެގްރޯ ޓޫރިޒަމް. ދެން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް. އަނެއް ސެޝަނަކީ ގެސްޓްރޮނޮމީ ޓޫރިޒަމް. ތިން ސެޝަން ވެސް ކުރިއަށްދާނީ ވަކިވަކި 3 ސެޝަންގެ ގޮތުގައި،" މައުސޫމު ވިދާޅުވި އެވެ.

ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ސަމިޓްގައި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ބޭރުގެ ތަޖުރިބާކާރު ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލްއާއި، ޕާޓާގެ ސީއީއޯ ފާހަގަކުރެވެ އެވެ. މީގެއިތުރުން ރާއްޖޭގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ފިޝަރީޒް މިނިސްޓަރު ހުސައިން ރަޝީދު ހަސަންގެ އިތުރުން ރާއްޖޭގެ ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ބޭފުޅުން ވެސް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.