އީރާގުގެ ވެރިރަށް ބަޣުދާދުގައި 19 އަހަރަށް ފަހު ޓްރެފިކް ލައިޓް ޖައްސައިފި އެވެ. އީރާގަށް އެމެރިކާ ސިފައިން 2003 ގައި އަރަގަތް ފަހުން ޓްރެފިކް ލައިޓްތައް ހުންނަނީ ނިއްވާލަފަ އެެވެ.
އެމެރިކާ ސިފައިން އީރާގަށް އަރައިގަނެ މަދަނީ ފަސޭހަތަކަށް ބޮޑެތި ގެއްލުންތައް ވަނީ ދީފަ އެވެ. ބަޣުދާދުގެ އުމްރާނީ ތަރައްގީއަށް ކޮށްފައި ހުރި ބޮޑެތި އިންވެސްޓްމަންޓްތައް ވެސް ވަނީ ހަލާކުކޮށްފަ އެވެ.
ބަޣުދާދާުގައި ޓްރެފިކް ލައިޓް ނުޖައްސާ މިހާ ގިނަ ދުވަސް ވެފައި ވަނީ އެ ނިޒާމަށް އެމެރިކާ ސިފައިން ދީފައި ހުރި ބޮޑެތި ގެއްލުންތަކުގެ ސަބަބުންނެވެ. ޓްރެފިކް ލައިޓްތައް މިހާރު ހުރި ގޮތް ސިފަކޮށް ބުނެދީފައިވާ ގޮތުގައި ބޮޑެތި ބަޑީގެ އުންޑަތަކުން ހޮޅިދަނޑިތަކުގައި ލާފައި ހުރި ލަކުނުތައް އަދިވެސް ހުރީ ތާޒާކޮށެވެ.
ރިޕޯޓްތައް ބުނާ ގޮތުން އީރާގުގެ ވެރިރަށުގައި ޓްރެފިކްގެ މައްސަލަތައް ބޮޑުވެ އޮބިނޯންނަ ވަރު ވަނީ ވެފަ އެވެ. ހެނދުނު އޮފީހަށް ނުވައެއް ޖަހާއިރަށް ދާންޖެހޭ މީހުން، އޮފީހަށް ދިއުމަށްޓަކައި ފަހެއް ނުވަތަ ހައެއް ޖަހާއިރު ގެއިން ނުކުންނަން ޖެހެ އެވެ.
މަގުތަކުގައި ދުއްވާ އުޅަނދުތައް ގިނަވެ ޓްރެފިކް ޕޮލިހުންނަށް ވެސް ވަނީ ނުތަކާވަރު ވެފަ އެވެ. ޓްރެފިކް ބަލަހައްޓާ ފުލުހުންނަށް ކޮންޓްރޯލް ނުކުރެވި މަގުތަކުގައި ކޮންމެ ދުވަހަކު އަރާރުންވެ ޑްރައިވަރުންނާއި ފުލުހުން ގަޔަށް އަތްލައި މާރާމާރީ ހިންގާ ކަމަށް ވެއެވެ.
ފުލުހުންނަށް މަގުތައް ކޮންޓްރޯލް ނުކުރެވި އާންމު ރައްޔިތުންނަށް ބޮޑެތި އަނިޔާތައް ލިބެމުންދާ މައްސަލަ ހައްލުކުރަން ބޮޑުވަޒީރު މުސްތަފާ ކަޒިމީގެ އަމުރަށް ހަތިޔާރުއެޅި ސިފައިން ވެސް ވަނީ މަގުތަކަށް ނެރެފަ އެވެ.
ޓްރެފިކް ލައިޓް އަލުން ދިއްލަން ފެށީ ޓްރެފިކް ލައިޓްތައް ޖައްސައި މަގުތައް ތަރުތީކުރަން ބޮޑުވަޒީރު އަމުރުކުރެއް ވުމުންނެވެ. ބޮޑުވަޒީރުގެ އަމުރުގައި ބަޣުދާދުގެ އިތުރުން އީރާގުގެ އެހެން އަވަށްތައް ވެސް ހިމެނެ އެވެ.