ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އިނގިލި ބުރިކޮށްލި މީހާއަށް ދައުވާކޮށްފި

ގއ. ވިލިނގިލީގައި އަންހެނެއްގެ އަތުގައި ދަތް އެޅުމަށްފަހު އިނގިލިން ބައެއް ބުރިކޮށްލި މީހާއަށް ދައުލަތުން ފަސް ދައުވާއެއް އުފުލައިފި އެވެ.

މި މައްސަލައިގައި މިމަހުގެ ހަވަނަ ދުވަހު ދައުލަތުން ދައުވާކޮށްފައި ވަނީ ގ. ޗެރީހައުސް، އަލީ ހަސަންގެ މައްޗަށެވެ. މިދިޔަ މަހުގެ ދެވަނަ ދުވަހު އޭނާ ވަނީ ހުއްދަ ނުހޯދާ ވިލިނގިލީ ގެއަކަށް ވަދެ، އެގޭގައި ތިބި މަޔަކާ މާރާމާރީ ހިންގައި އަންހެނެއްގެ އަތުގައި ދަތް އެޅުމަށްފަހު ބުރިކޮށްލާފަ އެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ، އަނިޔާއެއް ދިނުމުގެ ކުށުގެ ތިން ދައުވާ އެވެ.

އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަތްކަން ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ގައިގައި އަތްލުމުގެ ކުށް ސާބިތުވެއްޖެނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނައިރު، އަނިޔާއެއް ދިނުމުގެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.

އެ މައްސަލައިގައި އޭނާ ހައްޔަރުކުރުމަށްފަހު ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. އެކަމަކު ފަހުން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. ކޯޓުން އެމީހާ ދޫކޮށްލާފައި ވަނީ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި 150 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައި ވަނިކޮށެވެ.

ދައުލަތުން ބުނެފައި ވަނީ އޭނާ ދޫކޮށްލުމުން މިމަހުގެ ހަތް ވަނަ ދުވަހު އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދި ކޯޓަށް ފޯމު ހުށަހަޅާފައިވާނެ ކަމަށެވެ. ބަންދާމެދު ގޮތެއް ނިންމުމަށް މިމަހުގެ 13 ވަނަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްދީފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.