ތައިލެންޑް

ބެންކޮކް އެއާވޭސްގެ ރާއްޖޭގެ ދަތުރުތައް އަލުން ފަށަނީ

Jun 11, 2022

ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމެއް ކަމަށްވާ ތައިލެންޑްގެ ބެންކޮކް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ.

ކުރިން ހަފްތާ އަކު ހަތަރު ދަތުރު ބެންކޮކުން ރާއްޖެއަށް ކުރަމުން ދިޔަ ސީދާ ދަތުރުތައް ހުއްޓާލީ ކޮވިޑް 19 އާއި ގުޅިގެން މާޗް 2020 ގައެވެ.

ބެންކޮކް އެއާވޭސްގެ ދަތުރުތައް ބެންކޮކްގެ ސުވަނަބަމީ އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަލުން ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ.

ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، ހޯމަ، ބުދަ އަދި ހުކުރު ދުވަހު އެވެ.

ތައި އެއާ އޭޝިއާ އިން ވެސް ގެންދަނީ ރާއްޖެއާއި ތައިލެންޑްގެ ބެންކޮކާ ދެމެދު ދަތުރުތައް ކުރަމުންނެވެ. މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހު ފެށި މިދަތުރުތައް ކުރަނީ ހަފްތާ އަކު ދެ ދުވަހު އެވެ.

އާއްމު ގޮތެއްގައި ބެންކޮކް އެއާވޭސްގެ ޓިކެޓުގެ އަގު އުޅެނީ 500 ޑޮލަރުން މަތީގަ އެވެ.

ކޮވިޑަށް 19 އަށް ފަހު ތައިލެންޑް އަލުން ހުޅުވާލާފައިވާއިރު ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުން ތައިލެންޑްގައި ކަރަންޓީން ވާކަށް ނުޖެހެ އެވެ.