ދުނިޔެ

ޓައިވާނަށް އެހީދީގެން ޗައިނާ ސައިޒެއް ނުކުރެވޭނެ

އެމެރިކާއިން އަސްކަރީ ގޮތުންނާއި މާލީ ގޮތުން ޓައިވާނަށް އެހީތެރި ވަނީ ޗައިނާ ސައިޒު ކުރަން ކަމަށް ވާނަމަ ގާތީ ފޭލިވުން ކަމަށް ޗައިނާގެ ޑިފެންސް މިނިސްޓަރު ވެއި ފެންގް ވިދާޅުވެއްޖެ އެވެ.

ދިފާއީ ވަޒީރު ވިދާޅުވި ގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. ހުޅަނގުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެއީ ޗައިނާއިން ވަކިކޮށް ނުލެވޭނެ ބިމެކެވެ. އެމެރިކާގެ ވިސްނުމަކީ ޗައިނާއަށް ލަނޑު ދިނުން ކަމަށް ވާނަމަ ވަޒީރު ވިދާޅުވި ގޮތުގައި އެކަމެއް ކާމިޔާބެއް ނުވާނެ އެވެ.

ޓައިވާނަށާއި ހޮންގްކޮންގަށް އެހީވުމަށް ހުޅަނގުން މާ ވަރުދައްކައިގެން އުޅެނީ ރޭވުމެއްގެ ދަށުން ކަމަށް ވަޒީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއިން ޓައިވާންގައި ކުރަނީ ކީއްކަން ޗައިނާއަށް އެނގެ އެވެ.

އެމެރިކާ ބުނާ ގޮތުން ޗައިނާއިން ކޮންމެ ވަގުތެއްގައި ވެސް ޓައިވާނަށް އަރައިގެންފާނެ އެވެ. އެހެންކަމުން ޓައިވާން ދިފާއު ކުރުމަކީ އެމެރިކާއަށް އޮތް ވާޖިބެކެވެ.

ޓައިވާނާ މެދު ޗައިނާ ގެންގުޅެނީ މާހަރުކަށި ވިސްނުމެއް ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވެސް ވަނީ ވިދާޅުވެފަ އެވެ. އޭނާ އަދި ވިދާޅުވި ގޮތުގައި ޓައިވާނާ މެދު އެމެރިކާގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާދެ އެވެ.

ޗައިނާއިން ދެންމެ ދެންމެ ޓައިވާނަށް އަރައިގެންފާނެ ކަމަށް ހީފުޅުވާ ފަހަރު އަންނަ ކަމަށް ވެސް ލޮއިޑް އޮސްޓިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޗައިނާއިން ދީފާނެ ހަމަލާއަކުން ޓައިވާނަށް ދިފާއުވެވެން ޖެހޭ ކަމަށް އެމެރިކާ ދެކޭ ކަމަށެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ޗައިނާ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވި ގޮތުގައި ޓައިވާން އަކީ ވަކި ދައުލަތަކަށް ހަދަން އެއްވެސް ގައުމަކުން މަސައްކަތްކުރާ ނަމަ ޗައިނާއަށް އިތުރު ގޮތެއް ނޯންނާނެ އެވެ.

ޗައިނާގެ ބައެއް ގޮތުގައި ޓައިވާން ދެމެހެއްޓުމަށް ހަތިޔާރު އުފުލަން ވެސް ޗައިނާ ފަސް ނުޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.