ބިންހެލުން

އިންޑިއާއަށް 6.7 މެގްނެޓިއުޑްގެ ބިން ހެލުމެއް

އިންޑިއާގެ މަނިޕޫރް ސްޓޭޓަށް 6.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

މިޔަންމާ އަދި ބަންގްލަދޭޝްގެ ބޯޑަރު ކައިރިއަށް އައި ބިން ހެލުމުގައި މިހާތަނަށް ފަސް މީހުން މަރުވެ 30 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ބިންހެލުމުގައި އައި ލޮޅުންތަކުގައި އަލަށް އިމާރާތްކޮށްފައިވާ ހަ ބުރީގެ އިމާރާތެއްގެ އިތުރުން އެތައް އިމާރާތަކާއި ފާރުތަކެއް ވަނީ ބިމާ ހަމަވެފަ އެވެ.

އިންޑިއާގެ މޫސުމާބެހޭ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ 17 ކިލޯމީޓަރުން އަޑިންނެވެ.

ހަބަރުތައް ބުނާ ގޮތުގައި ބިންހެލުމުގެ އަސަރު ބަންގްލަދޭޝް އަށްވެސް ކުރި އެވެ. އެގޮތުން އެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ބަންގްލަދޭޝްގެ ރައްޔިތުންވަނީ ދެވަނަ ބިން ހެލުމެއް އައިސްދާނެތީ އިމާރާތުން ބޭރުގައި އެތައް ގަޑިއިރެއް ހޭދަކޮށްފަ އެވެ.

ބިން ހެލުމުގައި އަނިޔާވި މީހުންގެ ތެރެއިން މިހާތަނަށް 50 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ އިރު ބިންހެލުމާއި ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ މި ބިންހެލުމުގައި ލިބުނު ގެއްލުން ތަކުން އަރައިގަތުމާއި ބެހޭގޮތުން ކަމާބެހޭ މުއައްސަސާތަކާއެކު މަޝްވަރާކުރައްވާފަ އެވެ.