އެމްއޭސީއެލް

ބެންކޮކް އެއާވޭސްގެ ރާއްޖޭގެ ދަތުރުތައް އަލުން ފަށައިފި

Jun 25, 2022

ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމެއް ކަމަށްވާ ތައިލެންޑްގެ ބެންކޮކް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި އެވެ.

ކުރިން ހަފްތާ އަކު ހަތަރު ދަތުރު ބެންކޮކުން ރާއްޖެއަށް ކުރަމުން ދިޔަ ސީދާ ދަތުރުތައް ހުއްޓާލީ ކޮވިޑް 19 އާއި ގުޅިގެން މާޗް 2020 ގައެވެ.

ބެންކޮކް އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމުގެ ގޮތުން އެ އެއާލައިންގެ ބޯޓެއް އިއްޔެ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފަ އެވެ.

ބެންކޮކް އެއާވޭސްގެ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ބެންކޮކްގެ ސުވަނަބަމީ އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، ހޯމަ، ބުދަ އަދި ހުކުރު ދުވަހު އެވެ.

ތައި އެއާ އޭޝިއާ އިން ވެސް ގެންދަނީ ރާއްޖެއާއި ތައިލެންޑްގެ ބެންކޮކާ ދެމެދު ދަތުރުތައް ކުރަމުންނެވެ. މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހު ފެށި މިދަތުރުތައް ކުރަނީ ހަފްތާ އަކު ދެ ދުވަހު އެވެ.

އާއްމު ގޮތެއްގައި ބެންކޮކް އެއާވޭސްގެ ޓިކެޓުގެ އަގު އުޅެނީ 500 ޑޮލަރުން މަތީގަ އެވެ.

ކޮވިޑަށް 19 އަށް ފަހު ތައިލެންޑް އަލުން ހުޅުވާލާފައިވާއިރު ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުން ތައިލެންޑްގައި ކަރަންޓީން ވާކަށް ނުޖެހެ އެވެ.