ރައީސް އަބްދުﷲ ޔާމީން

"އިންޑިއާ އައުޓް" ހުއްޓުވަން ގަރާރު ނެރުއްވީ ބިރުގަންނާތީ: ޔާމީން

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ސަރުކާރުން ކަނޑައެޅީ ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންނަށް ބިރެއް އޮވެގެން ނޫން ކަމަށާ އެ ގަރާރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް "ބިރު" ގަންނާތީ ނެރުއްވާފައިވާ ގަރާރެއް ކަމަށް އިދިކޮޅު ލީޑަރު އަދި އިންޑިއާ އައުޓް ހަރަކާތުގެ ބާނީ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް އިއުލާނު ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސޮއި ކުރައްވައި އޭޕްރީލް 21 ގައި ނެރުއްވި ރިޔާސީ ގަރާރަކުންނެވެ. އެ ގަރާރުގައި ރައީސް ބަޔާން ކުރައްވާފައި ވާގޮތުގައި، މި ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަމެއް ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވާ ކަމަށެވެ.

އަދި އިދިކޮޅު ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށާއި، ރާއްޖޭގެ ތަރައްގީއަށާއި އަދި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ހުރަސްއެޅިގެންދާ ކަމެއް ކަމަށް އެ ގަރާރުގައި ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.

އެ ގަރާރުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި، މިއީ އެންމެހާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ދެކޮޅު ހަރަކާތެކެވެ. މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަން ނަގައިލައި، ރާއްޖޭގެ އިގްތިސޯދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވެސް ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ވަކިން ހާއްސަކޮށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އެކަހެރިވެ، އިތުބާރު ގެއްލި އަދި ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތުތައް ރޫޅުމުގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ވެސް ފާހަގަކުރެއްވޭ ކަމަށް ބަޔާންކުރައްވާފައިވެ އެވެ.

އަދި މި ކެމްޕޭނު ނުހުއްޓެއްޖެނަމަ ރާއްޖޭގެ ރައްޔިތުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި، ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމެއް ވެސް ލިބިދާނެ ކަމަށް މި ގަރާރުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

"ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަންޖެހޭނެ ކަމެއްކަމުގައި ވާތީ، ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ، ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާނެ އަނިޔާއެއްކަމުގައި ފާހަގަކޮށް، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށާއި، ވަކިވަކި ގައުމުތަކާ ދެކޮޅަށް ނުފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ކަމެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ކަނޑައަޅައިފައިވޭ،" ރައީސް ނެރުއްވާފައިވާ ރިޔާސީ ގަރާރުގައި ބަޔާންކުރައްވާފައިވެ އެވެ.

އެ ގަރާރު ނެރުއްވަން ޖެހިވަޑައިގެން ސަބަބުތައް ރައީސް ސޯލިހް އިއްޔެ ވަނީ އިތުރަށް ތަފްސީލު ކޮށްދެއްވާފައެވެ. ރައީސް އޮފީހުގައި އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ވިދާޅުވީ އެ ގަރާރަކީ އިންޑިޔާގެ ރައްޔިތުންނަށް މަގުމަތިން ބިރުދައްކައި ފުރައްސާރަ ކުރާ ހިސާބަށް ކަންކަން ގެންދިއުމުން ކަމަށެވެ.

"އިންޑިއާއާ އިދިކޮޅަށް މި ހިންގާ ކައްތައްތަކުގައި ސެކިއުރިޓީ ކައުންސިލުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ސީދާ އިންޑިއާ ރައްޔިތުންނަށް ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނަށް ފުރައްސާރަކޮށް ބިރުދައްކައި މަގުމަތީގަ އުޅެން ދަތިވާ ވާހަކަ ބައެއް ޓެކްސީތަކަށް އެރުވުން ހުއްޓާލައިފި. އިންޑިއާ ހައިކޮމިޝަނުގެ ބޭރުގަ ލިޔެފަ އެބަހުރި،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ އެ ވާހަކަފުޅަށް މިރޭ އޮތް ޕީޕީއެމްގެ ޖަލްސާގައި ރަައީސް ޔާމީން ވަނީ ރައްދު ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ސޯލިހް ދެއްކެވީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ގަރާރެއް ނެރުނީ ރައީސް ސޯލިހް ބިރުފުޅު ގަންނާތީ ކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާ އައުޓް ހަރަކާތުގެ ވާހަކަ ދައްކާ ހަގީގީ ސަބަބު ރައީސް ސޯލިހަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"މި އުޅެނީކީއެއް މިތާންގައި [ރާއްޖޭގައި] އަޅުގަނޑުމެންގެ ހިދުމަތްތެރީންގެ ގޮތުގައި ތިބި ނަރުހުންނާ ޑޮކްޓަރުންނާއި ޓީޗަރުންނާ، މި މީހުންގެ ވާހަކައެއް ނޫނޭ މި ދައްކަނީއެއް. މިތާންގައި އަޅުގަނޑުމެންގެ ކަނބަލުން ކޮންމެ ރެއަކު މިކުރާ މަސައްކަތުގައި [އިހުތިޖާޖުގައި] އެބަ ޖަލަށް ގެންދޭ. ސައުވީސް ގަޑިއިރު ނޫނިއްޔާ އަނެއް ދުވަހު ކޯޓް އޯޑަރެއް ހޯދައިގެން ހައްޔަރަށް އެބަލާ. އެހެންވީމަ އިންޑިއާ އައުޓްގައި ތިހާ ލޯބިވާ ބަޔަކު ހިދުމަތެރީންގެ ތެރޭގައި ތިބި މީހުންނަށް ބިރުދައްކާ ފުރައްސާރަ ކުރާ ކަމަށްވަންޏާ ޝައްކެއްވެސް ނެތް އަޅުގަނޑުމެންގެ ކަނބަލުން ހައްޔަރު ކުރާ ވަރަށް ވުރެ އަވަހަށް ހައްޔަރު ކުރާނެ ދެއްތޯ. ހައްޔަރު ނުކޮށްފިއްޔާ މިތާ ހުންނަ އިންޑިއާ ސަފީރު ނުވެސް ނިދާނެ. ރައީސް އޮފީހުންވެސް ނުނިކުންނާނެ. އެހެންވީމަ ކޮބައިތޯ އެކަން ކޮށްގެން މީހެއްގެ މައްޗަށް އުފުލުނު ޖިނާއީ ދައުވާއެއް. ކުރެވުނު ތަހުގީގެއް ކޮބައިތޯ. އެހެންވީމަ ރައީސް ސޯލިހް އެ އުޅުއްވަނީ ދިވެހިރައްޔިތުންނަށް ކޯއްޗެއް ވިއްކަންތޯ. ހަގީގަތުގައި މީގައި ބިރު މި ރައްދުވަނީ ކޮންބަޔަކަށްތޯ. ބިރުގަންނަނީ ކޮންބައެއްތޯ. ބިރުގަންނަނީ ސޯލިހް،" ރައީސް ޔާމީން ވިދާޅުވިއެވެ.